މޯލްޑިވްސް ވޯޓަރ އެންޑް ސުވަރޭޖް ކޮމްޕެނީން ރ.ދުވާފަރު އަދި ހ.ދ.ކުޅުދުއްފުށީގައި ޤާއިމްކުރާ ބޮޓްލިންގ ޕްލާންޓްގެ މަސައްކަތް އަންނަ އަހަރުގެ މެދުތެރޭގައި ނިމޭނެކަމަށް އެމް.ޑަބްލިއު.އެސް.އީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ފަޒުލް ވިދާޅުވެއްޖެއެވެ.
ފަޒުލް ވިދާޅުވީ މިއީ އެމް.ޑަބްލިއު.އެސް.ސީ އިން ވިއްކާ ފެން އަތޮޅުތެރެއިން ފަސޭހަކަމާއިއެކު، އަގުހެޔޮކޮށް ފޯރުކޮށްދިނުމަށް ކުރާ މަސައްކަތެއްކަމަށެވެ.
2014ވަނަ އަހަރު އެމްޑަބްލިއުއެސްސީގެ މައި ފެންޕްލާންޓާށް ދިމާވި މައްސަލައާއި ގުޅިގެން އެކުންފުނިން ދަނީ އެފަދަ ކަންކަމަށް ސަމާލުވެ ކުރިއާލާ ތައްޔާރުވުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ކުރިން އެމްޑަބްލިއުއެސްސީގެ ޙިދުމަތް ސެންޓްރަލައިޒް އުސޫލުން މާލޭ ސަރަހައްދައް ދެމުންއައި ނަމަވެސް މިހާރުދަނީ އަތޮޅުތެރެއަށް ޚިދުމަތް ފުޅާކުރުމަށް މަސައްކަތްކުރަމުންނެވެ. އެގޮތުން މި ސަރުކާރުގެ އަމާޒަކީ ޙިދުމަތް ޑީސެންޓްރަލައިޒް ކުރުންކަމަށް އެމްޑަބްލިއުއެސްސީގެ މެނޭޖިންގ ޑައިރެކްޓަރ އިބްރާހިމް ފަޒުލް ވިދާޅުވިއެވެ. އޭނާ އިތުރަށް ވިދާޅުވީ ރ.ދުވާފަރާއި ހ.ދ ކުޅުދުއްފުށީގައި ޤާއިމުކުރާ ފެން ބަންދުކުރާ ޕްލާންޓްގެ ސަބަބުން ކައިރި އަތޮޅުތަކާއި ރަށްތަކަށް ގިނަ ފައިދާ ކުރާނެކަމަށެވެ.
މީގެ އިތުރުން އަތޮޅުތެރޭގައި ފެނުގެ އަގު ބޮޑު ވެގެންދާ ސަބަބަކީ ފެނަށް ބޮޑު ނާލެއް ދައްކަން ޖެހުން ކަމަށާއި، ނަމަވެސް ފެން ޕްލާންޓްގެ ސަބަބުން ފެނުގެ އަގު ވަރަށް ބޮޑަށް ހެޔޮވެގެން ދާނެކަން ފަޒުލް ފާހަގަކުރެއްވިއެވެ. އަދި މި މަސައްކަތުގެ ތެރެއިން ކޮންމެ ރަށަކުން ވިއްސާއި ގާތްކުރާ އަދަދަކަށް ވަޒީފާގެ ފުރުސަތު ފަހިވެގެން ދާނެކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ރ.ދުވާފަރުގައި ޤާއިމުކުރާ ފެންބަންދުކުރާ ޕްލާންޓްގެ ޢަމަލީ މަސައްކަތް ކުރުމަށް ބޭނުންވާ ބިން މިހާރުވަނީ އެރަށު ކައުންސިލުން އެމްޑަބްލިއުއެސްސީއާއި ހަވާލުކޮށްފައެވެ. މިމަސައްކަތަށް 15 މިލިއަން ރުފިޔާ ޚަރަދުވާނެކަމަށް އެ ކުންފުނިން ބުނެއެވެ. އަދި މި ޕްލާންޓަކީ ގަޑިއަކު 6000 ފުޅި ބަންދުކުރުމުގެ ޤާބިލުކަން ލިބިފައިވާ ޕްލާންޓެއްކަމަށް އެމްޑަބްލިއުއެސްސީން މަޢުލޫމާތުދެއެވެ.