ތަޢުލީމު

"ނެޝަނަލް ލިޓެރަސީ އެންޑް މެތަމެޓިކްސް ސްޓްރެޓެ "އިފްތިތާޙުކޮށްފި


"ނެޝެނަލް ލިޓެރަސީ އެންޑް މެތެމެޓިކްސް ސްޓްރެޓެޖީ" އެޑިއުކޭޝަން މިނިސްޓަރ ޑރ. އައިޝަތު ޝިހާމް އިފްތިތާޙުކޮށްދެއްވައިފިއެވެ. 

ނެޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކެޝަން، އެން.އައި.އީ އާއި ޔުނިސެފް ގުޅިގެން އެކުލަވާލި މި ސްޓްރެޓެޖީއަކީ ދަރިވަރުންގެ މެދުގައި ލިޔަންކިޔަން ދަތުމާއި ހިސާބު ޢިލްމު އިތުރަށް ތަރައްޤީކުރުމުގެ މަޤްޞަދުގައި 5 އަހަރު ދުވަހުގެ މުއްދަތަކަށް އެކުލަވާލި ސްޓްރެޓެޖީއެކެވެ. 

އަންނަ ދިރާސީ އައު އަހަރުގެ ކިޔެވުން ފެށުމާއެކު މި ސްޓްރެޓެޖީއަށް ޢަމަލު ކުރަންފަށާނެއެވެ.

"ނެޝެނަލް ލިޓެރަސީ އެންޑް މެތެމެޓިކްސް ސްޓްރެޓެޖީ" އަކީ ރާއްޖޭގައި ލިޔަންކިޔަން ދަތުމާއި، ހިސާބު ޢިލްމު މިހާރަށްވުރެ ފުޅާކޮށް، ތަޢުލީމީ ނިޒާމް އިތުރަށް ހަރުދަނާކުރުމުގެ މަޤްޞަދުގައި އެކުލަވާލި ސްޓްރެޓެޖީއެކެވެ. މި ސްޓްރެޓެޖީ އެކުލަވާލުމުގައި 2015 އަދި 2016 ވަނަ އަހަރު އެޑިއުކޭޝަން މިނިސްޓްރީން މުޅި ރާއްޖޭގެ ހުރިހާ ސްކޫލްތަކެއްގައި ކުރިއަށްގެންދިޔަ "ނެޝެނަލް އެސެސްމަންޓް" އަދި ޤައުމީ އައު މަންހަޖު ތަންފީޒުކުރުމުގެ ކުރިން ކުރިއަށްގެންދިޔަ "ބޭސްލައިން ސްޓަޑީ" އިން ލިބުނު ނަތީޖާއަށްވެސް ރިޢާޔަތްކޮށްފައިވާކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވިއެވެ. އަދި މި ސްޓްރެޓެޖީއާއެކު ދަރިވަރުންގެ މެދުގައި ދޭހަވުމާއި ދޭހަކޮށްދިނުމުގެ ހުނަރު ތަރަށްޤީކޮށްދިނުމުގެ އިތުރުން ދިރިއުޅުމުގެ ހުރިހާ ޙާލަތެއްގައިވެސް ހިސާބު ޢިލްމުގެ ބޭނުންހިފަން ދަސްކޮށްދޭނެކަމަށްވެސް އެ މިނިސްޓްރީން ވިދާޅުވެއެވެ. 

"ނެޝެނަލް ލިޓެރަސީ އެންޑް މެތެމެޓިކްސް ސްޓްރެޓެޖީ" ރަސްމީކޮށް އިފްތިތާޙުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެޑިއުކޭޝަން މިނިސްޓަރ ޑރ.އައިޝަތު ޝިހާމް ވިދާޅުވީ، ދުނިޔެއަށް މިއަންނަމުންދާ ކުރިއެރުންތަކާއެކު އިނގިރޭސި ބަހުން މުޢާމަލާތު ކުރުމަށާއި، ހިސާބުގެ ޢިލްމަށް ދަރިވަރުން މިހާރަށްވުރެ ބޮޑަށް ތައްޔާރުކުރަންޖެހޭ ކަމަށެވެ. އަދި 2013 ވަނަ އަހަރުގެ އޯލެވެލް ނަތީޖާއިންވެސް އެކަން ވަރަށް ބޮޑަށް ފާހަގަވެގެންދިޔަކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. އެހެންކަމުން އަލަށް އެކުލަވާލި މި ސްޓްރެޓެޖީއާއެކު ދަރިވަރުންގެ މެދުގައި މުޢާމަލާތުކުރުމަށް ބޭނުންވާ އަޑު އިވުމާއި، ވާހަކަދެއްކުމުގެ ހުނަރުތައް ކުރިއެރުވުމަށް ޓީޗަރުންނާއި ބެލެނިވެރިންނަށް އެހީތެރިކަން ލިބޭނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ. 

