ކުޅިވަރު

މިލަންދޫން ފަހަތުން އަރާ މާޒިޔާ ހިފަހައްޓައިފި


މާޒިޔާއިން ފުރަތަމަ ހާފުގައި ތިން ލަނޑު ޖަހާފައިވަނިކޮށް ފަހަތުން އަރާ ތިން ލަނޑު ޖަހާ، މިލަންދޫއިން މާޒިޔާ އަތުން ޕޮއިންޓެއް ހޯދައިފިއެވެ. 

އުރީދޫ ދިވެހި ޕްރިމިއަރ ލީގުގައި މިއަދު ހަވީރު މާޒިޔާއާއި މިލަންދޫ ވާދަކުރި މެޗު ނިމުނީ ތިނެއް ތިނަކުން ދެ ޓީމް އެއްވަރުވެގެންނެވެ. މެޗުގެ ފުރަތަމަ ހާފުގައި މާޒިޔާއިން ތިން ގޯލު ޖެހިއެވެ. އެ ޓީމަށް ލަނޑުތައް ޖަހައިދިނީ މިލޯސް ކޮވަސެވިޗް، އަންދްރޭ ކެރިކް އަދި އައްސަދު އަލީއެވެ. ފުރަތަމަ ހާފުގައި މިލަންދޫގެ އަބްދުﷲ އިޚުވާނަށް ގޯލް ޖަހާނެ ހުސް ފުރުސަތެއް ލިބުނެވެ. 

ދެވަނަ ހާފުގައި މިލަންދޫ ޓީމުން ޖެހި ތިން ގޯލުގެ ތެރެއިން ދެ ލަނޑު ޖަހައިދިނީ އަބްދުﷲ މިސްބާހުއެވެ. މިލަންދޫއަށް ނަތީޖާ ހަމަހަމަކޮށްދިނީ މެޗުގެ މޮޅު ކުޅުންތެރިޔާ އިޝާން އިބްރާހިމް (ސައްޓު)އެވެ. މި ހާފުގައި ދެ ޓީމަށްވެސް ގޯލް ޖަހާނެ ފުރުސަތުތައް ލިބުނެވެ. މާޒިޔާގެ އަންދްރޭ ކެރިކާއި، އުމެއިރަށް ފުރުސަތުތަކެއް ލިބުނުއިރު، މިސްބާހު ދެވަނަ ހާފުގެ ފުރަތަމަ މިނެޓުގައި ފޮނުވާލި ބޯޅަ ދިޔައީ ހުރަސް ދަނޑި މަތިން ބޭރަށެވެ.

 މި މެޗަކީ އިސްމާއިލް މަހްފޫޒް (އިއްމަ) އަލުން މާޒިޔާއާއި ހަވާލުވުމަށްފަހު އޭނާ އެޓީމަށް އިރުޝާދުދިން ފުރަތަމަ މެޗެވެ. މެޗަށްފަހު އިއްމަ ބުނީ ފުރަތަމަ ހާފުގައި ތިން ގޯލް ޖެހުމުން މާޒިޔާގެ ކުޅުންތެރިން މެޗު ފަސޭހަކޮށްލީ ކަމަށާއި، މެޗުގައި ޓީމުން ދެއްކި ކުޅުން ގޯސް ނޫންކަމަށެވެ. ޓީމުގައި ރަނގަޅުކުރަންޖެހޭ ކަންތައްތައް އެބަހުރިކަންވެސް އިއްމަ ފާހަގަކުރިއެވެ. އޭނާ ބުނީ ހުރިހާ ކަމަކަށްވެސް ވަގުތު ބޭނުންވާކަމަށާއި، މާޒިޔާގެ ކުޅުން ކުރިއަށް އޮތް ތާނގައި ރަނގަޅުވާނެކަމަށެވެ.

މެޗަށްފަހު ށ.މިލަންދޫގެ ކޯޗު މުޙައްމަދު ނާސިރު ބުނީ ފަހަތުން އަރާ ތިން ގޯލު ޖެހުމަކީ މުޅި ޓީމަށް ލިބުނު ބޮޑު ހިތްވަރެއްކަމަށެވެ. ރަނގަޅު ފޯމެއްގައި ޓީމް އޮއްވާ ލީގު މެދު ކަނޑާލަންޖެހުމަކީ މިލަންދޫއަށް ލިބޭނެ ގެއްލުމެއްކަމަށްވެސް ނާސިރު ބުންޏެވެ.

މިލަންދޫ ވަނީ މާޒިޔާ މެޗުގެ ކުރިން ޓީސީ އަތުންވެސް ޕޮއިންޓެއް ހޯދާފައެވެ.