ކުޅިވަރު

ޤައުމީ ފިރިހެން ވޮލީ ޓީމްގެ ހެޑްކޯޗަށް ކާއްޓޭ


ޤައުމީ ސީނިއަރ ފިރިހެން ވޮލީ ޓީމްގެ ކޯޗަކަށް މުޙައްމަދު ސާޖިދު (ކާއްޓޭ) ހަމަޖައްސައިފިއެވެ.

ސީނިއަރ ޤައުމީ ޓީމަށް މީގެ ކުރިންވެސް އިރުޝާދުދީފައިވާ މުޙައްމަދު ސާޖިދު ހެޑް ކޯޗަކަށް ހަމަޖައްސާފައިވަނީ 2018ގެ ނިޔަލަށެވެ. އޭނާގެ އެހީތެރިންގެ ގޮތުގައި ހަމަޖައްސާފައިވަނީ ދިވެހި ސިފައިންގެ ކުލަބުގެ ކޯޗު މުމްތާޒު އަލީއާއި، ޕޮލިސް ކުލަބުގެ ކޯޗު ޚާލިދު މުޙައްމަދެވެ. ޓީމްގެ ކިޓް މެނޭޖަރަކީ އިސްމާއިލް ސަމާހުއެވެ. ޤައުމީ ޓީމްގެ ފިޓްނަސް ޓްރެއިނަރަކަށް މުޙައްމަދު ހާނިމްވެސް މިއަދުވަނީ ހަމަޖައްސާފައެވެ. 

ނޫސްވެރިންނާއި ވާހަކަދައްކަމުން ކުރިން ޤައުމީ ޓީމްގެ ކެޕްޓަންކަންވެސް ކުރި މުޙައްމަދު ސާޖިދު ބުނީ އޭނާގެ އަމާޒަކީ ކުރިއަށް އޮތް އަހަރު ޤައުމީ ޓީމަށް ގިނަ މެޑަލްތަކެއް ހޯދައިދިނުން ނޫންކަމަށާއި، ޓީމެއްގެ ގޮތުގައި ކުޅޭ އުއްމީދީ ޓީމެއް ބިނާކުރުންކަމަށެވެ. ރާއްޖޭގެ ވޮލީގެ މުސްތަޤްބަލް އޮތް އުއްމީދީ ޒުވާން ތަރިން މިހާރު ޤައުމީ ޓީމުގައި ގިނަކަމަށާއި، ޓީމަށް މިހާރު މުހިންމުވަނީ ޓީމެއްގެ ގޮތުގައި ތަފާތު ދައްކާނެ ގޮތްތަކެއް ދަސްކުރުންކަމަށް ސާޖިދު ބުންޏެވެ.

"ގައުމީ ޓީމުގެ މޮޅެތި ކުޅުންތެރިން އެއް ބީޓަކަށް ކުޅުވަން މަސައްކަތްކުރާނީ، ކުރިއަށް އަހަރުގައި މެޑަލް ހޯދައި ބޮޑު ކާމިޔާބީތަކެއް ހޯދުމެއް ނޫން އަމާޒަކީ، މުސްތަގްބަލެއް ބިނާކުރުން، ގިނަ ފާޑުކިޔުން އަމާޒުވެދާނެ، އެކަމަކު އަޅުގަނޑު ޓީމާއި ހަވާލްވީ އެކަންކުރަން" ސާޖިދު ބުންޏެވެ. 

img:http://s4.psmnews.mv/images/660x400/15069580476399.jpg|

އޭނާ  ބުނީ ޤައުމީ ޓީމް އެކުލަވާލާ ބޮޑު ސްކޮޑަކާއިއެކު ރަސްމީކޮށް ޓީމްގެ ފަރިތަކުރުންތައް ކުރިއަށްގެންދަން ފަށާނީ ޤައުމީ މުބާރާތަށް ފަހުކަމަށެވެ. 

ޤައުމީ ޓީމްގެ ހެޑްކޯޗުގެ ގޮތުގައި އެންމެ ފަހުން މަސައްކަތްކޮށްފައިވަނީ މުޙައްމަދު ޝަރަފެވެ. ޝަރަފް ކޯޗުގެ މަޤާމް ދޫކޮށްލީ މިއަހަރު ކުރީކޮޅު މާލޭގައި އޮތް ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތަށްފަހުގައެވެ.