ތަރައްްޤީ

ފަތުރުވެރިކަން ފުޅާކުރުމަށް ގަމުގައި ބޮޑު ޕްރޮޖެކްޓެއް ފަށަނީ


ގަން އިންޓަރނޭޝަނަލް އެއްރޕޯޓް ތަރައްޤީކުރުމުގެ ތިންވަނަ ފިޔަވަހީގެ ދަށުން ގަމުގައި ފަތުރުވެރިކަން ފުޅާކުރުމަށް 45 މިލިއަން ޑޮލަރުގެ، ބޮޑު މަޝްރޫޢެއް ފެށުމަށް ތައްޔާރުވަމުން އަންނަކަމަށް އައްޑޫ އިންޓަރނޭޝަނަލް އެއަރޕޯޓް ޕްރައިވެޓް ލިމުޓެޑުން ބުނެފިއެވެ. 

ގަން އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީކުރުމުގެ ފުރަތަމަ އަދި ދެވަނަ ފިޔަވަހީގެ މަސައްކަތް މިދިޔައަހަރުގެ ނިޔަލަށް ވަނީ ނިންމާފައެވެ. ގަން އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީކުރުމަށް އައްޑޫ އެއަރޕޯޓް ޕްރައިވެޓް ލިމިޓެޑް (އޭއައިއޭ)އިން މިހާރު އެންމެ އިސްކަމެއް ދީގެން ކުރަމުން އަންނަ މަސައްކަތަކީ އެއަރޕޯޓްގެ ތިންވަނަ ފިޔަވަހީގައި މަސައްކަތްތަކެވެ. އެގޮތުން ތިންވަނަ ފިޔަހީވަހީގައި ހިމެނޭ އެންމެބޮޑު އެއް މަޝްރޫޢުއަކީ ތިންސަތޭކަ އެނދުގެ ހަތަރެއް ނުވަތަ ފަސްތަރީގެ ރިސޯޓެއް ތަރައްޤީކުރުމުގެ މަޝްރޫޢުއެވެ. 

އޭއައިއޭ އިން އަންދާޒާކުރާގޮތުގައި މި މަޝްރޫޢުއަށް ގާތްގަނޑަކަށް 45 މިލިއަން ޑޮލަރު ޙަރަދުވާނެއެވެ. މިއީ 30 މޫދު ކޮޓަރިއާއި، 60 ބީޗް ކޮޓަރި އަދި 30 ކޮޓަރީގެ ދެ ގެސްޓް ކޮމްޕްލެކްސްއާއިއެކު ޖުމްލަ 300 އެންދުގެ ރިސޯޓެކެވެ. އޭއައިއޭއިން މަޢުލޫމާތުދޭގޮތުގައި މިރިސޯޓް ހެދުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ޓޮޕޮގްރެފިކް ސަރވޭ އާއި ކޮންސެޕްޓް ޕްލޭން އާއި ފައިނޭންޝަލް ފީސިބިލިޓީގެ މަސައްކަތް މިހާރުވަނީ ނިމިފައެވެ.

މީގެ އިތުރުން ކުރޫޒް ފަތުރުވެރިކަމަށް ޢަމާޒުކޮށްގެން ގަމުގެ މެއިން ޖެޓީ ސަރަހައްދުގައި ޔޮޓާއި ކްރޫޒްތަކަށް ބޭނުންވާ ޚިދުމަތްތައް ފުޅާކުރުމަށް ހަމަޖެހިފައިވެއެވެ. މީގެ ތެރޭގައި ޓްރާންސިޓް ރޫމްތަކުގެ އިތުރުން އުޅަނދުތަކަށް ބޭނުންންވާ ކަރަންޓާއި، ފެނާއި، އަދި އެހެނިހެން ޚިދުމަތްތައް ހިމެނޭއިރު ޚިދުމަތް ދިނުމާއިބޭހޭ ދިރާސާތައް ކުރަމުންދާކަމަށް އޭއައިއޭއިން ބުނެއެވެ. މި މަޝްރޫޢުގެ ސަބަބުން އައްޑޫގައި ރެސްޓޯރަންޓްތައް ހިންގާ ފަރާތްތަކާއި، ގެސްޓް ރިލޭޝަން ޙިދުމަތްތައްދޭ ފަރާތްތަކާއި، ޓެކްސީ ވިޔަފާރީގެ މާކެޓް ފުޅާކުރުމަށް މަގުފަހި ވެގެންދާނެކަމަށް އޭއައިއޭއިން ބުނެއެވެ.

މީގެ އިތުރުން ތިންވަނަ ފިޔަވަހީގެ މަސައްކަތަކުގެ ތެރޭގައި އެއަރޕޯޓްގެ އޭޕްރަން ބޮޑުކުރުމާއި ކަގޯ ވިޔަފާރި ފުޅާކުރުމަށް ވެއަރހައުސްތަކަށް ބޭނުންވާ ވަސީލަތްތައް ޤާއިމުކުރުމާއި، ފިއުލް ސްޓޯރޭޖް ކެޕޭސިޓީ އިތުރުކުރުން ހިމެނެއެވެ.