ހުޅުމާލޭގައި ދިރިއުޅޭ މީހުންގެ ހާލަތު ބެލުމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ން ފަށާފައިވާ ސަރވޭ އަންނަ ހަފުތާގެ ކުރީކޮޅު ނިންމާލެވޭނެކަމަށް އެ ކޯޕަރޭޝަނުން ހާމަކޮށްފިއެވެ.
ހުޅުމާލޭގައި ދިރިއުޅޭ މީހުންގެ ހާލަތު ބެލުމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން އެޗްޑީސީން ސަރވޭ ފަށާފައިވަނީ މިމަހުގެ ސަތާރަވަނަ ދުވަހުއެވެ. 80 ވަރަކަށް ބައިވެރިންނާއެކު ކުރިޔަށްގެންދާ މި ސަރވޭގެ ބޭނުމަކީ ހުޅުމާލޭގެ ތަރައްގީގެ ޕްލޭންތައް އެކުލަވާލުމާއި ސިޔާސަތުގައި ކަންކަން ކަނޑައެޅުމުގައި ހުޅުމާލޭގައި ދިރިއުޅޭ މީހުންގެ ޚިޔާލު ހޯދުންކަމަށް އެޗްޑީސީން ބުނެއެވެ. އެޗްޑީސީގެ ޑިރެކްޓަރ މުނިސްޕަލް އަޙުމަދު އާތިފް ވިދާޅުވީ މި ސަރވޭގެ ދަށުން، މީހުން ދިރިއުޅޭ ހުރިހާ ގެއަކަށް ގޮސް އާއްމުންގެ ކަންބޮޑުވުންތަކާއި ޝަކުވާތައް އަޑު އަހާނެ ކަމަށެވެ.
މި ސަރވޭ ނިމުމުން، ސަރވޭއިން ފާހަގަކުރެވުނު ކަންކަން އާންމުކުރުމަށް ވަނީ ހަމަޖެހިފައެވެ. ސަރވޭއަށް ހުޅުމާލޭގައި ދިރިއުޅޭ އާންމުންގެ ފަރާތުން އެއްބާރުލުން ލިބޭކަން އެޗްޑީސީން ފާހަގަކުރެއެވެ.
ހުޅުމާލޭގައި މިއަހަރުގެ ކުރީކޮޅު ވެސް މިފަދަ ސަރވޭތަކެއް ކުރިޔަށްގެންގޮސްފައިވެއެވެ. އަދި އެ ސަރވޭގައި ފާހަގަކުރެވުނު ކަންކަން އިސްލާހު ކުރުމުގެ މަސައްކަތް އެޗްޑީސީން މިހާރުވެސް ކުރަމުންގެންދާކަން އެ ކޯޕަރޭޝަނުން ފާހަގަކުރިއެވެ.
ހުޅުމާލޭގެ ދިރިއުޅުމުގެ ހާލަތު ބެލުމަށް އެޗްޑީސީން ސަރވޭއެއް ފަށާފައިވާއިރު، އާންމުން ވަނީ ހުޅުމާލޭގެ ދިރިއުޅުމުގެ ހާލަތު ރަނގަޅުކަން ފާހަގަކޮށްފައެވެ.
ހުޅުމާލޭގައި މިހާރުވެސް ސާޅީސް ހާހަށްވުރެ ގިނަ މީހުން ދިރިއުޅެމުންދެއެވެ. ހުޅުމާލެ ދުވަހެއްދުވަހަކަށް ތަރައްޤީވަމުންދާއިރު ހުޅުމާލޭގެ ދެވެނަފިޔަވަހީގެ މަސައްކަތްވެސް ހަލުވިކަމާއިކު ދަނީ ކުރިޔަށެވެ. ދެވަނަ ފިޔަވައްސަކީ އެއްލައްކަ ސާޅީސްހާސް މީހުންގެ އާބާދީއަކަށް އަމާޒުކޮށް ރައީސް އަބްދުﷲ ޔާމީންގެ ޒައާމަތުގައި ފެށި މަޝްރޫޢެކެވެ.
ސަރުކާރުން ހުޅުމާލެ ތަރައްޤީކުރަމުންދަނީ އެންމެ ޒަމާނީ ސިޓީއަކުން ލިބޭނެ ޚިދުމަތްތަކާއެކުގައެވެ.