އެންމެ އުނދަގޫ ޓީމާ ދެކޮޅަށް ނިކުނައިރު ޓީމް އޮތީ ރަނގަޅު ހާލަތެއްގައި ނޫންކަމަށް ޓީސީގެ ކޯޗު މުޙައްމަދު ނިޒާމް ބުނެފިއެވެ. އުރީދޫ ދިވެހި ދިވެހި ޕްރިމިއަރ ލީގުގައި މިއަދު ހަވީރު މާޒިޔާއާއި ދެކޮޅަށް ނިކުންނަ މެޗަށް އިޝާރާތްކޮށް ކޯޗު މުޙައްމަދު ނިޒާމް ބުނީ އަނިޔާއާއި އެހެން ސަބަބުތަކާހުރެ މުޙިއްމު ކުޅުންތެރިންނަށް ނުކުޅެވުމުގެ ފުރުޞަތު އެބައޮތް ކަމަށެވެ.
ނިޒާމް ފާހަގަކުރި ގޮތުގައި މާޒިޔާއަކީ އެންމެ އުނދަގޫ އަދި އެންމެ ވަރުގަދަ ސްކޮޑެއް އޮތް ޓީމެވެ. އަދި ކުރިއަށް އޮތް މެޗަކީވެސް މުޙިއްމު މެޗެކެވެ. އެހެންކަމުން ލިބެން ނެތް ކުޅުންތެރިންނާ ނުލާ ގޮތްތަކެއް ހޯދަން ޖެހޭކަމަށް ނިޒާމް ބުންޏެވެ.
" އިއްބެއާއި، ނާފިއުވެސް އަނިޔާގަ. މަންމަގެ ޞިއްޙީ ހާލަތާ ގުޅިގެން ރަށްދިޔަ ނާއިޒުއަށްވެސް ނުކުޅެވޭނެ. މާޒިޔާއަކީ އެންމެ އުނދަގޫ އެންމެ ވަރުގަދަ ސްކޮޑެއް އޮތް ޓީމް. މެޗު ވަރަށް މުޙިއްމު. ކުޅުންތެރިންނަށް ވިސްނައިދެމުން މިއަންނަނީ " ނިޒާމް ބުންޏެވެ.
ނިޒާމް ބުނީ މާޒިޔާ އަތުން ޕޮއިންޓެއް ލިބުނަސް އެއީ ވަރަށް ބޮޑު ހިތްހަމަ ޖެހުމަކަށް ވާނެކަމަށެވެ.
އަނެއްކޮޅުން ޓީސީއާ ދެކޮޅަށް ނިކުންނައިރު މާޒިޔާގެ ކޯޗު މަރްޔާން ސެކްލޮސްކީގެވެސް ކަންބޮޑުވުންތަކެއް އެބަހުއްޓެވެ. އެންމެ ބޮޑު ކަންބޮޑުވުމަކީ މެޗު ކުރިއަށް ނުގެންދެވިގެން ހުއްޓާލި ގްރީން މެޗުގެ ނިންމުން ލަހުން އައުމެވެ. ނިންމުން އައުމުގެ ކުރިން މާޒިޔާ ތައްޔާރުވާންވީ ގްރީން މެޗަށްތޯ ނުވަތަ ޓީސީ މެޗަށްތޯ ނޭންގުމެވެ. ނިންމުން އައިއިރު ޕްރެކްޓިސް ކުރަން އޮތީ އެއް ދުވަހެވެ. މީގެއިތުރުން ކެޕްޓަން އަސަދުﷲ އަށް ނުކުޅެވުމާއި، އަސްއަދު އަލީގެ ސަސްޕެންޝަނަކީވެސް އެއްވަނާގައި އޮތް މާޒިޔާއަށް ހުރި އުނދަގޫތަކެވެ. ކޯޗު ޤަބޫލުކުރާގޮތުގައި ޓީސީއަކީ އެންމެ ވަރުގަދަ އެއް ޓީމެވެ. މުޙިންމު ކުޅުންތެރިންތަކެއް ނެތަސް ޓީސީން އެމީހުންގެ ގޭމް ކުޅޭނެކަމަށް ސެކްލޮސްކީ ޤަބޫލުކުރެއެވެ.
" މާޒިޔާއަކީ އެންމެ ވަރުގަދަ އެއް ޓީމް. އެމީހުންނާ ދެކޮޅަށް ކުޅޭއިރު ފިޒިކަލީ އަދި ޓެކްނިކަލީވެސް ރަނގަޅަށް ކުޅެންޖެހޭ. އެމީހުންނަށް ސްޕީޑް ރަނގަޅު، ތަފާތު ސްޓައިލަކަށް ކުޅޭ ޓީމެއް " އެއްވަނާގައި އޮތް ޓީމްގެ ކޯޗު ބުންޏެވެ.
މާޒިޔާއާއި ޓީސީ މިއަދު ހަވީރު ވާދަކުރާ މެޗު ޔެސް ޓީވީން ވަގުތުން ދައްކާނެއެވެ. އަދި މެޗު ހިނގަމުންދާގޮތް ދިވެހިރާއްޖޭގެ އަޑުން ދުރަށް ފޮނުވާނެއެވެ.