ތަރައްްޤީ

މަޑުއްވަރީގައި ހިންގި 2 މަޝްރޫޢު ރައީސް އިފްތިތާހްކޮށް ދެއްވައިފި


މާޅޮސްމަޑުލު އުތުރުބުރީ މަޑުއްވަރީ ނަރުދަމާގެ ޚިދުމަތާއި، އެރަށުގެ ގޮނޑުދޮށް ޙިމާޔަތްކުރުމުގެ މަޝްރޫޢުގެ ނިމުން ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް، އިފްތިތާހް ކޮށްދެއްވައިފިއެވެ.

މި ދެ މަޝްރޫޢު އެމަނިކުފާން އިފްތިތާހްކޮށްދެއްވީ ރ.އަތޮޅުގެ ބައެއް ރަށްރަށަށް އެމަނިކުފާން މިހާރު ކުރަވަމުން ގެންދަވާ ދަތުރުފުޅުގައެވެ. މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ އެންމެ ފުރަތަމަ ވަޑައިގަތީ އެ އަތޮޅު މަޑުއްވަރީއަށެވެ. މަޑުއްވަރީން ރައީސުލްޖުމްހޫރިއްޔާއަށް ހޫނު މަރުހަބާއެއް ދައްނަވާފައިވެއެވެ. މަޑުއްވަރީއަށް ވަޑައިގެން ރައީސުލްޖުމްހޫރިއްޔާ ވަނީ މަޑުއްވަރީގެ ނަރުދަމާގެ ޚިދުމަތާ އެރަށުގެ ގޮނޑުދޮށް ޙިމާޔަތްކުރުމުގެ މަޝްރޫޢުގެ ނިމުން ފާހަގަކުރެއްވުމުގެ ގޮތުން ހަނދާނީ ބިނާގެ ފަރުދާ ކައްސަވާ ދެއްވާފައެވެ. މި ދެ މަޝްރޫޢު އިފްތިތާހް ކޮށްދެއްވުމަށްފަހު ރައްޔިތުންނާ މުޚާތަބުކުރައްވާ ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވީ ކޮންމެ ދުވަހެއް އަލިވިލިގެންދަނީ އުންމީދީ އުފާވެރި ހަބަރު ތަކާއެކުގައި ކަމަށެވެ. އެމަނިކުފާނު ވެރިކަމާ ހަވާލުވެވަޑައިގަތީ އެތައް މިލިޔަން ރުފީޔާއަކަށް ދައުލަތް ދަރާފަވަނިކޮށްކަން ފާހަގަކުރައްވާ ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އެ ދަރަނިން އަރައިގަނެ ރައްޔިތުންގެ ފައިދާއަށް އެތައް މަޝްރޫޢެއް ހިންގައި ރައިޔިތުންނަށް އެކަމުގެ އުފާވެރިކަން ގެނެސްދެވިފައިވާކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އަމާޒަކީ އެމަނިކުފާނުގެ ވެރިކަމުގެ ފުރަތަމަ ދައުރު ނިމުމުގެ ކުރިން ރާއްޖޭގެ އާބާދީގެ %75 މީހުންނަށް ފެނާ ނަރުދަމާގެ ޙިދުމަތް ފޯރުކޮށްދެއްވުންކަމަށެވެ. އަދި މި އަމާޒަށް ވާސިލްވުމަށް ކުރެވޭ މަސައްކަތް ފުރިހަމަވަމުންދާކަން ރައީސް ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މަޑުއްވަރީގައި ބިމުގެ ދަތިކަން ހުރުމާއިކު މިއަހަރުވެސް 50 ހައުސިން ޔުނިޓްގެ މަސައްކަތް ފެށޭތޯ މަސައްކަތް ކުރައްވަމުން ގެންދަވާކަމަށެވެ.

ތަރައްޤީގެ މަޝްރޫއުތަށް ހަލުވިކަމާއިއެކު ކުރިޔަށްގެންދިއުމަށް ދާއިރާގެ މެންބަރުގެ މުހިންމުކަން ފާހަގަކުރައްވާ ރައީސުލް ޖުމްހޫރިއްޔާ ވިދާޅުވީ ހުސްވެފައިވާ ދާއިރާގެ ގޮނޑިޔަށް ތަރައްޤީގެ ވިސްނުމުގެ ބޭފުޅަކު ރައްޔިތުން ދެއްކެވުމަކީ ވަރަށް ބޮޑަށް އެދިވަޑައިގަންނަވާކަމެއް ކަމަށެވެ.