ޚަބަރު

ބޮޑު ބަދަލެއް ނުގެނެސް ބަޖެޓް ފާސްކުރަން ކޮމެޓީން ނިންމައިފި


އަންނަ އަހަރަށް ލަފާކޮށް ދައުލަތުން ހުށައެޅި 27.9 ބިލިއަން ރުފިޔާގެ ބަޖެޓަށް ބޮޑު ބަދަލެއް ނުގެނެސް ބަޖެޓް ކޮމެޓީން ފާސްކުރަން ނިންމައިފިއެވެ.

ބަޖެޓު ފާސްކުރަން ކޮމެޓީން ނިންމީ ބެޖެޓް ކޮމެޓީގައި ހިމެނިވަޑައިގަންނަވާ ޕީޕީއެމް އަދި އެމްޑީއޭއަށް ނިސްބަތްވެވަޑައިގަންނަވާ ބާރަ މެމްބަރުންގެ ވޯޓާއި އެކުއެވެ. ބަޖެޓު ފާސްކުރުމަށް އިދިކޮޅު އެއްވެސް މެމްބަރަކު ވޯޓް ދެއްވާފައެއްނުވެއެވެ.

ބަޖެޓަށް ބޮޑު ބަދަލެއް ނުގެނެސް ކޮމެޓީން ފާސްކުރަން ނިންމި ނަމަވެސް ބަޖެޓުގައި ހިމެނޭ ޕީއެސްއައިޕީގެ އެއް މަޝްރޫއަށް ބަދަލު ގެނައުމާއި އެކު ތިން ރިކޮމަންޑޭޝަން ހިމެނުމަށް ބެޖެޓު ކޮމެޓީންވަނީ ނިންމާފައެވެ.

ބަޖެޓުގައި ހިމެނޭ ޕީއެސްއައިޕީގެ މަޝްރޫއުތަކުގެ ތެރެއިން ބަދަލު ގެނެސްފައިވަނީ ކާށިދޫގައި ޖަލެއް އެޅުމަށް ހުށައަޅާފައިވާ ހުށައެޅުމަށެވެ. ތިން ސަތޭކަ މީހުންގެ މި ޖަލު އެޅުމަށް ބަޖެޓްގައި ކަނޑައަޅާފައިވާ 26 މިލިއަނަށް ވުރެ ގިނަ ރުފިޔާ ބަދަލުކޮށްފައިވަނީ ކ ހުރާގެ ބިން ހިއްކުމަށެވެ.

ބަޖެޓްގައި ހިމަނާފައިވާ ތިން ރިކޮމަންޑޭޝަނަކީ އެމްޑަބްލިއުއެސްސީ އާއި ދިރާގުގެ ސަތޭކަ ޕަސެންޓް ހިއްސާ ދިވެހި ސަރުކާރަށް ގަތުމާއި، މިނިވަން މުވައްސަސާތަކަށް ބަޖެޓުގައި އެއްވެސް ދަތިކަމެއް ދިމާވާނަމަ އެ ފައިސާ ފިނޭންސް މިނިސްޓްރީގެ ހާއްސަ ބަޖެޓުން ހަމަޖައްސާދިނުމާއި ޕީއެސްއައިޕީގެ މަޝްރޫޢުތައް ދިނުމުގައި ސަރުކާރު ހިއްސާވާ ކުންފުނިތަކާ ދިވެހި ކުންފުނިތަކަށް އިސްކަންދިނުމެވެ.