ބައެއް ރަށްތަކަށް ދިމާވެފައިވާ ފެނަށްޖެހުމުގެ މައްސަލަ ހައްލުކުރުމަށް ހަދަން ނިންމާފައިވާ ފެން ރައްކާކުރުމުގެ ނިމާޒް ޤާއިމްކުރުމާއިބޭހޭ މަޝްވަރާތައް ފަށައިފިއެވެ.
ގްރީން ކްލައިމެޓް ފަންޑުގެ ހިލޭ އެހީގެ ދަށުން ހަދާ ފެން ރައްކާކުރުމުގެ ނިޒާމަށް 23.6 މިލިއަން ޑޮލަރު ޚަރަދުވާނެއެވެ.
މި ޕްރޮޖެކްޓާއި ގުޅޭ މަޝްވަރާތައް ކުރުމަށް ބޭއްވި ބައްދަލުވުމުގައި އެންވަރރަމެންޓް މިނިސްޓަރ ތޯރިޤް އިބްރާހިމް ވިދާޅުވީ ފެނުގެ ނިޒާމު ތަރައްޤީ ކުރުމަކީ ސަރުކާރުން އެންމެ އިސްކަންދޭ އެއް މަސައްކަތް ކަމަށާއި، ކުރިއަށް އޮތް ދެ އަހަރު ނިމޭއިރު ރާއްޖޭގެ ހަތްދިހަ ފަސް އިންސަތަ އާބާދީއަށް ސާފު ބޯފެން ދެމެހެއްޓެނިވި ގޮތެއްގައި ލިބޭނެ ކަމަށެވެ. އަދި މި ޕްރޮޖެކްޓްގެ ޑިޒައިން މަސައްކަތް ކުރުމަށް ބަޔަކު ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި، ޢަމަލީ މަސައްކަތްތައް މިއަހަރު ފަށާނެކަމަށެވެ.
މި ޕްރޮޖެކްޓްގައި އެންވަރމެންޓް މިނިސްޓްރީއާއި އެކު ބައިވެރިވާ ޔުނައިޓެޑް ނޭޝަންސް ޑިވެލޮޕްމެންޓް ޕްރޮގްރާމް ޔޫއެންޑީޕީގެ ރެސިޑެންޓް ކޯޑިނޭޓަރ ޝޯކޯ ނޯޑާ ވިދާޅުވީ، ފެނުގެ މައްސަލައަކީ ރާއްޖެ ފަދަ ކުދި ޤައުމުތަކަށް ދިމާވެފައިވާ ބޮޑު މައްސަލައެއްކަމަށެވެ. އަދި މި ޕްރޮޖެކްޓްގެ ސަބަބުން ސަތޭކަ ފަންސާސް ހާސް ރައްޔިތުންނަށް ފެނުގެ ޙިދުމަތް ދެވިގެންދާނެ ކަމަށް ޝޯކޯ ނޯޑާ ވިދާޅުވިއެވެ.
ރާއްޖޭގައި ހިންގާ މި ޕްރޮޖެކްޓަކީ ޔުނައިޓެޑް ނޭޝަންސް ފްރޭމްވާރކް ކޮންވެންޝަން އޮން ކްލައިމެޓް ޗޭންޖްއިން ގްރީން ކްލައިމެޓް ފަންޑާ ހަވާލު ކުރެވުނު އަށް ޕްރޮޖެކްޓްގެ ތެރެއިން ފުރަތަމަ ޕްރޮޖެކްޓެވެ.
ރާއްޖޭގެ ރަށްތަކަށް ދިމާވެފައިވާ ފެނަށް ޖެހުމުގެ މައްސަލައަށް ހައްލެއް ގެނައުމަށް ސަރުކާއުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެންވަޔަރަމެންޓް މިނިސްޓްރީން ބުނީ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ވޭތުވެ ދިޔަ ހަ އަހަރުގެ ތެރޭގައި މި މައްސަލަ ދިމާވާ މިންވަރު އިތުރުވެފައިވާ ކަމަށެވެ. އެގޮތުން މިދިޔަ އަހަރުގެ ތެރޭގަ ފެން ލިބުން ދަތިވެގެން 60 ރަށަކަށް ފެން ފޯރުކޮށްދީފައިވެއެވެ. އަދި މި މިއަހަރުވެސް ފެން ފޯރުކޮށްދީފައިވާކަން އެމިނިސްޓްރީން ފާހަގަކުރެއެވެ. އެގޮތުން ވާރޭވެހުން މަދުވުމުގެ ސަބަބުން ބޯފެން ލިބުން ދަތިވުމާއި، ކަނޑުގެ ލޮނުގަނޑު އުފުލުމުގެ ސަބަބުން ފެނުގެ ނިޒާމަށް ދިމާވާ މައްސަލައަށް ހައްލެއް ގެނައުމަށް ޔޫއެންޑީޕީއާއި އެންވާރަމެންޓް މިނިސްޓްރީ ގުޅިގެން، ގްރީން ކްލައިމެޓް ފަންޑްގެ ދަށުން ދަނީ ސާޅީސް ފަސް ރަށެއްގެ ފެނުގެ ނިޒާމު ރަނގަޅުކުރުމަށް މަސައްކަތްތަކެއް ދަނީ ކުރަމުންނެވެ. މި ޕްރޮޖެކްޓްގެ ދަށުން 45 ރަށުގައި ވާރޭ ފެން ރައްކާކުރާނެ ނިޒާމު ޤާއިމު ކުރުމާއި، ގޭބީސީގެ ބޭނުންތަކަށް ބިމުން ނަގާފެން ތަޣައްޔަރުވުން ކުޑަކޮށް ރައްކާތެރިގޮތުގައި ނެގޭނެ އިންތިޒާމް ހަމަޖައްސާނެއެވެ.