ދެހާސް ވިހިވަނަ އަހަރުގެ ކުރިން ރާއްޖެއަކީ ޓީބީ ނައްތާލާފައިވާ ގައުމެއްގެ ގޮތުގައި ކަނޑައެޅުމަށް މަސައްކަތްކުރަމުން ގެންދަވާކަަމަށް ހެލްތް މިނިސްޓަރ އަބްދުﷲ ނާޒިމް ވިދާޅުވެއްޖެއެވެ.
މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް މިހެން ވިދާޅުވީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން އިންތިޒާމުކޮށްގެން ރަޝިއާގެ މޮސްކޯގައި ބާއްވާ ކޮންފަރެންސްގައި ބައިވެރިވަޑައިގަތުމަށް ފުރައިވަޑައިގަތުމުގެ ކުރިން މީޑިއާތަކަށް މައުލޫމާތުދެއްވަމުންނެވެ.
މިނިސްޓަރ ވިދާޅުވީ ޑަބްލިޔުއެޗްއޯ އިން އިންތިޒާމުކޮށްގެން ދުނިޔެއިން ޓީބީ ނައްތާލުމަށްޓަކައި ބާއްވާ ކޮންފެރެންސްގެ ސަބަބުން ރާއްޖެއިން ޓީބީ ނައްތާލުމަށް ކުރަމުންދާ މަސައްކަތްތަކަށް ބޮޑެތި ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށެވެ. މިގޮތުން ރާއްޖެއިން ޓީބީ ނައްތާލުމަށް ކުރާ މަސައްކަތަށް މާލީ ގޮތުންނާއި ފަންނީ ގޮތުން އެހީތެރިކަން މި ކޮންފެރެންސްގެ ސަބަބުން ލިބިގެންދާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ. ރާއްޖެއިން ޓީބީ ނައްތާލުމުގައި ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ބޭރުގެ ގައުމުތަކުން ރާއްޖެއަށް މަސައްކަތްކުރަން އަންނަ މީހުންގެ ފަރާތުން މި ބަލި ފެތުރުންކަމަށް މިނިސްޓަރ ނާޒިމް ވިދާޅުވިއެވެ.
"ދިވެހިރާއްޖެއަށް މިމައްސަލާގައި މިވަގުތު އޮތް އެންމެ ބޮޑު ގޮންޖެހުމަކީ އަވައްޓެރި ޤައުމުތަކުން މަސައްކަތުގެ ގޮތުގަ މި އަންނަ މީހުންގެ ސިއްޚީ މައްސަލަތައް. އަޅުގަނޑުމެންގެ އަވައްޓެރި ބައެއް ޤައުމުތަކަކީ ޓީބީގެ އިޝޫ ދުނިޔޭގެ ނިސްބަތުން އިތުރު ޤައުމުތައް. އެހެންވީމަ އެކަމަށް ޚައްލު ހޯދުން އަޅުގަނޑުމެންނަށް އެންމެ ބޮޑު ދައްޗަކަށް މިވަނީ. އަޅުގަނޑުމެންގެ ޒުވާންޖީލު މިކަމަށް ހޭލުންތެރިވެ، އަޅުގަނޑުމެންގެ ބޭސްފަރުވާގެކަންކަން ރަނގަޅުވެ މި ހުރިހާ ކަމެއްގެ ނަތީޖާެއެއްގެ ގޮތުން ދިވެހިރާއްޖޭގެ ޓީބީގެ ހާލަތަކީ ވަރަށް ކުރިންސުރެ ރަނގަޅުކުރެވިފައިވާކަމެއް." މިނިސްޓަރ ނާޒިމް ވިދާޅުވިއެވެ.
ދުނިޔޭގެ ހަތް ދިހަ ޤައުމެއްގެ ހެލްތު މިނިސްޓަރުންނާއި އެކު ސަތޭކައަށްވުރެ ގިނަ މަންދޫބުން ބައިވެރިވާ މި ކޮންފަރެންސް އޮންނާނީ މިމަހުގެ 16 އިން 18 އަށް ރަޝިއާގެ ވެރި ރަށް މޮސްކޯގައެވެ. މި ކޮންފަރެންސް ފައްޓަވައިދެއްވާނީ ރަޝިޔާގެ ރައީސް ވްލަޑްމީރު ޕުޓީން އެވެ. ދެހާސް ވިހީގެ ކުރިން ރާއްޖެއިން ޓީބީ ނައްތާލަން މަސައްކަތްކުރަމުންދާއިރު ، 2030 ގެ ކުރިން މުޅި ދުނިޔެއިން ޓީބީ ނައްތާލުމަށް ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާއިން ވަނީ އަމާޒް ކަނޑައަޅާފައެވެ.