މާލޭ ލީގުގެ ދެވަނަ ބުރުގައި މާޒިޔާއާއި ޓީސީގެ ކުރިމަތިލުން އެއްވަރުވެ މާޒިޔާ ޕްރިމިއަރ ލީގުގެ ޖާގަ ޔަޤީންކޮށްފިއެވެ.
ޓީސީ އަދި މާޒިޔާ ރޭ ވާދަކުރި މެޗް ނިމުނީ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބުނުކުރެވިއެވެ. ތާވަލްގެ އެއްވަނައިގައިވާ މާޒިޔާއަކީ މިއަހަރުގެ ޕްރިމިއަރ ލީގުން ޖާގަ ހޯދި ފުރަތަމަ ޓީމެވެ. ދިހަ ކުޅުންތެރިންނާއިއެކު މެޗް ނިންމާލި މާޒިޔާއަށް މެޗުގަިއ ލަނޑު ޖަހަން ރަނގަޅު ފުރުސަތުތަކެއް ލިބުނެވެ. މިގޮތުން މިޑްފިލްޑާރ އައްސަދު އަލީއަށް ލިބުނު ފުރުސަތުގެ ބޭނުން ނުކުރެވުނުއިރު، ދެވަނަ ހާފްގައި އަސަދުﷲ ފޮނުވާލި ހަމަލައެއް ކީޕަރު މަތަކުރިއިރު، ކައުންޓަރ އެޓޭކުގައި އޭނާ ފޮނުވާލި ބާރު ހަމަލާދިޔައީ ގޯލާއި އަމާޒުނުވެއެވެ.
ފުރަތަމަ ހާފް ނިމެން ފަސް މިނެޓަށް ވެފައިވަނިކޮށް ޓީސީގެ އަބްދުﷲ ހަނީފަށް ކުރި ފައުލަކާއި ގުޅިގެން ރެފްރީ އަމީޒްވަނީ މަޒީޔާގެ އައްސަދު އަލީއަށް ރަތްކާޑު ދައްކާފައެވެ. މެޗުގައި ޓީސީގެ އިބްރާހިމް މަހުދީ އަދި ނާއިޒް ހަސަންއަށްވެސް ފުރުސަތުތަކެއް ލިބުނެވެ. ދެވަނަ ހާފްގެ ފަހުކޮޅު ނާއިޒް ފޮނުވާލި ބާރު ހަމަލާ ކުޅުމުގެ ތެރެއަށް އައީ އަރިމަތީ ދަނޑީގައި ޖެހިފައެވެ. ރޭގެ މެޗަށްފަހު މާޒިޔާގެ ކޯޗް މަރްޔާން ސެކުލޯސްކީ ބުނީ މެޗުގައި މާޒިޔާގެ ކުޅުންތެރިން ކުޅުނީ ޓީސީގެ 14 ކުޅުންތެރިންނާއި ދެކޮޅަށްކަމަށެވެ. ކޯޗް ސެކުލޯސްކީ ހިތްހަމަ ނުޖެހިފައިހުރެ ބުނީ ދެކޮޅުގައި ކުޅުންތެރިން ހަމަހަމަނަމަ ނަތިޖާ ނިކުންނާނީ މާޒިޔާ ކޮޅަށްކަމަށެވެ.
ޓީސީގެ ކޯޗް މުޙައްމަދު ނިޒާމްބުނީ މެޗުގައި ލަނޑެއް ނުޖެހުން ފިޔަވައި އެހެންކަންތައްތައް ރަނގަޅުކަމަށެވެ. ނަތީޖާ ބަދަލްކޮށްލަން ފުރުސަތުވެސް ލިބުނުކަމަށާއި، ކުޅުންވެސް ރަނގަޅުކަމަށެވެ.
އޭނާ ބުނީ މި މެޗުން ތިން ޕޮއިންޓް ނުލިބުނަސް އަދި މާޔޫސްނުވާކަމަށާއި ބާކީ އޮތް ތިން މެޗް ކާމިޔާބުކޮށް ޕްރިމިއަރ ލީގުން ޖާގަ ހޯދޭނެކަމުގެ ޔަގީންކަން އެބައޮތްކަމަށެވެ.