ޚަބަރު

ފުނަދޫ މީހުން އާބަދުވިތާ 50 އަހަރު ކުލަގަދަކޮށް ފާހަގަކުރަނީ


ށ. ފުނަދޫގައި މީހުން އާބާދުވިތާ ފަންސާސް އަހަރު ފުރުން ކުލަގަދަކޮށް ފާހަގަކުރަން އެ ރަށު ކައުންސިލުން ނިންމައިފިއެވެ. ފުނަދޫގައި މީހުން އާބާދުވިތާ ފަންސާސް އަހަރު ފުރޭނީ އަންނަ އަހަރުއެވެ.

ފަޅުރަށެއްގެ ގޮތުގައި އޮތް ފަރުކޮޅުފޮނަދޫގައި މީހުން އާބާދުވާން ފެށީ 1968 ވަނަ އަހަރުގެތެރޭގައެވެ. މީހުން އާބާދުވުމުން އެރަށުގެ ނަން ފުނަދޫއަށް ބަދަލުކުރިއެވެ. ފުނަދޫގައި އެ ސަރަހައްދުން ނުވަ ރަށަކުން މީހުން އައިސް ވަޒަންވެރިވިއެވެ. އޭގެތެރޭގައި ށ. އަތޮޅާއި ނ. އަތޮޅުގެ ބައެއް ރަށްރަށުގެ މީހުން ހިމެނެއެވެ. މީގެތެރެއިން ބައެއް ރަށްރަށުގެ މީހުން އެއްކޮށް ފުނަދުއަށް ބަދަލުވިއެވެ. 

ފުނަދޫގައި މީހުން އާބާދިވިތާ އަންނަ އަހަރު ފަންސާސް އަހަރުފުރޭ އިރު އެ މުނާސަބާ ވަރަށް ކުލަގަދަކޮށް ފާހަގަކުރުމަށް އެރަށު ކައުންސިލުން ވަނީ ނިންމާފައެވެ. މި މަސައްކަތުގައި ސަރުކާރުގެ އެހީތެރިކަންވެސް ކައުންސިލުން ދަނީ ހޯދަމުންނެވެ. ހޯމް މިނިސްޓްރީގެ ވަފްދެއް ފުނަދުއަށް ގޮސް ރަށު ކައުންސިލާއި ރަށުގެ ކަމުވޮށިގެންވާ މީހުންނާވަނީ ބައްދަލުކޮށްއެވެ. ފުނަދުއަށް ޒިޔާރަތްކުރި ހޯމް މިނިސްޓްރީގެ ވަފްދުފައި އިސްކޮށް ހުންނެވީ ހޯމް މިނިސްޓަރގެ ނާއިބް މޫސާ ފަތުހީ އެވެ. އެނާ ވިދާޅުވީ ފުނަދޫގައި މީހުން އާބާދުވިތާ ފަންސާސް އަހަރު ފުރުން ފާހަގަކުރަން ކައުންސިލުން ނިންމާ ސަރުކާރަށް ހުށައަޅާފައިވާކަމަށް. އަދި އެކަމުގައި ސަރުކާރުގެ ފަރާތުން ފުރިހަމަ އެއްބާރުލުން ދޭނެކަމަށްވެސް މުސާ ފަތުހީ ވިދާޅުވިއެވެ. 

"ސަރުކާރުން މިކަމަށް ދެއްވި އިސްކަމާއެކީގައި މި އިޚްތިފާލު ވެގެންދާނީ އިރާދަކުރެއްވިއްޔާ މިފަހަކަށް އައިސް ރާއްޖޭގެ ރައްޔިތުންނަށް ނަމޫނާއެއްގެ ގޮތުގައި ފާހަގަކުރެވޭ ނަމޫނާ އިހްތިފާލެއްގެގޮތުގައި. މިލަދުންމަޑުލު އުތުރުބުރީ ފުނަދުއަކީ އަބަދުވެސް އިހްތިފާލުތައް ފާހަގަކުރުމުމާއި ޤައުމީ މުނާސަބަތުތައް ފާހަގަކުރުމުގައި އެއިރެއްގައި އޮންނަ ސަރުކާރަކަށް އެއްބާރުލުންދީގެން ރައްޔިތުންނަށް ބޭނުންވާ ތަރައްޤީއާއި ހިތްހަމަޖެހުން ގެނެސްދިނުމުގައި ނަމޫނާ ދައްކަމުންދާ ރަށެއް. އަދި ށ. އަތޮޅަކީ މިފަދަ ކަންކަމަށް ނަމޫނާ އަތޮޅެއް". މިނިސްޓަރގެ ނާއިބު ވިދާޅުވިއެވެ.

ފުނަދޫ ކައުންސިލްގެ ރައީސް އަޙުމަދު އިބްރާހިމް ވިދާޅުވީ، އަންނަ އަހަރަކީ އެރަށު މީހުން އާބާދުވިތާ ފަންސާސް އަހަރު ފުރޭ އަހަރު ކަމަށްވާތީ، ޖެނުއަރީ އެއްވަނަ ދުވަހުން ފެށިގެން މިދުވަސް ފާހަގަކުމުގެ ހަރަކާތްތައް ފެށުމަށް ހަމަޖެހިފައިވާކަމަށެވެ. އަދި މިދުވަސް ފާހަގަ ކުރަން ނިންމާފައިވަނީ މުޅި އަހަރަށް ބަހާލައިގެން އެކި ހަރަކާތްތައް  ހިންގާ ގޮތަށްކަމަށެވެ. އޭނާ ވިދާޅުވީ، މިކަމަށް ބޭނުންވާ ބަޖެޓު ދޭނެކަމުގެ ޔަޤީންކަން ސަރުކާރުން ދެއްވާފައިވާކަމަށެވެ.

"އަޅުގަނޑުމެންނަށް ފާހަގަވެގެން މިދިޔައީ އަޅުގަނޑުމެން މި އެދުނު އެދުން ސަރުކާރުން ވަރަށް ދީލަތި ކަމާއެކު ބަލައިގަތްކަން. މިގޮތުން ހޯމް މިނިސްޓްރީގެ ބޭފުޅުންގެ ވާހަކަފުޅަށް ބަލާއިރުވެސް އަޅުގަނޑުމެން މި ދުވަސް ފާހަގަކުރަން ބޭނުންވަނީ ކިހާ ފެންވަރެއްގައިތޯ ބަލާ، އަޅުގަނޑުމެންގެ ޚިޔާލާއެއްކޮށް އަޅުގަނޑުމެން ބޭނުންވާ ގޮތަކަށް މިކަން ފާހަގަކުރުމުގެ އިޚްތިޔާރު އަޅުގަނޑުމެންނަށް ދެއްވާފައިވާ އޮތް ކަމަކީ އަޅުގަނޑު މިފުރުޞަތުގައި ހަމަ ފާހަގަކޮށްލަން ބޭނުންވާކަމެއް." ކައުންސިލްގެ ރައީސް އަޙުމަދު އިބްރާހިމް ވިދާޅުވިއެވެ.

 ށ. އަތޮޅުގެވެރިކަން ކުރާ ފުނަދޫއަކީ އެ ސަރަހައްދުގެ އެންމެ އާބާދީ ބޮޑު، އަތޮޅުން އެންމެ ތަރައްޤީ އެއް ރަށެވެ.