ސައުތު އޭޝިއަން ޓްރެވެލް އެވޯޑަށް އައްޑޫއަށް ޒިޔާރަތްކުރި ބޭރުގެ ފަރާތްތަކަށް އައްޑޫގެ ސަޤާފަތާއި އުފެއްދުންތެރިކަން ދައްކަލުމަށްޓަކައި ޙާއްސަ ފެއަރއެއް ބާއްވައިފިއެވެ.
މި ފެއަރ ބާއްވަފައިވަނީ އައްޑޫސިޓީ މަރަދޫ ޕާކު ސަރަހައްދުގައި. ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެއްވަމުން ހައިރައިޒްގެ ޖެނެރަލް މެނޭޖަރ މުޙައްމަދު ޝާމިން ވިދާޅުވީ މި ފެއަރގެ މައިގަނޑު ބޭނުމަކީ އައްޑޫގައި ޓޫރިޒަމްގެ ދާއިރާގައި ހުރި ފުރުސަތުތަށް އަންގައިދީ އެކަމަށް މާކެޓް ހޯދައިދިނުންކަމަށެވެ. މި ފެއަރގައި އައްޑޫގެ ސަޤާފަތާއި، އައްޑުގައި ކެއުމަށް ބޭނުންކުރާ ދިވެހި އުފެއްދުންތަކާއި ހޮސްޕިޓަލިޓީ ދާއިރާގައި އައްޑޫގައި ހުރި ފުރުސަތުތައް ފެނިގެންދިޔަކަމަށް ޝާމިން ވިދާޅުވިއެވެ.
އައްޑޫގެ ސަތޭކައަށްވުރެ ގިނަ އަންހެނުން ވަނީ މި ފެއަރގައި އެމީހުންގެ އުފެއްދުންތެރިކަން ދައްކާލާފައެވެ. ޕީއެސްއެމް ނިއުސްއާއި ވާހަކަދައްކަމުން މި ފެއަރގެ ބައެއް ބައިވެރިންބުނީ މިފެއަރގެ ތެރެއިން އެމީހުންގެ އުފެއްދުންތެރިކަން ދައްކާލުމަށް ފަހި ފުރުސަތުތަކެއް ލިބުނުކަމަށެވެ. ފެއަރއަށް ގިނަ އަދަދެއްގެ މީހުން ޒިޔާރަތްކޮށްފައިވާކަމަށާއި، މިފަދަ ފުރުސަތުތަށް އިތުރަށް ލިބުމަކީ އެމީހުން އުންމީދުކުރާކަމެއްކަމަށް ފެއަރގެ ބައިވެރިން ބުންޏެވެ.
މި ފެސްޓިވަލްގެ ތެރެއިން އައްޑޫގެ ޒުވާނުން އިސްނަގައިގެން ވަނީ ދިވެހި ޝަޤާފީ ނެށުންތައްވެސް ދައްކާލާފައެވެ. ޝައުތު އޭޝިއަން ޓްރެވެލް އެވޯޑްގެ އެންމެ ޙާއްސަ އެއް ހަރަކާތްކަމަށްވާ ގާލާ ނައިޓް ބޭނުމަށް ހަމަޖެހިފައިވަނީ މިރެއެވެ.