މިއަދު ތަޢާރަފް ކުރެވުނު ޕާސްޕޯޓް ކާޑް ބޭނުންކޮށްގެން ފައިސާގެ މުޢާމަލާތްތައް ކުރެވޭނެ އިންތިޒާމް ބޭންކް އޮފް މޯލްޑިވްސް އިން ހަމަޖައްސައިފިއެވެ.
ބޭންކް އޮފް މޯލްޑިވްސްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރ އެންޑްރޫ ހީލީ ވިދާޅުވީ ރާއްޖޭގެ އިމިގްރޭޝަނާއި ގުޅިގެން، ރައްކާތެރި އަދި ޒަމާނީ މި އައު ޕާސްޕޯޓްކާޑު ތައްޔާރުކުރުމުގައި ބައިވެރިވެވުނު ކަމީ އެ ބޭންކަށް ލިބޭ ވަރަށް ބޮޑު ހިތްހަމަޖެހުމެއްކަމަށެވެ. އަދި ބީއެމްއެލްގެ ކަސްޓަމަރުންނަށްވެސް ރާއްޖެއާއި ރާއްޖެއިން ބޭރުގައި މި ކާޑް ބޭނުންކުރެވޭނެކަމަށް ހީލީ ވިދާޅުވިއެވެ.
ޕާސްޕޯޓް ކާޑު ވެގެންދާނީ ބައިނަލް އަޤްވާމީ ދަތުރުދަކުގައި ބޭނުންކުރެވޭ އައިޑީކާޑެއްގެ އިތުރުން ރާއްޖެއާއި ރާއްޖޭން ބޭރުގައި ކުރާ ވިޔަފާރިތަކަށް ފައިސާ ދެއްކުމަށާއި އޭޓީއެމްތަކުން ފައިސާ ނެގުމަށްވެސް ބޭނުންކުރެވޭނެ ކާޑަކަށެވެ. މި ކާޑް ފަރުމާކޮށްފައިވަނީ ސަލާމަތީގޮތުން ވަރަށް ވަރުގަދަ ފިޔަވަޅުތަކަކާއެކުގައި ކަމަށް އިމިގްރޭޝަނުން ބުނެއެވެ.