ޚަބަރު

ބ.އަތޮޅު ކަލިނަރީ ޗެލެންޖު 2017 ފަށައިފި


ބައިންލްއަޤްވާމީ ޝެފުންގެ ދުވަސް ފާހަގަކުރުމަށް ބާއްވާ "ބ އަތޮޅު ކަލިނަރީ ޗެލެންޖް 2017" އޭދަފުށީގައި ފަށައިފިއެވެ. 

މި ކަލިނަރީ ހަރަކާތަކީ އަތޮޅުތެރޭގެ ރައްޔިތުންގެ މެދުގައި ދިވެހިވަންތަ ޒަމާނީ ކެއްކުމުގެ ހުނަރުތައް އަށަގަންނުވައި އެމީހުންގެ ރަހަތައް ޕްރޮމޯޓް ކުރުމަށް ކުރިއަށްގެންދާ ހަރަކާތެކެވެ. މިމުބާރާތުގައި ތައްޔާރުކުރާ ކާނާގެ ބާވަތްތައް ހިމަނައިގެން ފޮތެއް ނެރުމަށް ހަމަޖެހިފައިވާކަމަށް ޝެފް ގިލްޑް މޯލްޑިވްސްއިން މަޢުލޫމާތުދެއެވެ. އޭދަފުށީގައި ކުރިއަށްދާ ކަލިނަރީ ޗެލެންޖްގައިވަނީ ތިރީސް ޓީމުން ބައިވެރިވެފައެވެ.

ވޭތިވެދިޔަ އަހަރު ކަލިނަރީ ޗެލެންޖް ކުރިއަށް ގެންގޮސްފައިވަނީ ރާއްޖޭގެ ދެކުނަށް ޚާއްސަކޮށްގެން އައްޑޫ ސިޓީގައެވެ. ބައިނަލްއަޤްވާމީ ޝެފުންގެ ދުވަހާއި ގުޅުގެން ކުރިއަށްގެންދާ ކަލިނަރީ ޗެލެންޖް މި އަހަރު ކުރިއަށްގެންދަނީ ބ އަތޮޅަށް ޚާއްކޮށްގެން އެއަތޮޅު އޭދަފުށީގައެވެ. މި ހަރަކާތުގައި ތިން މެންބަރުންގެ މައްޗައް އެކުލެވޭ 30 ޓީމުން ޖުމްލަ ނުވަދިހަ ބައިވެރިންވަނީ ބައިވެރިވެފައެވެ. މިއަހަރުގެ ކަލިނަރީ ޗެލެންޖްގައި ބީޓެކް ކިޔަވާކުދިންގެ ޓީމުތަކެއްވެސް ބައިވެރިވެއެވެ.

މުބާރާތުގައި ކޮންމެ ޓީމަކުން ސްޓަރޓަރއަކާއި، މެއިން ކޯސް އަދި ފޮނިކާއެއްޗެއް ތައްޔާރު ކުރާނެއެވެ. ޝެފް ގިލްޑް މޯލްޑިވްސްއާއި ބެސްޓް ބައި މޯލްޑިވްސް ގުޅިގެން ކުރިއަށްގެންދާ ކެއްކުމުގެ މި މުބާރާތް ޚާއްސަކޮށްފައިވަނީ ދިވެހި ވަންތަ ކާނާގެ ބާވަތްތައް އެ ބާވަތްތަކުގެ ރަހަ ނުގެއްލޭގޮތަށް ޒަމާނީ ބަދަލުތަކާއިއެކު ތައްޔާރުކުރުމަށް ކަމަށް ސީޖީއެމްއިން ބުނެއެވެ. އަދި މި ތަކެއްޗަކީ ބޭރުގެ ފަރާތްތަކަށް ޕްރެޒެންޓް ކުރެވޭގޮތަށް ތައްޔާރު ކުރާ ކާނާގެ ބާވަތްތައްކަން ސީގީއެމުން ފާހަގަކުރެއެވެ.

ޝެފް ގިލްޑް މޯލްޑިވްސްގެ ރަޢީސާ މަރިޔަމް ނޫރައްދީން ވިދާޅުވީ މި މިފަދަ މުބާރާތެއް އަތޮޅުތެރޭގައި ބޭއްވުމުގެ ބޭނުމަކީ އާއްމު ފަރާތްތަކުގެ ކެއްކުމުގެ ހުނަރު ކުރިއަރުވައި، ކެއްކުމުގެ ދާއިރާގައި މީހުންގެ ބައިވެރިވުން އިތުރުކުރުކޮށް މި ދާއިރާއަށް މީހުންގެ ޝައުގު އިތުރުކުރުންކަމަށެވެ.

ޝެފްގިލްޑް މޯލްޑިވެސްގެ އަމާޒަކީ ކެއްކުމުގެ މިމުބާރާތް ރާއްޖޭގެ ހުރިހާ ކަންކޮޅުތަކެއްގައި ކުރިއަށްގެންދިއުމެވެ. އެގޮތުން އަންނަ އަހަރު މި މުބާރާތް އުތުރުގެ އަތޮޅުތަކަށް ޚާއްސަކޮށްގެން، ހ.ދ ކުޅުދުއްފުށީގައި  ބޭއްވުމަށް މަސައްކަތް ކުރަމުންދާކަމަށް ޝެފް ގިލްޑް މޯލްޑިވްސްއިން ބުނެއެވެ.