ނިއުރޭޑިއެންޓްގެ ކޯޗް ކަމަށް ސްޕެއިންގެ އޮސްކާ ބްރޫޒަން ބަރޭރާ ހަމަޖައްސައިފިއެވެ
. އިންޑިއާގެ ކްލަބްތަކަށް މީގެ ކުރިން އިރުޝަދު ދީފައިވާ އޮސްކާ ބްރޫޒަން ނިއުރޭޑިއެންޓުގެ ކޯޗްކަމަށް ހަމަޖައްސާފައިވަނީ އެޓީމްގެ ކުރީގެ ކޯޗް ބެނާޑޯ ޓަވަރޭޒް މަޤާމުން ދުރުކުރުމަށްފަހުއެވެ. ޓަވަރޭޒް މަޤާމުން ދުރުކޮށްފައިވަނީ އެކަށީގެންވާ ވަރުގެ ނަތީޖާ ތަކެއް ނުނެރެވޭތީ ކަމަށް ބުނެއެވެ.
އަލަށް ހަމަޖެއްސި ކޯޗް އޮސްކާ މިއަހަރު ފެނިގެންދިޔައީ އިންޑިއާގެ އައިލީގުގެ މުމްބާއީ ސިޓީ އެފްސީއިންނެވެ. އޭނާވަނީ މީގެ ކުރިން އިންޑިއާގެ ގޯއާ ޓީމްގެ ކޯޗްކަންވެސް ކޮށްފައެވެ. އަދި ދެހާސް ފަނަރަވަނަ އަހަރު އޮސްކާ މަސައްކަތްކުރީ އައިލީގުގެ މުމްބާއީ ޓީމްގެ އެސިސްޓެންޓް ކޯޗަކަށެވެ. އެއަހަރު މުމްބާއީ ޓީމަށް އިރުޝާދުދިނީ ފްރާންސްގެ ކުރީގެ ފޯވާޑް ނިކޮލަސް އަނިލްކާއެވެ.
އޮސްކާ ބްރޫޒަން މާލެ އައިސް ޓީމާ ގުޅިފައިވާއިރު އޭނާގެ ފުރަތަމަ މެޗަކަށް ވެގެންދާނީ މާލޭ ލީގުގައި ޖުލައި ހަތަރުވަނަ ދުވަހު ޔުނައިޓެޑް ވިކްޓްރީއާ ވާދަކުރަން ޖެހޭ މެޗެވެ.
އެސްޓީއޯ މާލޭ ލީގުގައި ނިއުރޭޑިއެންޓް މިވަގުތު އޮތީ ތާވަލްގެ ދެވަނައިގައެވެ. އެއްވަނައިގައިވާ މާޒިޔާއާ އެއް އަދަދަކަށް ނިއުރޭޑިއެންޓަށްވެސް ޕޮއިންޓް ލިބިފައިވާއިރު މާޒިޔާއަށް އެއްވަނަ ލިބެނީ ގޯލުގެ ތަފާތުންނެވެ.