ކުޅިވަރު

ކޮޓީނިއޯ ބާސެލޯނާއަށް ވިއްކާލަން ގޮވާލައިފި


ލިވަޕޫލްގެ ބްރެޒިލް ފޯވަޑް ފިލިޕް ކޮޓީނިއޯ ބާސެލޯނާ އަށް ވިއްކާލުމަށް މަޝްހޫރު ބާސްކެޓްބޯޅަ ކުޅުންތެރިޔާ ލެބޮރަން ޖޭމްސް ލިވަޕޫލަށް ގޮވާލައިފިއެވެ.

ލިވަޕޫލް ހިންގާ ފެންވޭ ސްޕޯޓްސް ގްރޫޕުގެ ވެރިންގެ ކިބައިން ޖޭމްސް މިކަމަށް އެދުނުއިރު އޭނާ އަކީ ލިވަޕޫލުގެ އެއް ހިއްސާދާރެވެ.

އިނގިރޭސި މީޑިއާ ރިޕޯޓްތައް ބުނާގޮތުން ކޮޓީނިއޯ ވިއްކާލަން ލިވަޕޫލުން މިހާތަނަށް ދެކޮޅު ހަދާފައިވީ ނަމަވެސް މިކަމަށް ޖޭމްސް އެދުމުން މިއީ ފެންވޭ ސްޕޯޓްސް ގްރޫޕުން ސީރިއަސްކޮށް ވިސްނާނެ ކަމެކެވެ. ސަބަބަކީ ޖޭމްސްގެ އިމޭޖް ރައިޓް ބޭނުންކޮށްގެން ލިވަޕޫލުން މާލީ ފައިދާތަކެއް ހޯދަމުންދާތީއެވެ. ޖޭމްސް އަކީ ދުނިޔޭގެ އެކިކަންކޮޅުތަކުގައި ލިވަޕޫލް ޕްރޮމޯޓްކުރުމަށް ހަމަޖައްސާފައިވާ ކުލަބުގެ ގްލޯބަލް އެމްބެސެޑަރެއްވެސްމެއެވެ.

ކޮޓީނިއޯ ވިއްކާލަން ލިވަޕޫލުން ދެކޮޅު ހަދަމުންދަނީ އެކަމަށް ކޯޗު ޔާގެން ކްލޮޕް އެއްބަސްނުވާތީއެވެ. ލިވަޕޫލްގެ ކޯޗުކަމާ ކްލޮޕް ހަވާލުވީ އޭނާ މަގާމާ ހަވާލުވާތާ ދެ އަހަރު ފަހުން ކުޅުންތެރިން ގަނެވިއްކުމުގެ ހުރިހާ ބާރެއް އޭނާ އަށް ލިބިދޭގޮތަށް އެއްބަސްވެގެންނެވެ. 

ލިވަޕޫލުން ވަނީ ތިން ފަހަރެއްގެ މަތީން ބާސެލޯނާއިން ކޮޓީނިއޯ ގަތުމަށް ހުށަހެޅި 135 މިލިއަން ޕައުންޑަށް ވެސް ނޫނެކޭ ބުނެފައެވެ. ނަމަވެސް ސްޕޭނުގެ ނޫސްތަކުން ބުނަނީ ޓްރާންސްފާ މާކެޓް ބަންދުވުމުގެ ކުރިން 150 މިލިއަން ޕައުންޑަށް ކޮޓީނިއޯ ވިއްކާލަން ލިވަޕޫލުން އެއްބަސްވާނެ ކަމަށެވެ. އެއީ ލިވަޕޫލަށް ކުޅެން ކުޅުންތެރިޔާ ދެކޮޅު ހަދާތީއެވެ. 

ކޮޓީނިއީ އެދިފައިވަނީ ޗެމްޕިއަންސް ލީގު ސްކޮޑުގައި ވެސް އޭނާ ނުހިމެނުމަށެވެ. އެއީވެސް ބާސެލޯނާ އަށް ބަދަލުވާން ބާރުއެޅުމުގެ ގޮތުންނެވެ.

ޕްރެމިއާ ލީގުގައި ލިވަޕޫލް މިރޭ ނުކުންނާނީ އާސެނަލްއާ ދެކޮޅަށެވެ. މި މެޗުގައި ވެސް ކޮޓީނިއޯ ނުކުޅޭނެއެވެ.