ޚަބަރު

ފެނަކަ ކޯޕަރޭޝަނުންދޭ ކަރަންޓުގެ އަގު ހެޔޮކޮށްފި


ފެނަކަ ކޯޕަރޭޝަނުން ފޯރުކޮށްދޭ ކަރަންޓުގެ ޚިދުމަތުގެ އަގު ހެޔޮކޮށްފިއެވެ. 

ތެލުގެ އަގުތަކަށް އައި ބަދަލުތަކާއި ގުޅިގެން މިފަހަރު އަގުހެޔޮކޮށްފައިވަނީ ޔުނިޓަކުން 38 ލާރިއެވެ.  މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު އަޙްމަދު ޝަރީފް ވިދާޅުވީ ކަރަންޓުގެ އަގަށް ގެނައި ބަދަލާއެކު ޔުނިޓަކުން 38 ލާރި އަގު ހެޔޮކޮށްފައިވާ ކަމަށެވެ. 

އަތޮޅުތަކުގެ 152 ރަށަކަށް ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދޭ ފެނަކަ ކޯޕަރޭޝަނުން މަޢުލޫމާތުދޭ ގޮތުގައި ކަރަންޓު ފޯރުކޮށްދޭ އަގުތަކަށް ބަދަލު ގެނެސްފައިވަނީ އެސްޓީއޯއިން ތެޔޮ ވިއްކާ އަގުތައްކަށް ގެނައި ބަދަލާއި ގުޅިގެންނެވެ. އެގޮތުން ފެނަކައިން ކަރަންޓު ފޯރުކޮށްދެމުންދާ އަގުތަކަށް ގެނައި ބަދަލުތަކުގެ ތެރޭގައި 0 އާއި 100 ޔުނިޓާއި ދެމެދުން ބޭނުންކުރާނަމަ ކަރަންޓަށް ކުރާ ޚަރަދުން %17 ސަލާމަތް ކުރެވެއެވެ. 100އާއި 200އާއި ދެމެދުގެ ޔުނިޓުތަކުން ބޭނުންކުރާނަމަ ކަރަންޓަށް ކުރާ ޚަރަދު %15 ސަލާމަތް ކުރެވެއެވެ. 

ފެނަކައިން މައުލޫމާތުދޭ ގޮތުގައި ވިޔަފާރިތަކަށް ދޫކުރާ ކަރަންޓުގެ އަގުތަކަށްވެސް ވަނީ ބަދަލު ގެނެސްފައެވެ. އެގޮތުން ޢާއްމު ފަރާތްތަކުން ކުރާވިޔަފާރިތަކާއި ސަރުކާރާއި އަމިއްލަ ޚާއްސަ ކުންފުނި ތަކުން ބޭނުންކުރާ ކަރަންޓުން %5 އާއި %8 އާ ދެމެދުގެ އަގުތަކެއް ކުޑަވާނެއެވެ. 

ކަރަންޓުގެ އަގަށް މި ގެނައި ބަދަލާގުޅިގެން ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދޭ %80 ކަސްޓަމަރުންނަށް މަހެއްގެ މައްޗައް ޖުމްލަ 3.6 މިލިއަން ރުފިޔާ ސަލާމަތް ކުރެވޭނެކަމަށް ފެނަކައިގެ މެނޭގިނގ ޑިރެކްޓަރ އަޙްމަދު ޝަރީފް ވަނީ ވިދާޅުވެފައެވެ. 

މި ގެނައި ބަދަލާއި ގުޅިގެން މަހެއްގެ މައްޗައް އާއްމުން ކުރާ ވިޔަފާރިތަކުން ކަރަންޓުގެ 100 އާއި 400 ދެމެދުގެ ޔުނިޓު، ބޭނުންކުރާ ފަރާތްތަކަށް ހަތަރު ލައްކައަށް ވުރެ ގިނަ ރުފިޔާ ސަލާމަތް ކުރެވޭނެކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އަދި މި ކެޓަގަރީ ތެރޭގައި ހިމެނޭ ސަރުކާރުގެ މުއައްސަސާތަކަށް ބޭނުންކުރާ ކަރަންޓުން ދެ ލައްކައަށް ވުރެ ގިނަ ރުފިޔާ ސަލާމަތް ކުރެވޭނެކަން އޭނާ ފާހަގަކުރެއްވިއެވެ. 

ތެލުގެ އަގަށް ގެނައި ބަދަލަކީ ދުނިޔޭގެ ތެލުގެ އަގަށް އައި ބަދަލެއް ނޫން ކަމަށާއި ސަރުކާރުން ރައްޔިތުންނަށް އެކަށީގެންވާ އަގެއްގައި ކަރަންޓުގެ ޙިދުމަތް ފޯރުކޮށްދިނުމަށް ކުރަމުން ގެންދާ މަސައްކަތުގެ ދަށުން ހިނގާ ޚާއްސަ ކޮމެޓީއެއްގެ މަޝްވަރާގެ ދަށުން ގެނައި ބަދަލެއްކަމަށްވެސް ޝަރީފް ވިދާޅުވިއެވެ. 

ފެނަކައިގެ މެނޭޖިން ޑިރެކްޓަރ ވިދާޅުވީ ޖޫން މަހުގެ އަށާރަ ވަނަދުވަހުން ފެށިގެން ޔުނިތަކުން ކަރަންޓުގެ އަގަށް ނަގާ ލާރީގެ ރޭޓް ދަށްކޮށްފައިވާކަމަށެވެ. ނަމަވެސް ބައެއް ރަށްރަށް ނޯޓިސް ފޮނުވުމުގައި ކުދި ކުދި މައްސަލަތަކެއް ދިމާވެފައިވާކަމަށާ، އެހެންކަމުން ނޯޓިސް ފޮނުވުމުގައި މައްސަ ދިމާވި ބިލްތަކުން އަންނަ މަހު އެ ޢަދަދު ކަނޑާލާނެކަމަށް ޝަރީފް ވަނީ ވިދާޅުވެފައެވެ. 

ފެންކައިން މިހާރުވެސް އަންނަނީ 148 އިންޖީނުގެއިން ކަރަންޓު ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުންނެވެ.