އއ.އުކުޅަހު އިންޖީނުގޭގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.
މި ހާދިސާގައި ދުމުގެ އަސަރު ކުރި 2 މީހަކަށާއި އަލިފާން ނިއްވުމުގައި ހަރަކާތްތެރިވި މީހަކަށް އަނިޔާވެގެން، އުކުޅަހު ސިއްޙީ މަރުކަޒުން ފަރުވާދީފައިވާކަމަށް ފުލުހުން މަޢުލޫމާތުދެއެވެ.
އުކުޅަހު ކައުންސިލްގެ ނާއިބް ރައީސް ޢަބްދުﷲ ފިރާޤް ވިދާޅުވީ މި ހާދިސާގައި އެރަށަށް ކަރަންޓް ދިނުމަށް ބޭނުންކުރަމުންދާ ތިން ޖަނަރޭޓަރުގެ ތެރެއިން އެއް ޖަނަރޭޓަރ ބޭނުން ނުކުރެވޭވަރަށް އަނދާފައިވާކަމަށެވެ. އަދި މުޅިރަށުން ކަރަންޓް ކެނޑިފައިވާކަމަށްވެސް އޭނާ ވިދާޅުވިއެވެ. އުކުޅަހަށް ކަރަންޓްގެ ޚިދުމަތް ފޯރުކޮށްދެމުންދަނީ ސްޓެލްކޯއިންނެވެ.
ސްޓެލްކޯއިން ބުނީ މިހާދިސާއާ ގުޅިގެން، މާލެއިން ސްޓެލްކޯގެ ޓީމެއް އެރަށަށް ފޮނުވާފައިވާކަމަށެވެ. އަދި މިހާރު މަސައްކަތްކުރަމުންދަނީ، ހަލާކުނުވެ ހުރި ދެ ޖަނަރޭޓަރު ބޭނުންކޮށްގެން ރަށަށް ވަގުތީގޮތުން ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދިނުމަށްކަމަށެވެ. އަދި ވީހާވެސް އަވަހަކަށް މި މައްސަލަ ހައްލުކުރުމަށް މަސައްކަތް ކުރަމުންދާކަމަށްވެސް ސްޓެލްކޯއިން ބުނެއެވެ. އުކުޅަހަކީ އާބާދީގައި އެއްހާހަށްވުރެ ގިނަ މީހުން ދިރިއުޅެމުން އަންނަ ރަށެކެވެ.
އުކުޅަހު އިންޖީނުގޭގައި އަލިފާން ރޯވި ހާދިސާ ހިނގަން މެދުވެރިވީ، އިންޖީނުގޭގެ ފުރާޅުގައި ވެލްޑިންގެ މަސައްކަތެއް ކުރަން އުޅުމުގެ ތެރޭގައި ހިނގި ހާދިސާއެއްގައި ކަމަށް ލަފާކުރެވޭކަމަށް އުކުޅަހު ކައުންސިލުން މަޢުލޫމާތުދެއެވެ. މި ހާދިސަގައި އިންޖީނުގޭގައި ރޯވި އަލިފާން ކޮންޓްރޯލް ކޮށްފައިވަނީ ރަށުގެ ރައްޔިތުންނާއި އެމްއެންޑީއެފާއި ފުލުހުން ކުރި މަސައްކަތުންނެވެ. އުކުޅަހުގެ އިންޖީނުގެ ހުންނަނީ ރަށުގައި މީހުން ދިރިއުޅޭ ސަރަހައްދާ ދުރުގައެވެ.