ރާއްޖެއާއި ގުޅިގެން މަސައްކަތް ކުރަން ބޭނުންވާކަމުގެ ޝައުޤުވެރިކަން ޔޫރަޕިއަން ޔޫނިއަނުން ފާޅުކުރުމަކީ ބައިނަލްއަޤްވާމީ މައިދާނުގައި ރާއްޖެއަށް ލިބިގެންދިޔަ ވަރަށް ބޮޑު ކުރިއެރުމެއްކަމަށް ރާއްޖެއިން އިނގިރޭސިވިލާތަށާއި، ޔޫރަޕިއަން ޔޫނިއަނަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އަޙުމަދު ޝިއާން ވިދާޅުވެއްޖެއެވެ.
ބްރަސަލްސްގައި ހުންނަވާ ސްކައިޕް މެދުވެރިކޮށް ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ސަފީރު ވިދާޅުވީ، ރާއްޖެއަކީ ކުރިއަރަމުން އަންނަ ޑިމޮކްރަސީއެއްކަމުން އެހެން ޤައުމުތަކުގެ އެހީތެރިކަން ރާއްޖެއަށް ބޭނުންވާކަމަށެވެ.
ތަރައްޤީވަމުން އަންނަ ޑިމޮކްރަސީއެއްގައި އެހެން ޤައުމުތަކުން ހިތްހަމަ ނުޖެހިދާނެ ކަންކަން ހުރެދާނެކަމަށާއި، އެކަމުގައި އެޤައުމުތަކުގެ އެއްބާރުލުން ބޭނުންވާނެކަމަށް ވިދާޅުވިއެވެ. އެހެންކަމުން ޔޫރަޕިއަން ޕާލިމެންޓްގެ ފޮރިންގއެފެއާޒް ކޮމެޓީން ރާއްޖެއާއި ގުޅިގެން ކުރިއަށްގެންދާ ކަންކަމާއި ގުޅޭގޮތުން ބަޔާނެއްދީފައި ވުމަކީ ރާއްޖެއަށް ލިބިގެންދިޔަ ވަރަށް ބޮޑު ކުރިއެރުމެއްކަމަށް ސަފީރު ވިދާޅުވިއެވެ.
ޝިއާން ވިދާޅުވީ ޔޫރަޕިއަން ޔޫނިއަންގެ ފޮރިންގ ޕޮލިސީގެ ނަޒަރިއްޔާއިން ބަލާނަމަ މިނިވަން މުސްތަޤިއްލު ޤައުމެއްގެ ދާޚިލީ ކަންކަމާ އީޔޫން ނުބެހޭނެކަމަށާއި، ނަމަވެސް ހިތްހަމަނުޖެހޭ ކަންކަމާ ގުޅޭގޮތުން ސްޓޭޓްމަންޓް ނެރޭކަމަށެވެ. ސްޓޭޓްމަންޓެއް ނެރުމަކީ ދާޚިލީ ކަންކަމާ ބެހުންކަމަށް ޤަބޫލް ނުކުރައްވާކަމަށާއި، ނަމަވެސް ބައެއް ފަހަރު ސިޔާސީ ބޭނުމެއްގައި ބައެއް ކަންކަން ނިންމާކަމަށެވެ. ރާއްޖެއަކީ ކުޑަ ޤައުމެއްނަމަވެސް އެއީ ޤަބޫލް ކުރާނެކަމެއް ނޫންކަމަށް ޝިއާން ވިދާޅުވިއެވެ. ސަފީރު ވިދާޅުވީ ރާއްޖެއާ އެކީ ގުޅިގެން މަސައްކަތް ކުރަން އީޔޫން ޝައުޤުވެރިކަން ފާޅުކުރުމުން، ރާއްޖެއިންވެސް އީޔޫއާ ގުޅިގެން މަސައްކަތްތަކެއް ކުރަންޖެހޭކަމަށެވެ.
ޔޫރަޕިއަން ޕާލިމެންޓްގެ ފޮރިންގއެފެއާޒް ކޮމެޓީން ރާއްޖެއާ މެދު ފާޅުކުރި ޚިޔާލަކީ ރާއްޖޭގެ އިދިކޮޅު ފަރާތަކުން ޔޫރަޕްގައި ދައްކާ ވާހަކަތަކުގެ މައްޗަށް ބިނާކޮށް ފާޅުކުރި ޚިޔާލެއް ނޫންކަން ފާހަގަކުރައްވަމުން ޝިޔާން ވިދާޅުވީ، ރާއްޖޭގައި ކަންކަން ހިނގާގޮތާއި ޚިލާފަށް އިދިކޮޅު ބައެއް ފަރާތްތަކުން ޔޫރަޕްގައި ދައްކާ ވާހަކަތަކުގެ ސަބަބުން ދިވެހި ޤައުމާ ރައްޔިތުންނަށް ދަތިތަކެއް ކުރިމަތިވާކަމަށެވެ. ޚާއްސަކޮށް ޔޫރަޕަށް ދަތުރުކުރާ ދިވެހިންނަށް ބައެއް އުނދަގޫތައް ކުރިމަތިވާތަން ފެންނަކަމަށާއި، އެހެންކަމުން އެފަދަ ވާހަކަތައް ދެއްކުން ހުއްޓާލުމަށް ސަފީރު އިލްތިމާސް ކުރެއްވިއެވެ.
ރާއްޖޭގެ ކަންތައްތަކަށް ފާޑުކިޔައި އިނގިލި ދިއްކުރުމުގެ ބަދަލުގައި މިވަގުތަށް ބޭނުންވަނީ ރާއްޖެއާއި ގުޅިގެން މަސައްކަތް ކުރުންކަމަށް ޔޫރަޕިއަން ޔޫނިއަނުން ވަނީ ބުނެފައެވެ.