ކުރީގެ ޢަރަބިއްޔާއާއި ގާކޮށި ބިމުގައި ހުރި ފްލެޓްތަކަށް މާލީ ދަތިކަމުގެ ސަބަބަން ފައިސާ ނުދެއްކިވާ މީހުންނަށް އަމާޒުކޮށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ތަޢާރަފްކުރި ލުއި ލޯނު ސްކީމްގެ ދަށުން، މިމަހު، ލޯނަށްއެދި ހުށައެޅުމުގެ ފުރުސަތު ހުޅުވާލާނެކަމަށް ހައުސިންގ މިނިސްޓްރީން ބުނެފިއެވެ.
ހައުސިން މިނިސްޓަރ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވީ ކުރީގެ ސަރުކާރުން ޓާޓާ ކުންފުންޏާއެކު ވެފައިވާ އެއްބަސްވުމުގައިވާ ގޮތުން ފްލެޓްތަކުގެ މަސައްކަތަކަށް ބޮޑު ޚަރަދެއް ހިނގާފައިވާކަމަށެވެ. އެހެންކަމުން ފްލެޓްތައް ކުއްޔައް ދެވެން އޮތީ، އެޗްޑީސީން މި މަސައްކަތައް ނަގާފައިވާ ލޯނަށް ފައިސާ އަބުރާ ދެއްކޭނެ އުސޫލެއްގެ މަތިންކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި ސަރުކާރުން އެޗްޑީސީ މެދުވެރިކޮށް ޓާޓާ ކުންފުންޏަށް މިހާރު ދުއިސައްތަ ހަތްދިހަ މިލިއަނަށްވުރެ ގިނަ ރުފިޔާ ދައްކާފައިވާކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.
ފްލެޓަށް ހޮވުނު ފަރާތްތަކުގެ ތެރެއިން މިހާތަނަށް ފްލެޓަށް ވަނުމަށް ކަނޑައަޅާފައިވާ ޑައުންޕޭމަންޓް ފައިސާ ދައްކާފައިވަނީ ސާޅީސް ފަރާތަކުންނެވެ. ބާކީ ތިބި ދުއިސައްތަ ވިހި ފަރާތައް ޑައުންޕޭމަންޓް ދައްކައި، ފްލެޓަށް ދިރިއުޅުން ބަދަލުކުރުމަށް މާލީގޮތުން ދަތިތައް ހުރިކަމަށް މިނިސްޓަރ ފާހަގަކުރެއްވިއެވެ.
އެފަދަ ފަރާތްތަކަށް ޑައުންޕޭމްންޓް ދެއްކުމަށް ލުއި ގޮތްތަކެއް ފަހި ކޮށްދިނުމަށް ސަރުކާރުން ވަނީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީއާގުޅިގެން ލޯން ސްކީމެއް ތަޢާރަފް ކޮށްފައެވެ. އެމްއެމްއޭއިން ތަޢާރަފްކުރި "އެފޯޑަބަލް ލޯން ސްކީމް"ގެ ސަބަބުން ޑައުންޕޭމަންޓްގެ ގޮތުގައި ދައްކަން ޖެހުނު ހަތަރު ލައްކަ ރުފިޔާގެ ބަދަލުގައި އެޢަދަދު އެތައް ގުނައަކަށް ކުޑަވެގެން ދާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި އިންޓްރެސްޓްގެ ގޮތުގައި ދައްކަންޖެހޭ ޢަދަދު ކުޑަވެ ލޯނު އަދާކުރަން ޖެހޭ މުއްދަތު ފަނަރަ އަހަރުން ފެށިގެން ފަންސަވީސް އަހަރަށް އިތުރުކޮށްފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
ކުރީގެ އުސުލުން ނަމަ އަމިއްލަ އިންކަމްގެ ގޮތުގައި ސާޅިސް ހާސް ރުފިޔާ ލިބެން ޖެހުނު ނަމަވެސް، އާ ސްކީމްގެ ދަށުން މި އަދަދު އާއިލާއާއި އެކު ޖޮއިންޓް އިންކަމްއެއްގެ ގޮތުގައި ކަނޑައެޅޭނެއެވެ. އަދި މި އަދަދު ވިހި ހާހަށް ކުޑަކުރުމަށް އެމްއެމްއޭއިން މަސައްކަތް ކުރަމުން ދާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
"އެފޯޑަބަލް ލޯން ސްކީމް" ތަޢާރަފް ކޮށްފައިވަނީ މިދިޔަ ޖުލައިމަހުގެ ތެރޭގައެވެ. އަދި ލޯން ސްކީމަށް އެދި ހުށައެޅުމުގެ ފުރުސަތު މިމަސްތެރޭގައި ހުޅުވާލުމަށް ދަނީ މަސައްކަތް ކުރަމުންނެވެ. ލޯނު ތަޢާރަފް ކުރުމަށް ބޭއްވި ރަސްމިޔާތުގައި އެމްއެމްއޭގެ ގަވަރުނަރ އަޒީމާ ޢާދަމް ވިދާޅުވީ މި ލޯނު ދިނުމުގައި ފުރަތަމަ އިސްކަން ދޭނީ ގާކޮށި އަދި ޢަރަބިއްޔާ ފްލެޓްތައް ލިބުނު ފަރާތްތަކަށްކަމަށެވެ. މި ލޯން ސްކީމަކީ ހައުސިންގ މިނިސްޓްރީއާއި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ އަދި އެޗްޑީސީ ގުޅިގެން ތަޢާރަފްކުރި ލޯން ސްކީމެކެވެ.