ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން، ހުޅުމާލޭ ދެވަނަ ފިޔަވަހީގައި 7000 ހައުސިންގ ޔުނިޓް ތަރައްޤީކުރުމުގެ މަސައްކަތް ބާރުދުވެލީގައި ކުރަމުންދާއިރު، މީގެ ތެރެއިން 1000 ހައުސިންގ ޔުނިޓް ސިވިލް ސަރވިސްގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ދިނުމަށް ވަނީ ނިންމާފައެވެ. ސަރުކާރުން މިކަން އިޢުލާންކޮށްފައިވަނީ މިމަހުގެ 12 ވަނަ ދުވަހުއެވެ. ސޯޝަލް ހައުސިންގ ޔުނިޓްތަކެއްގެ ގޮތުގައި ތަރައްޤީކުރާ މި 1000 ހައުސިންގ ޔުނިޓް ޚާއްސަކޮށްފައިވަނީ ސިވިލް ސަރވިސް މުވައްޒަފުންގެ ތެރެއިން މާލެ، ހުޅުމާލެ އަދި ވިލިމާލޭގައި ދިރިއުޅޭ މުވައްޒަފުންނަށެވެ. މި 1000 ހައުސިންގ ޔުނިޓް ދޫކުރުމަށް ހަމަޖެހިފައިވަނީ 3 ކެޓެގަރީއަކަށް ބަހާލައިގެނެވެ. އެގޮތުން ކެޓެގަރީ އެކެއްގައި ހިމެނެނީ ފަންނީ އަދި މެނޭޖީރިއަލް ލެވެލްގައި މަސައްކަތް ކުރާ ސިވިލް ސަރވިސް މުވައްޒަފުންނަށެވެ.
ކެޓެގަރީ އެކަކަށް ޚާއްސަ ކޮށްފައިވަނީ 300 ހައުސިންގ ޔުނިޓެވެ. ދެވަނަ ކެޓެގަރީ އިދާރީ މުވައްޒަފުންގެ ގޮތުގައި ސިވިލް ސަރވިސްގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ޚާއްސަކޮށްފައިވާއިރު، މި ކެޓެގަރީއިންވެސް ދޫކުރުމަށް ހަމަޖެހިފައިވަނީ 300 ހައުސިންގ ޔުނިޓެވެ. ތިން ވަނަ ކެޓެގަރީގެ ޚާއްސަކޮށްފައިވަނީ ސަޕޯޓް ސަރވިސް ލެވެލްގައި މަސައްކަތްކުރާ ސިވިލް ސަރވިސް މުވައްޒަފުންނަށެވެ. މި ކެޓެގަރީން ޖުމްލަ 400 ހައުސިންގ ޔުނިޓް ދޫކުރުމަށް ހަމަޖެހިފައިވެއެވެ.
މި 1000 ހައުސިންގ ޔުނިޓަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލާފައިވަނީ 1 ނޮވެމްބަރު 2017 އިން ފެށިގެން 15 ޖެނުއަރީ 2018 ގެ ނިޔަލަށެވެ. މި ހައުސިންގ ޔުނިޓްތަކަށް އެދި ކުރިމަތިލާ މުވައްޒަފުންނަށް ޕޮއިންޓް ދިނުމުގައި އެ މުވައްޒަފެއްގެ ތަޢުލީމީ ފެންވަރަށާއި، ސިވިލް ސަރވިސްގައި ހޭދަކޮށްފައިވާ މުއްދަތަށް އިސްކަމެއްދޭނެކަމަށް ހައުސިންގ މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ. އަދި މިއީ ސަރުކާރުގެ ވަކި މިނިސްޓްރީއަކަށް ނުވަތަ ވަކި ވުޒާރާއަކަށް ޚާއްސަކޮށްފައިވާ ފްލެޓްތަކެއް ނޫންކަމަށާއި، ކޮންމެ މިނިސްޓްރީއަކުންވެސް އެންމެ ގިނަވެގެން އެޕްލިކޭޝަން ފޯމް ހުށައެޅޭނެ އަދަދު ކަނޑައަޅާފައިވާނީ އެ ވުޒާރާއެއްގައި މަސައްކަތް ކުރާ މުވައްޒަފުންގެ ނިސްބަތަށް ބަލައިގެންކަމަށްވެސް ހައުސިންގ މިނިސްޓްރީން ހާމަކުރެއެވެ.
ސަރުކާރުގެ އަމާޒަކީ އަންނަ އަހަރުގެ އޭޕްރީލްމަހުގެ ނިޔަލަށް މި 1000 ހައުސިންގ ޔުނިޓަށް ހޮވިފައިވާ ފަރާތްތަކުގެ ފައިނަލް ލިސްޓު އާއްމުކޮށް، އެގްރީމެންޓުގައި ސޮއިކުރުމެވެ. ހަމައެހެންމެ މިތަންތަން ދޫކުރާނީ މުވައްޒަފުންގެ މުސާރައިން ވިހާވެސް ލުއިގޮތެއްގައި ފައިސާ ދެއްކޭނެ އުސޫލުންކަމަށާއި، އެކަމުގެ ތަފްސީލް ވަރަށް އަވަހަށް ހާމަކުރާނެކަމަށްވެސް އެ މިނިސްޓްރީން ބުނެއެވެ.