ޚަބަރު

އައި.އެސް.އޯގެ ދެ ސެޓްފިކެޓެއް އައިލެންޑް ބެވެރޭޖަސްއަށް ލިބިއްޖެ


އައި.އެސް.އޯގެ އެންމެ ފަހުގެ ދެ ސެޓްފިކެޓާއި އެޗްއޭސީސީޕީ ސެޓްފިކެޓް އައިލެންޑް ބެވެރޭޖަސް މޯލްޑިވްސްއަށް ލިބިއްޖެއެވެ.

މި ސެޓްފިކެޓްތައް އެކުންފުންޏާ ހަވާލުކުރުމުގެ ރަސްމިއްޔާތު އޮތީ މިއަދު ހަވީރު ޗަންޕާ ސެންޓްރަލް ހޮޓެލްގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައެވެ. ޚިދުމަތުގެ ފެންވަރު ދެމެހެއްޓުމާ ގުޅޭގޮތުން ކުންފުނިތަކަށްދޭ ސެޓްފިކެޓްތަކުގެ ތެރެއިން އައިލެންޑް ބެވަރޭޖަސް މޯލްޑިވްސްއަށް ލިބިފައިވަނީ އައިއެސްއޯގެ އެންމެ ފަހުގެ ސެޓްފިކެޓްތައްކަމަށްވާ އައިއެސްއޯ 9001:2015 (ނައިން ތައުޒަން ވަން، ޓޫތައުޒަން ފިފްޓީން)ގެ ސެޓްފިކެޓާއި އައިއެސްއޯ 22000:2005 (ޓްވެންޓީ ޓޫތައުޒަން، ޓޫތައުޒަން ފައިވް) ގެ ސެޓްފިކެޓްގެ އިތުރުން އެޗްއޭސީސީޕީގެ ސެޓްފިކެޓެވެ.  

މި ސެޓްފިކެޓްތައް ހަވާލުކުރުމަށް ޗަމްޕާ ސެންޓްރަލް ހޮޓެލްގައި ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާ ވާހަކަފުޅުދައްކަވަމުން އެންވަޔަރަމަންޓް މިނިސްޓަރ ތާރިޤް އިބްރާހިމް ވިދާޅުވީ، ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތާމެދު ރައްޔިތުންގެ އިތުބާރު އޮތުމަކީ ވަރަށް މުހިންމު ކަމެއްކަމަށެވެ. އަދި ޚިދުމަތުގެ ފެންވަރު އަންގައިދިނުމުގެ ބައިނަލްއަޤްވާމީ މިފަދަ ސެޓްފިކެޓްތައް ހޯދުމަށް އެހެން ކުންފުނިތަކުންވެސް މަސައްކަތް ކުރުމަށް މިނިސްޓަރ ގޮވާލެއްވިއެވެ.

އައިލެންޑް ބެވަރޭޖަސް މޯލްޑިވްސްއަކީ އެންމެ ގިނައިން ބޯފެން އުފައްދާ އެއް ކުންފުނިކަން ފާހަގަކުރައްވާ މިނިސްޓަރ ވިދާޅުވީ، ޕްލާސްޓިކް ވީހާވެސް މަދުކުރުމަށް ކުންފުނިތަކުގެ ވިސްނުން ގެންގުޅެންޖެހޭނެކަމަށެވެ.

މިރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އައިލެންޑް ބެވަރޭޖަސް މޯލްޑިވްސްގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ފަޒުލް ރަޝީދު ވިދާޅުވީ، ރާއްޖޭގެ އެކިކަންކޮޅުތަކަށް އެކުންފުނީގެ ޚިދުމަތް ފުޅާކުރުމަށް ޕްލޭންތަކެއްގެ ދަށުން މަސައްކަތް ކުރައްވަމުން ގެންދަވާކަމަށެވެ. މިގޮތުން ހދ.ކުޅުދުއްފުއްޓާއި ރ. ދުވާފަރުގައި އެކުންފުނިން ޤާއިމްކުރާ ފެންބަންދުކުރާ ފެކްޓްރީތަކުގެ މަސައްކަތް ފާހަގަކުރެއްވިއެވެ. އަދި މާލެއަތޮޅުގެ ރަށްރަށަށް ފެން ސަޕްލައިކޮށްދިނުމުގެ މަސައްކަތް ފެއްޓެވުމަށް ތައްޔާރުވެފައިވާކަން ފާހަގަކުރެއްވިއެވެ. ފަޒުލް ވިދާޅުވީ، އެކުންފުނީގެ އިތުރު ފެކްޓްރީއެއް ހުޅުމާލޭގައި އެޅުމަށް މިހާރު ބިން ލިބިފައިވާކަމަށެވެ.

މި ސެޓްފިކެޓްތައް ލިބުމާއެކު އެކުންފުނި ވެގެންދާނީ ކަމެއް ދިމާވުމުން އެކަމަށް ޙައްލު ހޯދުމުގެ ބަދަލުގައި ކަމެއް ދިމާވުމުގެ ކުރިން ދިމާވެދާނެ ކަންކަމަށް ދުރާލާ ތައްޔާރުވެ ގެއްލުން ކުޑަކުރުމަށް މަސައްކަތް ކުރާ ކުންފުންޏަކަށްކަމަށް އައިލެންޑް ބެވަރޭޖަސް މޯލްޑިވްސްއިން ބުނެއެވެ. މި ރަސްމިއްޔާތުގައި އައިލެންޑް ބެވަރޭޖަސް މޯލްޑިވްސްގެ ކޮލިޓީ މެނޭޖްމަންޓް ޓީމަށް ވަނީ ހަނދާނީ ލިޔުންދީފައެވެ. މި ސެޓްފިކެޓް ލިބުމުން ކުންފުންޏަށް ލިބޭ ފައިދާތަކުގެ ތެރޭގައި ކަސްޓަމަރުންނަށް ފޯރުކޮށްދޭ ޚިދުމަތުގެ ފެންވަރު ރަނގަޅުވުމާއި، ކުންފުންޏަށް ރީތި ނަމާއި ރައްޔިތުންކުރާ އިތުބާރު ބޮޑުވުން ހިމެނެއެވެ.