ކުޅިވަރު

ވިކްޓްރީ ގަދަ ހަތަރެއްގެ އުއްމީދު ބޮޑުކޮށްފި


ފަހަތުން އަރާ ގްރީން ސްޓްރީޓްސް ބަލިކޮށް މާލޭ ލީގުގެ ގަދަ ހަތަރެއްގެ އުއްމީދު ވިކްޓްރީން ދަމަހައްޓައިފިއެވެ.

އެސްޓީއޯ މާލޭ ލީގުގައި ރޭ ކްލަބް ގްރީން ސްޓްރީޓްސްއާއި ވިކްޓްރީ ވާދަކުރި މެޗް ވިކްޓްރީން ކާމިޔާބުކުރީ ދޭއް އެކަކުންނެވެ.

ފުރަތަމަ ހާފް ނިމެން ދެ މިނެޓަށްވެފައިވަނިކޮށް މެޗުގެ ފުރަތަމަ ލަނޑު ގްރީން ސްޓްރީޓްސްއަށް ޖަހައިދިނީ އަހުމަދު ހަސަންއެވެ. މި ލަނޑަކީ ވިކްޓްރީގެ ކީޕަރު މަހުމޫދު އަލް ޔޫސުފްއަށް ހެދުނު ގޯހުގެ ފައިދާ ނަގައި ގްރީން ސްޓްރީޓްސްގެ ކާމިޔާބުކުރި ލަނޑެކެވެ.

ލިބުނު ޕެނަލްޓީއަކުން ވިކްޓްރީއަށް ނަތީޖާ ހަމަހަމަކޮށްދިނީ އިސްމާއިލް އީސާއެވެ. މެޗްގެ 90 މިނެޓް ހަމަވެގެން ދެއްކި އިތުރު ވަގުތުގެ ތެރޭގައި ވިކްޓްރީ މެޗުން މޮޅުވި ލަނޑު ޖަހައިދިނީ ބަދަލް ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުތް އަހުމަދު ނިޔާޒްއެވެ.

މި މެޗަށްފަހު ވިކްޓްރީގެ ކޯޗް އަލީ ސުޒޭން ބުނީ މެޗުން މޮޅުވީ ކުޅުންތެރިންގެ އަދާޔާޚިލާފް ހިތްވަރުންކަމަށާއި، ފުރަތަމަ ހާފްގައި ބޮޑު މިސްޓޭކެއް ހެދި ގޯލެއް އެޓީމަށް ހަދިޔާ ކުރުމަށްފަހު ފަހަތުން އަރާ މޮޅުވުމަކީ ފަސޭހަކަމެއް ނޫންކަމަށެވެ. 

"ގިނަ ކަންތައްތަކެއް ހަމަނުޖެހި އޮތް އިރުވެސް ކުޅުންތެރިން ނިކުމެ ދެއްކި ކުޅުމަށް ތައުރީފްކުރަން. މެނޭޖްމަންޓުން ކުޅުންތެރިންނަށް ފުރިހަމަކޮށްދޭންޖެހޭ ކަންތައްތައް ވަރަށް އަވަހަށް ހަމަޖައްސައިދިނުމަށް ކްލަބްގެ ހިންގުމުގައި ހަތަރަކާތްތެރިވާ ފަރާތްތަކުން މަސައްކަތްކުރަމުން އަންނަަނީ" ސުޒޭން ބުންޏެވެ.

 މެޗަށްފަހު ގްރީން ސްޓްރީޓްސްގެ ކޯޗް ސަބާހް މުޙައްމަދު ބުނީ މިއީ ގްރީން ސްޓްރީޓްސްއަށް ދަށް ދުވަހެއްކަމަށާއި، އޭނާ ބޭނުންވާ ކުޅުން ޓީމަށް ނުދެއްކުނުކަމަށެވެ.

" މެޗުގައި ތަފާތަކަށްވީ ވިކްޓްރީގެ ކޮލިޓީހުރި ޕްލޭޔަރުން، އެވަރެޖް ކުޅުންތެރިންތަކަކާއިއެކު ނިކުމެ ލީގުގައި މިހާރު އޮތް ހިސާބާއިމެދު ހިތްހަމަޖެހޭ" ސޮބަ ބުންޏެވެ.



ރޭގެ މެޗުން މޮޅުވުމާއިއެކު ގްރީން ސްޓްރީޓްސްއާއި ވިކްޓްރީވަނީ ޕޮއިންޓްގެ ގޮތުން ހަމަހަމަވެފައެވެ. ދެ ޓީމަށްވެސް 18 ޕޮއިންޓް ލިބިފައިވާއިރު ގްރީން ސްޓްރީޓްސްއަށް ކުރި ލިބެނީ ފައިދާ ގޯލްގެ ތަފާތުންނެވެ.