ރާއްޖޭގެ 44 ސްކޫލެއްގައި މަލްޓި ގްރޭޑް ޓިޗިން ތަޢާރަފް ކޮށްފިއެވެ.
މަލްޓި ގްރޭޑް ޓީޗިން ތަޢާރަފް ކޮށްދެއްވީ ވ.އަތޮޅު ތަޢުލީމީ މަރުކަޒުގައި ބޭއްވި ރަސްމިއްޔާތުގައި އެޑިއުކޭޝަން މިނިސްޓަރ ޑރ.ޢާއިޝަތު ޝިހާމްއެވެ.
ރާއްޖޭގެ ތަޢުލީމީ ދާއިރާ އިތުރަށް ހަރުދަނާކޮށް ދަރިވަރުންނަކީ ހުނަރުވެރި ޤާބިލް ބަޔަކަށް ހެދުމަށްޓަކައި، އެއްވެސް ކުއްޖަކު ބާކި ނުކުރުމުގެ ސިޔާސަތުގެ ދަށުން އެޑިއުކެޝަން މިނިސްޓްރީން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ސްކޫލްތަކަށް މަލްޓީ ގްރޭޑް ޓީޗިން ތަޢާރަފްކުރުމަކީ ފާހަގަކޮށްލެވޭ މަސައްކަތެކެވެ.
މަލްޓީ ގްރޭޑް ޓީޗިން ފެށުމަށްޓަކައި ތިން އަހަރު ދުވަހުގެ ޕައިލޮޓް ޕްރޮޖެކްޓެއް ހިންގުމަށްފަހު އޭގެ ކާމިޔާބީ ވަނީ ފާހަގަކޮށްފައެވެ. އަދި މިހާރު މި މަސައްކަތް ރަސްމީކޮށް ފަށާފައިވާއިރު ސާޅީސް ހަތަރު ސްކޫލެއްގައި މަލްޓީ ގްރޭޑް ޓީޗިން މިވަނީ ތަޢާރަފްކޮށްފައެވެ.
މަލްޓީ ގްރޭޑް ޓީޗިންއަކީ އާބާދީ މަދު ސްކޫލްތަކުގައި ރަނގަޅު ފެންވަރެއްގައި ދަރިވަރުންނަށް މަންފާ ކުރަނިވި ތަޢުލީމެއް ފޯރުކޮށްދިނުމަށް މުހިންމު ކަމެކެވެ. އަދި ދަރިވަރުންނަށް ކްލާސްރޫމެއްގެ މާހައުލުން ލިބެންޖެހޭ މަޢުލޫމާތާއި، ހުނަރާއި، ސިފަތައް ލިބިދިނުމަށްޓަކައި އެއްގްރޭޑަކަށް ވުރެ ގިނަ ގްރޭޑްތައް އެއްކޮށް، އެއްކުލާސްރޫމެއްގައި ކުދިންގެ ފެންވަރާއި ގުޅޭގޮތުން ކިޔަވައިދިނުމަކީ މި ނިޒާމުގެދަށުން ކުރިއަށްދާނެ މުހިންމު ކަމެކެވެ.
ސާޅީސް ހަތަރު ސްކޫލެއްގައި މަލްޓީ ގްރޭޑް ޓިޗިން ތަޢާރަފް ކުރުމަށްޓަކައި ވ.އަތޮޅު ތަޢުލީމީ މަރުކަޒުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެޑިއުކޭޝަން މިނިސްޓަރ ޑރ.ޢާއިޝަތު ޝިހާމް ވިދާޅުވީ 2015 ވަނަ އަހަރު ތަޢާރަފްކޮށްފައިވަނީ، ވަރަށް ގާތުން ދަރިވަރުންގެ ތަރުބިއްޔަތަށް ސަމާލުކަންދޭ މަންހަޖެއްކަމަށެވެ.
އެގޮތުން މި މަންހަޖުގެ ތެރޭގައި ހަމައެކަނި ފޮތުން ކިޔެވުމުގެ ބަދަލުގައި ދިރިއުޅުމަށް ކުދިން ތައްޔާރުކުރުމަށް ބޭނުންވާ ހުނަރުތަކަށް ވަރަށް ބޮޑަށް ސަމާލުކަން ދޭނެކަމަށެވެ. މިނިސްޓަރ ވިދާޅުވީ އާބާދީ މަދު ސްކޫލެއްނަމަވެސް ދަރިވަރުންނަށް ބެނުންވާ ހުރިހާކަމެއް ފޯރުކޮށްދެމުންދާކަމަށެވެ.
ޓީޗަރުން ތަމްރީންކުރުމަށް މިހާތަނަށް އެޑިއުކޭޝަން މިނިސްޓްރީން ކުރިއަށް ގެންގޮސްފައިވާ މަސައްކަތުގެ ދަށުން 46 ސްކޫލަކުން މަލްޓި ގްރޭޑް ތަމްރީން ފަސްސަތޭކައެއްހާ ޓިޗަރުނަށް ދީފައިވެއެވެ.