"2013 ވަނަ އަހަރު ރާއްޖޭގެ އޯލެވެލްގެ ނަތީޖާ ލިބުމުން މިނިސްޓްރީގެ ލީޑަރޝިޕްގެ ތެރޭގައި ކުރެވުނު މަޝްވަރާތަކުންވެސް އެންމެ ބޮޑަށް ފާހަގަކުރެވުނީ ރާއްޖޭގައި އިނގިރޭސިއާއި ހިސާބުގެ ނަތީޖާ ވަރަށް ބޮޑަށް މަސައްކަތްކޮށްގެން މަތިކުރަންޖެހިފައިވާކަން. 2013 ވަނަ އަހަރު އިނގިރޭސިން ފާސްވި ނިސްބަތަކީ 39 އިންސައްތަ. އަދި ހިސާބުން ފާސްވި ނިސްބަތަކީ 49 އިންސައްތަ. ރާއްޖޭގެ ކުދިންގެ ތޫނުފިލިކަމާއި، ތަޢުލީމީ ނިޒާމް މިހާރު ފުޅާވެފައިވާ މިންވަރާއި އަޅާބަލާއިރު، ފާއިތުވި އަހަރުތަކުގައި މިކަމަށް މަސައްކަތްތަކެއް ކުރެވި ކޮންމެވެސް ވަރެއްގެ ނަތީޖާތަކެއް އަޅުގަނޑުމެންނަށް ނެރެވުނު. އެގޮތުން 2016 ވަނަ އަހަރު އިނގިރޭސިން 50 އިންސައްތައަށް ނަތީޖާ މަތިކުރެވި، ހިސާބުން 60 އިންސައްތައަށް ނަތީޖާ މަތިކުރެވުނު. ނަމަވެސް އަޅުގަނޑުމެން ޤަބޫލުކުރަންޖެހޭ ދުނިޔޭގައި މިހާރު ކުރިއަރަމުންދާ ދާއިރާތަކަށް ބަލާއިރު، ހިސާބާއި، އިނގިރޭސި ދާއިރާއިން ދިވެހިން ކުރިއަށްދިއުމަކީ ކޮންމެހެން ބޭނުންވާ ކަމެއްކަން" އެޑިއުކޭޝަން މިނިސްޓަރު ވިދާޅުވިއެވެ. 

މި ސްޓްރެޓެޖީއާ ގުޅޭގޮތުން މީޑިއާއަށް މަޢުލޫމާތު ދެއްވަމުން އެޑިއުކޭޝަން މިނިސްޓްރީގެ އެޑިއުކޭޝަން ޑިވެލޮޕްމަންޓް އޮފިސަރ ފާތިމަތު ޝަހީމާ ވިދާޅުވީ، މި ސްޓްރެޓެޖީގައި ހިމެނޭ ކޮންމެ ގްރޭޑެއްގައި ކިޔަވާ ދަރިވަރުން ޙާސިލްކުރަންޖެހޭ މިންގަނޑުތަކެއް ކަނޑައަޅާފައިވާނެކަމަށެވެ. އަދި މުދައްރިސުންގެ ހުނަރުވެރިކަމާއި ޤާބިލުކަން އިތުރުކުރުމަށްވެސް ޚާއްސަ ކަންތައްތަކެއް އެކަށައަޅާފައިވާކަމަށެވެ.

"މި ސްޓްރެޓެޖީގެ ސަބަބުން މައިގަނޑުގޮތެއްގައި އަންނާނެ އެއް ބަދަލަކީ ކްލާސްރޫމްގައި އަޅުގަނޑުމެން ކުދިންނަށް، އެކުދިންގެ ލިޓްރެސީގެ ހުނަރުތައް އަދި ހިސާބުގެ ހުނަރުތައް އިތުރުކޮށްދިނުމަށްޓަކާ ކަނޑައެޅޭ ވަކި ކަންތައްތަކެއް ސްކޫލްތަކާއި ހިއްސާކުރާނަން. މީގެ ތެރޭގައި ތާވަލް ކުރެވިގެން ސްކޫލްތަކުގައި މިހާރު ކިޔަވައިދޭ ޓައިމް-ޓޭބަލްގެ ތެރެއިން ވަކި ވަގުތުތަކެއް ކުރިއަށްގެންދާނެ ގޮތް ރާވާލެވި، ޓީޗަރުން ތަމްރީން ކުރެވޭނެ. ލިޓްރެސީގެ އެންމެ މައިގަނޑު އަސާސަކީ ކިޔުމާއި، ކިޔުންތެރިކަމާއި، ދޭހަވުމާއި، ދޭހަކޮށްދިނުން ކަމަށްވާތީ، މިކަންކަމަށް އަޅުގަނޑުމެން ވަރަށް ބޮޑު އިސްކަމެއް ދީފައިވާނެ" 

ޑރ.ފާތިމަތު ޝަހީމާ ވިދާޅުވިއެވެ. 

ނެޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކެޝަން، އެން.އައި.އީ އާއި ޔުނިސެފް ގުޅިގެން 5 އަހަރު ދުވަހުގެ މުއްދަތަކަށް އެކުލަވާލި މި ސްޓްރެޓެޖީ ޙާއްސަކޮށްފައިވަނީ ޤައުމީ އައު މަންހަޖުގެ ފައުންޑޭޝަން ސްޓޭޖް، ކީ-ސްޓޭޖް 1 އަދި ކީ-ސްޓޭޖް 2 ގެ ދަރިވަރުންނަށެވެ. އަދި މި ސްޓްރެޓެޖީއަށް ކުރިއަށްއޮތް ދިރާސީ އައު އަހަރުގެ ކިޔެވުން ފެށުމާއެކު ޢަމަލު ކުރުމަށް ވަނީ ހަމަޖެހިފައެވެ.