ކުޅިވަރު

ދިވެހި ޕްރިމިއަރ ލީގުން ނިއުރޭޑިއެންޓް ޖާގަ ހޯދައިފި


ދިވެހި ޕްރިމިއަރ ލީގުން ނިއުރޭޑިއެންޓް ޖާގަ ހޯދައިފިއެވެ. 

ވަރުގަދަ ސްކޮޑަކާއެކު މިސީޒަނާ ކުރިމަތިލި ނިއުރޭޑިއެންޓަށް ޕްރިމިއަރ ލީގުން ޖާގަ ލިބުނީ ވިކްޓްރީއާ ވާދަކުރި މެޗް އެއްވަރުވުމުންނެވެ. ވިކްޓްރީއާ ނިއުރޭޑިއެންޓްގެ ކުރިމަތިލުން އެއްލަނޑު އެއްލަނޑުން އެއްވަރުވީއިރު، މިމެޗް ކާމިޔާބުކޮށްގެން ލީގުގެ އެއްވަނައަށް ޖެހިލުމުގެ ފުރުސަތު ނިއުރޭޑިއެންޓަށް އޮތެވެ. މެޗްގެ ފުރަތަމަ ހާފް ލަނޑެއް ނުޖެހި ނިމުމުނުއިރު ފުރަތަމަ ހާފްގައި ލަނޑު ޖަހާނެ ރަނގަޅު ދެ ފުރުސަތެއް ވިކްޓްރީއަށް ލިބުނެވެ. 



މެޗުގެ ދެވަނަ ހާފް ނިއުރޭޑިއެންޓުން ފެށީ ގޯލް ކީޕަރ އިމްރާންގެ ފަލަމަސްގަނޑަށް ލިބުނު އަނިޔާއަކާ ގުޅިގެން އޭނާ  ބަދަލުގައި ކީޕަރ ޒީޔަޒަންއާއެކުއެވެ. ދެވަނަ ހާފްގައި ފުރަތަމަ ލަނޑު ޖަހާ ކުރި ހޯދީ ނިއުރޭޑިއެންޓުންނެވެ. މިލަނޑު ނިއުރޭޑިއެންޓަށް ކާމިޔާބުކޮށްދިނީ ބިދޭސީ ފޯވާޑް އެޑްރިއަންއެވެ. ނިއުރޭޑިއެންޓްގެ ލަނޑަށްފަހު ވިކްޓްރީއިން ވަނީ ގިނަ ހަމަލާތަކެއް އުފައްދާފައެވެ. މެޗުގެ 72 ވަނަ މިނެޓްގައި ވިކްޓްރީއަށް ނަތީޖާ ހަމަހަމަކޮށްދިނީ އިސްމާއިލް އީސާއެވެ. މެޗުން މޮޅުވާން އެންމެ ރަނގަޅު ފުރުސަތެއް ލިބުނީ ނިއުރޭޑިއެންޓަށްކަން ފާހަގަކޮށްލެވެއެވެ. މެޗު ނިމެން ތިން މިނެޓަށްވެފައިވަނިކޮށް އެޓީމްގެ އެޑްރިއަންއަށް ހުސްކޮށް ލިބުނު ފުރުސަތުގެ ހުރަހަކަށްވީ މެޗުގައި ރަނގަޅު ކުޅުމެއް ދެއްކި ވިކްޓްރީގެ ކީޕަރ މުހައްމަދު އަލް ޔޫސުފްއެވެ. އޭގެ އެއް މިނިޓްފަހުން ވިކްޓްރީގެ ރިލްވާން ވަހީދު ނިއުރޭޑިއެންޓގެ ހަމްޒާއަށް ކުރި ފައުލަކާ ގުޅިގެން ރެފްރީވަނީ ރިލްވާންއަށް ރަތްކާޑު ދައްކާ ދަނޑުން ފޮނުވާލާފައެވެ. 

މެޗު އެއްވަރުވެ ނިއުރޭޑިއެންޓް ޕްރިމިއަރ ލީގަށް ކޮލިފައިވިއިރު، ވިކްޓްރީ ވަނީ ވަގުތީ ގޮތުން ހަތަރުވަނައަށް ޖެހިލާފައެވެ.



މެޗަށްފަހު ނިއުރޭޑިއެންޓްގެ ކޯޗް އޮސްކާ ބްރޫޒަން ބުނީ މެޗުގައި ކުޅުންތެރިންގެ ފަރާތުން ވަރުބަލިކަން މާބޮޑަށް ފެނުނު ކަމަށާއި، މެޗް އެއްވަރުވީނަމަވެސް ލީގު ހޯދުމަށް އެޓީމް ކުރާ މަސައްކަތައް ބަދަލެއް ނާންނާނެ ކަމަށެވެ.

" މެޗުން ބޭނުންވީ މޮޅުވަން. އެހެން ނަމަވެސް ލީގު ހޯދަން މި ކުރާ މަސައްކަތެއް ބަދަލެއް ނުވޭ. އެއްވަރުވިޔަސް ނިއުރޭޑިއެންޓުން އަދިވެސް މަސައްކަތްކުރާނީ ލީގު ހޯދަން" އޮސްކާ ބްރޫޒަން ބުންޏެވެ. 



ވިކްޓްރީގެ ކޯޗް އަލީ ސުޒެއިން ބުނީ މިއީ މޮޅުވެވޭނެ މެޗެއް ކަމަށާއި، ވިކްޓްރީއަށް މޮޅުވާނެ ރަނގަޅު ފުރުސަތުތަކެއް ލިބުނު ކަމަށެވެ. ގަދަ ހަތަރަކަށް ވާދަކުރުމުގެ ވާހަކަ ދެއްކުމަށްވުރެ މުހިންމީ ކުރިއަށް އޮތް ވެލެންސިޔާ މެޗު ކަމަށް ސުޒެއިން ބުންޏެވެ.

"މިހާރު މިއޮތީ ވެލެންސިޔާ މެޗު ނަގަން ޖެހިފަ. މިހާރުގެ ފޯކަސްއަކީ ވެލެންސިޔާ މެޗު. ވިކްޓްރީ ގަދަ ހަތަރެއްގެ ވާހަކަ ދައްކާ ހިސާބަކަށް އަދި ނުދޭ" ސުޒޭން ބުންޏެވެ.



މިމެޗުން މޮޅުވިނަމަ ނިއުރޭޑިއެންޓަށް ލީގުގެ އެއްވަނައަށް ޖެހިލެވޭނެއެވެ. މެޗު އެއްވަރުވެ މާޒިޔާއާ ނިއުރޭޑިއެންޓް ޕޮއިންޓްގެ ގޮތުން ހަމަހަމަވެފައިވާއިރު މާޒިޔާއަށް އެއްވަނަ ލިބެނީ ގޯލް ތަފާތުންނެވެ. ދިވެހި ޕްރިމިއަރ ލީގަށް މިހާތަނަށް ކޮލިފައިވެފައިވަނީ ލީގުގެ އެއްވަނައިގައިވާ މާޒިޔާ އަދި ނިއުރޭޑިއެންޓެވެ.