ތަރައްްޤީ

އުކުޅަހު ނަރުދަމާ ނިޒާމްގެ މަސައްކަތް ސްޓެޓިކްއާ ހަވާލުކޮށްފި


އއ.އުކުޅަހުގައި ނަރުދަމާ ނިޒާމު ޤާއިމްކުރުމުގެ މަޝްރޫޢު ސްޓެޓިކް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްއާ ހަވާލުކޮށް އެކަމުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

މި މަޝްރޫޢުއަކީ ސަރުކާރުގެ ބަޖެޓުން 18.8 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ކުރިއަށްގެންދާ މަޝްރޫޢެކެވެ. ހައުސިންގ މިނިސްޓްރީގެ ފަރާތުން ސްޓެޓިކް ކުންފުންޏާއި ހަވާލުކޮށްފައިވަނީ އުކުޅަހުގެ ނަރުދަމާ ޑިޒައިންކުރުމާއި، ސަރވޭގެ މަސައްކަތްތަކުގެ އިތުރުން ނަރުދަމާގެ ޢަމަލީ މަސައްކަތް ކުރުމަށެވެ. 

ހައުސިންގ މިނިސްޓަރ ޑރ މުޙައްމަދު މުޢިއްޒު ވިދާޅުވީ މި މަޝްރޫޢު އެއް އަހަރުގެތެރޭގައި ނިންމާނެކަމަށެވެ. ސޮއިކުރުމުގެ ރަސްމިޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރ ވިދާޅުވީ މި މަޝްރޫޢުގެ ސަބަބުން ރައްޔިތުންގެ ގިނަ ދަތިތަކެއް ހައްލުވެގެންދާނެކަމަށެވެ. އަދި މިއީ އުކުޅަހުގެ ރައްޔިތުންގެ ދުޅަހެޔޮކަމާއި ލާބަޔާ މަންފާއަށްޓަކައި ކުރާ މަސައްކަތެއްކަން މިނިސްޓަރ ފަހަގަކުރެއްވިއެވެ.

ސޮއިކުރުމުގެ ރަސްމިޔާތުގައި ދާނދޫ ދާއިރާގެ މެންބަރު އަޙްމަދު އައްސަދު ވަނީ ބައިވެރިވެވަޑައިގެންފައެވެ. އައްސަދު ވިދާޅުވީ ސަރުކާރުން ގެންދަވަނީ ވަކި ރަށެއް ތަފާތުނުކޮށް، ހުރިހާ ރަށްތަކަށް ހަމަހަމައަށް ތަރައްޤީގެންނަމުންކަމަށެވެ. އެގޮތުން އުކުޅަހުގައި ނަރުދަމާ ޤާއިމުވެގެން ދިއުމަކީ އުކުޅަހު ރައްޔިތުން މިހާރު އެންމެ ބޮޑަށް ބޭނުންވެފައިވާ ތަރައްޤީކަން އޭނާ ފާހަގަކުރެއްވިއެވެ.