ފުވައްމުލަކު ސިޓީ ގޮޑުދޮށް ޙިމާޔަތްކުރުމުގެ މަޝްރޫޢަށް ކުވައިތު ފަންޑް ފޮރ އެރަބް އިކޮނޮމިކް ޑިވެލޮޕްމެންޓް ދޭ ލޯނުއެހީގެ އެއްބަސްވުމުގައި އެ ބޭންކާއި ދިވެހި ސަރުކާރާ ދެމެދު ސޮއިކޮށްފިއެވެ. އެ ބޭންކުން މިއަދު މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީއާއެކު ސޮއިކުރި މި އެއްބަސްވުމަކީ 11.88 މިލިއަން އެމެރިކާ ޑޮލަރުގެ ލޯނު އެހީގެ އެއްބަސްވުމެކެވެ.
ތިމާވެށިގެ މައްސަލަތަކަށް ބަލާއިރު ފުވައްމުލައް ސިޓީއަށް ތަޙައްމަލުކުރަން ޖެހިފައިވާ ޒަމާންވީ އެންމެ ބޮޑު މައްސަލައަކީ ރަށްގިރުމުގެ މައްސަލައެވެ. ފުވައްމުލަކު ދޮނޑުދޮށް ޙިމާޔަތްކުރުމުގެ މަޝްރޫޢުގެ ދަށުން މި ސޮއިކުރި އެއްބަސްވުމަކީ ފުވައްމުލައް ސިޓީގެ ރަށް ގިރުމުގެ މައްސަލައަށް ޙައްލެއް ގެނައުމަށް 2650 މީޓަރުގެ ބޮޑު ހިލައިގެ ރިވެޓްމެންޓެއް ޖެހުމަށް ބޭނުންވާ ފައިސާ ހަމަޖެއްސުމުގެ އެއްބަސްވުމެކެވެ.
މި ޕްރޮޖެކްޓަކީ ނެދަލޭންޑްސްގެ އެންޓަރޕްރައިސް އޭޖެންސީ (އޯރިއޯ)އިން ދޭ ހިލޭ އެހީއާއި ކުވައިތު ފަންޑު ފޮރ އެރަބް އިކޮނޮމިކް ޑިވެލޮޕްމެންޓްގެ (ކުވައިތު ފަންޑް) އިން ދޭ ލޯނު އެހީގައި ކުރިއަށް ގެންދާ ޖުމްލަ 22 މިލިއަން އެމެރިކާ ޑޮލަރުގެ މަޝްރޫޢެކެވެ.
މި ލޯނު އެހީގެ އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ފިނޭންސް އެންޑް ޓްރެޜަރީ މުޙައްމަދު މުނައްވަރުއެވެ. އަދި ކުވައިތު ފަންޑްގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް ހިޝާމް އަލް ވަގްޔާންއެވެ. މިރަސްމިޔާތުގައި އެންވަޔަރަމެންޓް މިނިސްޓަރ ޠާއިޤް އިބަރާހީމާއި ކުވައިތުގެ އެމްބެސެޑަރ ބައިވެރިވެވަޑައިގެންނެވިއެވެ.
ސޮއިކުރުމުގެ ރަސްމިޔާތުގައި ފިނޭންސް މިނިސްޓަރ މުޙައްމަދު މުނައްވަރު ވަނީ ކުވައިތާއި ރާއްޖެއަކީ ޒަމާނުއްސުރެ ގާތް ގުޅުމެއް އޮންނަ ދެ ޤައުމެއްކަމާއި ރާއްޖޭގެ ހިންގާ ބޮޑެތި ގިނަ މަޝްރޫޢުތަކަށް ފައިސާގެ އެހީ ފޯރުކޮށްދޭ ގައުމެއްކަން ފާހަގަކުރައްވާފައެވެ.
ފުވައްމުލަކުގެ ގޮޑުދޮށް ޙިމާޔަތްކުރުމުގެ މުހިންމުކަން ފާހަގަކުރައްވައި، އެންވަރރަމެންޓް މިނިސްޓާރ ތާރިޤް އިބްރާހީމް ވިދާޅުވީ މިއީ ރާއްޖޭގެ ފަދަ ޖަޒީރާ ޤައުމެއްގެ ރަށްތައް ޙިމާޔަތްކުރުމަށް ކުރަންޖެހޭ މުހިންމު ކަމެއްކަމަށެވެ. އަދި މިފަދަ މަޝްރޫޢުތަކަށް ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދޭކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މި މަސައްކަތުގެ ޑިޒައިން މަސައްކަތްތަށް ނިމިފައިވާކަމަށާއި، މިއަހަރުގެ ތެރޭގައި ޢަމަލީ މަސައްކަތް ކުރާނެ ކުންފުންޏެއް ހޯދައި އަންނަ އަހަރުގެ ކުރީކޮޅު މަސައްކަތް ފެށުމަށް މަސައްކަތް ކުރަމުންދާކަމަށް މިނިސްޓަރ ތާރިޤް ވިދާޅުވިއެވެ. އަދި މި މަސައްކަތް ދޮޅު އަހަރުތެރޭގައި ނިންމުމަށް ވަނީ ހަމަޖެހިފައެވެ.
ކުވައިތް ފަންޑްގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް ހިޝާމް އަލް ވަގްޔާން ވަނީ ރާއްޖެއާއި ކުވައިތާ ދެމެދު ޒަމާނުއްސުރެ އޮންނަ ގާތް ގުޅުން ފާހަގަކުރައްވައި ކުރިއަށް އޮތް ތާނގައިވެސް ކުވަތުން ރާއްޖެއަށް ވެވެން އޮތް މިންވަރަކުން އެހީތެރިވެދޭނެކަމަށް ވިދާޅުވިއެވެ.