މި ސީޒަނަށް މޮޅު ކުޅުންތެރިން ގެނެސް ޓީމު ވަރުގަދަނުކޮށްފިނަމަ ބާސެލޯނާގެ ތަރި ލަޔޮނަލް މެސީ ކުލަބު ދޫކޮށްލާނެ ކަމަށް ބުނެ، ކުލަބަށް އިންޒާރުކޮށްފައިވާ ކަމަށް މީޑިޔާ ރިޕޯޓްތައް ބުނަން ފަށައިފިއެވެ.
ވޯލްޑް ކަޕް ކޮލިފައިންގައި އާޖެންޓީނާގެ ގައުމީ ޓީމަށް ކުޅެން ތައްޔާރުވަމުން އަންނަ މެސީ ބާސެލޯނާގެ މެނޭޖްމަންޓަށް މިފަދަ އިންޒާރެއް ދީފައިވާ ކަމަށް މީގެ ކުރިން ވެސް ވަނީ ކޮންމެވެސް ވަރަކަށް އަޑުފެތުރިފައެވެ.
މެސީއާއި ގާތްގުޅުން އޮންނަ އާޖެންޓީނާގެ ނޫސްވެރިންނާ ހަވާލާދީފައިވާ ރިޕޯޓްތައް ބުނާގޮތުން ބާސެލޯނާއިން ނުއަގުގައި ކުޅުންތެރިން ގަތުމަށް ގަދަ އަޅައި މަސައްކަތް ކުރަމުންދަނީ ވެސް މެސީގެ އިންޒާރުގެ ސަބަބުންނެވެ.
މެސީ ގަތުމަށް ޔޫރަޕުގެ ބޮޑެތި ކުލަބުތަކުން ބޭނުންވާއިރު އޭނާގެ ކޮންޓްރެކްޓްގައި ބާކީ އޮތީ އެންމެ އަހަރެކެވެ. އަދި އޭނާ ވަނީ ކޮންޓްރެކްޓް އާކުރަން ކުރިން އެއްބެސްވުމަށްފަހު އެކަން ފަސްކޮށްފައެވެ. އެއީ ވެސް ބާސެލޯނާގެ ޓީމު ވަރުގަދަ ނުކުރާތީވެ ބޯޑަށް ޕްރެޝަރު ކުރުމަށްޓަކައި ކަމަށް މީޑިޔާތަކުން ދަނީ ބުނަން ފަށާފައެވެ.
ބާސެލޯނާގެ ކޮންޓްރެކްޓް މެސީ އާނުކޮށްފިނަމަ މި ސީޒަނަށް ފަހު ފްރީ ޓްރާންސްފާއެއްގައި ބޭނުން ކުލަބަކަށް ދިއުމުގެ ފުރުސަތު މެސީ އަށް ލިބޭނެއެވެ.
ފްރާންސްގެ ޒުވާން ފޯވަޑް އޮސްމާނޭ ޑެމްބެލޭ ގަތުމަށްފަހު ބާސެލޯނާއިން މިހާރު ދަނީ ލިވަޕޫލްގެ ފިލިޕް ކޮޓީނިއޯ އާއި ޕީއެސްޖީގެ އެންހެން ޑިމާރިއާ ގަތުމަށް ވަރަށް ބޮޑަށް މަސައްކަތްކުރަމުންނެވެ.