ކުޅިވަރު

ފަހަތުން އަރާ މިލަންދޫގެ މައްޗަށް ތިނަދޫ ކުރިހޯދައިފި


މެޗުގެ އިތުރު ވަގުތުގައި އަހުމަދު ރިޒުވާން ކާމިޔާބުކޮށްދިން ލަނޑާއެކު މިލންދޫގެ މައްޗަށް ކުރި ހޯދާ ތިނަދޫ ގްރީން ސްޓްރީޓްގެ ފަހަތުގައި ވިއްދައިފިއެވެ.

އުރީދޫ ދިވެހި ޕްރިމިއަރ ލީގުގައި ރޭ ތިނަދޫ އާއި މިލަންދޫ ބައްދަލުކުރި މެޗު ތިނަދޫ ކާމިޔާބުކުރީ ދޭއް އެކަކުންނެވެ. މިމެޗުގެ ފުރަތަމަ ލަނޑު ޖަހާ ކުރި ހޯދީ މިލަންދޫ ޓީމުންނެވެ. މިލަނޑު މެޗުގެ ފަންސަވީސް ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ މިލަންދޫ ޓީމުގެ މިޑްފިލްޑަރ އާދަމް އިމްރާންއެވެ.

ފުރަތަމަ ހާފުގައި މެޗުގެ ނަތީޖާ ހަމަހަމަ ކުރުމަށް ރަނގަޅު ފުރުސަތުތެއް ތިނަދޫ ޓީމުން ތަނަވަސްކުރި ނަމަވެސް ލަނޑެއް ކާމިޔާބެއް ނުކެރެވުނެވެ.

ތިނަދޫގެ ބިދޭސީ ފޯވާޑް ހޮސޭ އަވީލާއަށް ވަނީ ދެވަނަ ހާފްގެ ކުރީކޮޅު ވަރަށް ހުސް ފުރުސަތެއް ލިބިފައެވެ. އަވިލާ ކުރިއަށް ފޮނުވާލި ބޯޅައިގެ ހުރަހަކަށް ވީ މިލަންދޫ ޓީމުގެ ކީޕަރު މުހައްމަދު އިމްރާންއެވެ. އިމްރާން ވަނީ މިމެޗުގައިވެސް މޮޅު ކުޅުމެއްދައްކާ ތިނަދޫ ޓީމުން ފޮނުވާލި ގިނަ ބޯޅަތަކެއް ދިފާއު ކޮށްފައެވެ.

އެގޮތުން އަވިލާގެ އިތުރުން އަލީ ހައިޝަމް އާއި ޑިފެންޑަރ ކައިސޭޑޯ ރޮޑްރިގޭޒް މުޅިން ހުސްކޮށް ހުރެ ފޮނުވާލި ބޯޅަތައްވެސް ވަނީ ދިފާއުކޮށްފައެވެ.

އިމްރާން ބަލަހައްޓަމުންދިޔަ ގޯލް މިމެޗުގައި ފޫއަޅުވާލީ ދެވަނަ ހާފްގައި ކުޅެން ނިކުތް ރިޝްވާންއެވެ.

މެޗުގެ ފަސްދޮޅަސް ނުވަ ވަނަ މިނެޓުގައި ރިޒްވާން ޖައްސާލި ބޯޅަ މެއިން ކޮންޓްރޯލް ކޮށްލުމަށްފަހު އޭރިއާ ކަނަކާ ހިސާބުގައި ހުރެ ރިޝްވާން ކުރިއަށް ފޮނުވާލި ބޯޅަ ވަނީ އިމްރާންގެ ފާ ޕޯސްޓް ކަނަށެވެ.

މިލަނޑާއެކު އެކެއް އެކަކުން މެޗު އެއްވަރުވެގެން ނިމެން ދަނިކޮށް މެޗުގައި ތިނަދޫ މޮޅުކޮށްދިން ލަނޑު މެޗުގެ އިތުރުވަގުތުގެވެސް ފަހުކޮޅު ކާމިޔާބުކޮށްދިނީ މެޗުގެ މޮޅު ކުޅުންތެރިއާގެ މަގާމް ހޯދި ރިޒްވާންއެވެ، ރިޒްވާންއަށް އަރިމަތީ ރޮނގޮކައިރިން ލިބުނު ބޯޅަހިފައިގެން އެތެރެއަށް ވަދެ، މިލިއަންދޫ ޓީމުގެ ދެތިން ކުޅުންތެރިން ކައިރިން ނައްޓާލުމަށްފަހު ކުރިއަށް ފޮނުވާލީ އޭރިއާ ބޭރުން ގޯލުގެ މެދަކާ ހިސާބަށް އައުމަށްފަހުއެވެ. މިބޯޅައިގައި ކީޕަރު އިމްރާން ކުރާނެ މާބޮޑު މަސައްކަތެއް ނެތެވެ. އެއީ ރިޒްވާން ފޮނުވާލި ބޯޅަ ވަނީ ގޯލުގެ މަތީ ކަނަށްކަމުންނެވެ.

އެހެންނަމަވެސް މި ލަނޑު ކާމިޔާބުކުރުމުގެ ކުޑަ އިރުކޮޅެއް ކުރިން ރިޒްވާންއަށް ވަނީ ލަނޑު ޖަހާނެ ރަނުގެ ފުރުސަތެއް ލިބި ބޭނުން ހިފޭގޮތް ނުވެފައެވެ.

މިމެޗުން ލިބުނު ތިން ޕޮއިންޓާކު ތިނަދޫ މިހާރު އޮޓީ ލީގު ތާވަލްގެ ފަސް ވަނާގައި ދިހަ ޕޮއިންޓާއެކުއެވެ. 12 ޕޮއިންޓާއެކު ހަތަރު ވަނާގަ އޮތީ ގްރީން ސްޓްރީޓެވެ.

ތިނަދޫގެ ފަހަތުން މިލަންދޫ ލީގުގެ ހަވަނާގައި އޮތީ ދެ ޕޮއިންޓް ލިބިގެންނެވެ.