ވިލާ ކޮލެޖް މިހާރު އަމާޒު ހިފާފައިވަނީ، ރާއްޖޭގެ ފުރަތަމަ އަމިއްލަ ޔުނިވަރސިޓީއަށްވުމަށް ކަމަށް އެ ކޮލެޖްގެ ރެކްޓަރ ޑރ އަޙްމަދު ޢަންވަރު ވިދާޅުވެއްޖެއެވެ.
ވިލާ ކޮލެޖަށް ދިހަ އަހަރު ފުރުމާއި ގުޅިގެން ބޭއްވި ރަސްމިއްޔާތުގައި އަންވަރު ވިދާޅުވީ ފާއިތުވެދިޔަ 10 އަހަރުގެ ތެރޭގައި ވިލާ ކޮލެޖުން ބޮޑެތި ގޮންޖެހުންތަކާ އެކުވެސް ގިނަ ކާމިޔާބީތަކެއް ހާސިލްކޮށްފައިވާ ކަމަށެވެ. ވިލާ ކޮލެޖަކީ މިނިވަން ކަމާއެކު، އެއްވެސް ނުފޫޒެއް ނެތި މަސައްކަތް ކުރުމުގެ މާހައުލެއް ޤާއިމްކޮށްފައިވާ ތަނެއްގެ ގޮތުގައި ކުރިއަށްދިއުމަށް، ވިލާ ކޮލެޖްގެ ބާނީ ޤާސިމް އިބްރާހީމް ދެއްވާ އެއްބާރުލުންވެސް އަންވަރު ފާހަގަކުރެއްވިއެވެ.
ވިލާ ކޮލެޖްގެ ވިސްނުމަކީ ޤައުމުގައި ތިބެގެން މަތީ ތަޢުލީމަށް ކިޔެވުމުގެ ފަހި ފުރުސަތު ދިވެހިންނަށް ހުޅުވާލުން ކަމަށާއި، މިއަދު ދެހާހަށް ވުރެ ގިނަ ކުދިން ވިލާ ކޮލެޖްގައި ތަޢުލީމް ހާސިލް ކުރަމުންދާކަމަށް ޑރ އަންވަރު ފާހަގަކުރެއްވިއެވެ. އެގާރަވަނަ އަހަރަކަށް ވިލާ ކޮލެޖް ކުރިމަތިލާއިރު، މިހާރުގެ އަމާޒަކީ ކުރިއަށް އޮތް ދިހަ އަހަރުގެ ތެރޭގައި ފޯތް ޖެނެރޭޝަން ޔުނިވަރސިޓީއަކަށް ބަދަލުކުރުމެވެ.
ވިލާ ކޮލެޖްގެ ތާރީޚާ ގުޅޭގޮތުން އަލްއުސްތާޒް ކަށިމާ އަޙްމަދު ޝާކިރު ދެއްކެވި ވާހަކަފުޅުގައި، ވިލާ ކޮލެޖްގެ ބާނީ ޤާސިމް އިބްރާހީމް ތަޢުލީމަށް ދެއްވާ އަހަންމިއްޔަތު ފާހަގަކުރެއްވިއެވެ. ކަށިމާ ޝާކިރު ވިދާޅުވީ، ވިލާ ކޮލެޖް ފެށުމުގައި ޤާސިމްގެ އެންމެބޮޑު ވިސްނުމަކަށްވީ ތިމާއަށް ނުލިބުނު ފުރުޞަތެއް އެހެން ބަޔަކަށް ހޯދައިދިނުން ކަމަށެވެ.
ވިލާ ކޮލެޖަށް ދިހަ އަހަރު ފުރުމުގެ މުނާސަބަތުގައި ބޭއްވި ރަސްމިއްޔާތުގައި ކޮލެޖްގެ ސްޓްރެޓީޖިކް ޕްލޭނާއި، އަހަރީ ފޮތް ނެރެފައިވެއެވެ. އަދި "ތާރީޚީ ނަޒަރަކުން ވިލާ ކޮލެޖް" މިނަމުގައި ލިޔެފައިވާ ފޮތެއްވެސް ނެރުނެވެ. މީގެ އިތުރުން އަހަރީ ކޭކް ފެޅުމާއި، އަހަރީ ދުވަހާއި ގުޅުވައިގެން ބޭއްވި މުބާރާތްތަކުން ވަނަ ވަނައަށް ހޮވުނު ފަރާތްތަކަށް އިނާމް ދީފައިވެއެވެ.