ޚަބަރު

ރައީސް ޔާމީންގެ ޒަޢާމަތުގައި މަރުގެ ޙުކުމް ތަންފީޒުކުރާނެ


ރާއްޖޭގައި މަރުގެ ޙުކުމް ތަންފީޒްކުރުމާމެދު ބަޔަކު ސުވާލު އުފެއްދި ނަމަވެސް، އެމަނިކުފާނުގެ ޒަޢާމަތުގައި އެކަން ކުރައްވާނެކަމުގެ ޔަޤީންކަން އަނެއްކާވެސް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ދެއްވައިފިއެވެ.

ހުޅުމާލޭގައި އަލަށް ތަރައްޤީކުރި ޕާކާއި އިޖްތިމާއީ މަރުކަޒު ހުޅުވުމަށް ބޭއްވި ހަފްލާގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވީ، ރަޙުމްކުޑަ ޢަމަލްތައް ހިންގާ ފަރާތްތަކަށް އެ ފުރުޞަތު ނުދެއްވާނެކަމަށެވެ. ރާއްޖޭގައި މަރުގެ ޙުކުމް ތަންފީޒް ނުކުރާނެކަމަށް ވިދާޅުވެ ބައެއް ލީޑަރުން ނަން ހާމަނުކުރައްވާ ލިއުންތައް ލިޔުއްވަމުން ގެންދާކަން ފާހަގަކުރައްވާ، ރައީސް ވަނީ އެމަނިކުފާނުގެ ޒައާމަތުގައި މަރުގެ ޙުކުމް ތަންފީޒްކުރައްވާނެކަމަށް ވިދާޅުވާ ވިދާޅުވުން ތަކުރާރު ކުރައްވާ އެކަމުގެ ޔަޤީންކަން ދިވެހި ރައްޔިތުންނަށް ދެއްވާފައެވެ. އަދި މިކަމާމެދު އެމަނިކުފާނާ އެއްވެސް ފަރާތަކުން ސުވާލު ނުކުރެއްވުމަށްވެސް ރައީސް އެދިވަޑައިގެންނެވިއެވެ.

މަރުގެ ޙުކުމް ރާއްޖޭގައި ތަންފީޒް ކުރައްވަނީ މުޅި މުޖުތަމައުގެ މަސްލަހަތަށް ކަމަށާއި، މައުސޫމް ދިވެހި މުޖުތަމަޢު ޚަރާބުވެގެންދާން ބޭނުން ނުވާތީކަމަށް ރައީސް ވިދާޅުވިއެވެ. ދާދިފަހުން ހިނގަދިޔަ މާރާމާރީއަށް އިޝާރާތްކުރައްވާ ރައީސް ވަނީ، ސިޔާސީ ލީޑަރުން އައިސް މިފަދަ ރަހުމުކުޑަ އަމަލުތައް ހުއްޓުވާ ވާހަކަ ނުދައްކަވަނީ ކީއްވެތޯ ސުވާލުކުރައްވާފައެވެ. އަދި އަބަދު ދައްކަންވީ ދިވެހި ދައުލަތުގެ ހާޒާނާ ބަހާ ވާހަކަތޯއާއި، އެއް ރައީސަކަށްވުރެ ގިނަ ރައީސުން ތިބެންޖެހޭ ވާހަކަތޯ ވިދާޅުވެ، ރައީސް ވަނީ ސުވާލު ކުރައްވާފައެވެ.

ރާއްޖޭގައި މަރުގެ ޙުކުމް ވަރަށް އަވަހަށް ތަންފީޒްކުރައްވާނެކަމަށް ރައީސް ވިދާޅުވެފައިވާއިރު އެކަމަށް ވާންޖެހޭ ތައްޔާރީތައް ކުރަމުން އަންނަކަމަށް ސަރުކާރުން ވަނީ ހާމަކޮށްފައެވެ.