ޖުމްހޫރީ ޕާޓީގެ ލީޑަރ ގާސިމް އިބްރާހިމްގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާތައް ވަކީލުން ހާޒިރުނުވެގެންކަމަށް ބުނެ ކޯޓުން ބޭރުކޮށްލީ އެ މައްސަލައިގެ އަޑުއެހުން މާދަމާއަށް ފަސްކޮށްދިނުމަށް އެދިފައިވަނިކޮށްކަމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ބުނެފިއެވެ.
ޕިޖީ އޮފީހުގެ މީޑިއާ އޮފިޝަލް ވިދާޅުވީ ގާސިމްގެ މައްސަލައިގެ އަޑުއެހުން މާދަމާއަށް ފަސްކޮށްދިނުމަށް ސިޓީއަކުން މިއަދު އެދިފައިވާނެކަމަށެވެ.
މިރޭ 19:00 އަށް ކްރިމިނަލްކޯޓުގައި ތާވަލްކޮށްފައި އޮތީ ޤާސިމްގެ މައްޗަށް އުފުލާފައިވާ ދައުވާތައް ކުރިއަށް ނުގެންދެވޭނެކަމަށް ކަނޑައަޅައިދިނުމަށް އޭނާގެފަރާތުން އެދިފައިވާ މައްސަލައާމެދު ގޮތެއް ނިންމުމުގެ މައްސަލައެވެ. މިމައްސަލައިގެ އަޑުއެހުމަށް ދައުލަތުގެ ވަކީލުން ހާޒިރުނުވެގެން މައްސަލަ ބޭރުކޮށްލައިވަނީ ގާތްގަޑަކަށް ދޮޅުގަޑިއރެއްހާއިރު ބެލުމަށްފަހުއެވެ.
ޤާސިމްގެ މައްޗަށް ދައުލަތުން އުފުއްލަވާފައިވަނީ ރަސްމީގޮތުން ކުރަންޖެހޭ ކަމަކަށް ނުފޫޒުފޯރުވަން އުޅުމުގެ ކުށުގެ ދަޢުވާއާއި، ރައްޔިތުން މަޖިލީހުގެ މެމްބަރުންނަށް ރިޝްވަތުދޭން އުޅުނުކަމުގެ ކުށުގެ ދަޢުވާއާއި ވޯޓް ދޭން ހުރި މީހަކަށް ނުފޫޒު ފޯރުވަން އުޅުމުގެ ކުށުގެ ދަޢުވާއެވެ.