އޮގަސްޓް މަހުގެ އެއްވަނަދުވަހުގެ ކުރިން ފެނަކައިން ބަލަހައްޓަމުންދާ އިންޖީނުގެތަކުގައި ހުރި ތެޔޮ ރައްކާކުރާ ޓޭންކުތަކުން ތެޔޮ ބޭނުންކުރާ މިންވަރު ބެލުމަށް ކެލިބްރޭޓިންގ ސިސްޓަމްތަކެއް ބެހެއްޓުމުގެ މަސައްކަތް އެސްޓީއޯއިން ކުރަމުންދާކަމަށް ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ޝަރީފް ވިދާޅުވެއްޖެއެވެ.
ޝަރީފް ވިދާޅުވީ ތެޔޮ ބޭނުންކުރާ މިންވަރު ބެލުމަށް ކެލިބްރޭޓަރ ބޭނުންކުރަން ފެށުމާއިއެކު ތެލަށް ފެނަކައިން ކުރާ ޚަރަދު 30% އަށް ކުޑަކުރެވިގެން ދާނެކަމަށެވެ. އެގޮތުން މިހާރު ފަސް މިލިއަން ލީޓަރުގެ ތެޔޮ މަހެއްގެ މައްޗައް ބޭނުންކުރިނަމަވެސް އެ އަދަދު ވަރަށް ބޮޑުތަން ކުޑަވެގެން ދާނެކަމަށެވެ.
ޝަރީފް ވިދާޅުވީ އަންނަ މަހުގެ އެއްވަނަ ދުވަހުގެ ކުރިން ފެނަކައިގެ ހުރިހާ ބްރާންޗެއްގައި ހުރި ތެޔޮ ރައްކާކުރާ ޓޭންކުތައް ދުނިޔޭގެ ފެންވަރުގައި ގަބޫލުކުރާ ކުންފުންޏަކުން ކެލިބަރޭޓްކޮށް އެކަމުގެ ލިޔުން ފެނަކައާއި ހަވާލުކުރާނެކަމަށެވެ. ކެލިބްރޭޓިންގ ސިސްޓަމް މީހާރުވެސް ބައެއް ރަށްތަކުގައި ބަހައްޓާފައިވާކަމަށާއި، ބާކީރަށްތަކުގައި އޮގްސްޓް މަހަށް މި މަސައްކަތް ނިންމުމަށް އެސްޓީއޯއިން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. ޝަރީފް ވިދާޅުވީ ފެނަކައިގެ އާމްދަނީގެ 60%އަކީ ތެޔޮގަންނަން ޚަރަދު ކުރާ ފައިސާކަމަށާއި، މި ކެލިބަރޭޓަރތަކުގެ ސަބަބުން ގެއްލުން ކުޑަވެ އާމްދަނީ އިތުރުވެގެން ދާނެކަމަށެވެ.