ޗައިނާ މޯލްޑިވްސް ފްރެންޝިޕް ބްރިޖްގެ މަސައްކަތް ކުރިއަށްދާގޮތް ބަލާލުމަށް އަޙްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލް އާއި ބިލަބޮންގ ހައި އިންޓަރނޭޝަނަލް ސްކޫލްގެ ދަރިވަރުން ބްރިޖަށް ޒިޔާރަތްކޮށްފިއެވެ.
މި ޒިޔާރަތުގައި ބައިވެރިވެފައިވަނީ އަޙްމަދިއްޔާ އަދި ބިލަބޮންގގައި ޗައިނީސް ލެންގްއޭޖް ކިޔަވާ ދަރިވަރުންނެވެ. ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖަކީ ޗައިނާއިން ރާއްޖޭގައި ހިންގާ އެންމެ ބޮޑު ދެމަޝްރޫޢުގެ ތެރޭގައި ހިމެނޭ އެއް މަޝްރޫޢުއެވެ. މި މަޝްރޫޢުއަށް މުޅި ރާއްޖޭގެ ސަމާލުކަން ހުއްޓިފައިވާއިރު މަޝްރޫޢުގެ މަސައްކަތް ކުރިއަށްދާގޮތް ބަލާލުމަށް ސްކޫލު ދަރިވަރުންތަކެއް ވަނީ ބްރިޖް ސައިޓަށް ޒިޔާރަތްކޮށްފައެވެ. މިގޮތުން ޒިޔާރަތްކޮށްފައިވަނީ އަޙްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލްގައި ޗައިނީސް ލެންގްއޭޖް ކިޔަވާ ހަތްދިހަ ދަރިވަރުންގެ އިތުރުން ބިލަބޮންގް ހައި އިންޓަނޭޝަނަލް ސްކޫލުގައި ޗައިނީސް ލެންގްއޭޖް ކިޔަވާ، ގްރޭޑް ހަތަރެއް އަދި ގްރޭޑް ފަހެއްގެ ދަރިވަރުންނެވެ.
މި ޒިޔާރަތުގައި ޗައިނާއަށް ރާއްޖެއިން ކަނޑައަޅުވާފައި ހުންނަވާ ސަފީރް ވަންގ ފޫކަންގ ބައިވެރިވެ ވަޑައިގެން ވަނީ ދަރިވަރުންނާ ބައްދަލުކުރައްވާ ބްރިޖްއާއި ބެހޭ މަޢުލޫމާތުގެ އިތުރުން ދެގައުމުގެ ރަހްމަތްތެރިކަމާއި ބެހޭގޮތުން ދަރިވަރުންނާ ވާހަކަދައްކަވާފައެވެ.
ސްކޫލްތަކުން އިސްކޮށް ބައިވެރިވެވަޑައިގެންވި ފަރާތްތަކުން ފާހަގަކުރެއްވި ގޮތުގައި މިއީ ދަރިވަރުންނަށް ރާއްޖެ ތަރައްޤީވަމުން އަންނަކަން އަންގައިދީ، ރާއްޖޭގެ ހިނގާ ބޮޑެތި މަޝްރޫޢުތައް ބަލާލުމަށް ޗައިނާ އެމްބަސީން ދިން ރަނގަޅު ފުރުސަތެއްކަމަށެވެ. ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖްގެ މަސައްކަތަށް ކުރިއަށްދާގޮތް ބަލާލުމަށް ދިޔަ ދަރިވަރުންވަނީ އެ ދަރިވަރުންގެ ޝުޢޫރުތައް ހިއްސާކޮށްފައެވެ. އެގޮތުން އެކުދިން ދެކެމުން އައި ހުވަފެން މިއަދު ހަގީގަތެއްގެ ގޮތުގައި ފެނިގެންދާތީ އެކަމާ އުފާކުރާކަމަށް ބުންޏެވެ.
ބްރިޖްގެ މަސައްކަތް ބަލާލުމަށް ދަރިވަރުން ޒިޔާރަތްކޮށްފައިވާއިރު މި ދެސްކޫލުގެ މުދައްރިސުންނާއި ޗައިނާ އެމްބަސީގެ ބޭފުޅުންވެސް ބައިވެރިވިއެވެ. ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖްގެ މަސައްކަތަކީ މިހާތަނަށް ރާއްޖޭގައި ކުރިއަށްގެންދާ އިންޖިނިއަރިންގގެ އެންމެ ބޮޑު މަޝްރޫޢުއެވެ. ސަރުކާރުގެ އަމާޒަކީ 2018 ވަނަ އަހަރުގެ ޖުލައި މަހަށް ބްރިޖްގެ ޢަމަލީ މަސައްކަތްތައް ނިންމުމެވެ.