ޚަބަރު

ދިއްދޫ ހައުސިންޔނިޓް ތަކުގެ ވަގުތީ ލިސްޓު ޢާއްމުކޮށްފި


ހއ.ދިއްދޫގައި އިމާރާތްކޮށްފައިވާ ހައުސިން ޔުނިޓުތަކަށް އެދުނު ފަރާތްތަކުގެ ފޯމުތައް އިވެލުއޭޓު ކުރުމަށްފަހު، ވަގުތީ ލިސްޓު ޢާއްމުކޮށްފިއެވެ. 

ދިއްދޫގެ ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ސަރުކާރުން ވަނީ އެރަށުގައި  250 ހައުސިންގ ޔުނިޓު ޢިމާރާތް ކުރައްވާފައެވެ. މީގެތެރެއިން  125 ހައުސިންގ ޔުނިޓް ދިއްދޫގެ ރައްޔިތުނަނަށް ދޫކުރުމަށް ވަނީ ނިންމަވާފައެވެ. އަދި ދިއްދޫއަށް ހިޖުރަ ކުރަން ބޭނުންވާ ފަރާތްތަކަށް،15 ހައުސިންގ ޔުނިޓް ދޫކުރުމަށް ނިންމަވާފައިވެއެވެ. 

ދިއްދޫ ކައުންސިލުން މަޢުލޫމާތުދޭ ގޮތުގައި ދިއްދޫ ރައްޔިތުންނަށް ދޫކުރުމަށް ހަމަޖެހިފައިވާ 125 ހައުސިންގ ޔުނިޓަށް އެދި 389 ފަރާތަކުން ފޯމު ހުށައަޅާފައިވެއެވެ. އަދި ދިއްދުއަށް ހިޖުރަކުރަން ބޭނުންވާ ފަރާތްތަކަށް ހުޅުވާލި 15 ފުލެޓަށް 51 ފަރާތަކުން ފޯމު ހުށައަޅާފައިވާކަމަށެވެ. ދިއްދޫ ކައުންސިލްގެ ރައީސް ޢަލީ ހާޝިމް ވިދާޅުވީ، 40 ފުލެޓް ރިއަލް އެސްޓޭޓްގެ ދަށުން ވިއްކުމަށް ސަރުކާރުން ނިންމަވާފައިވާކަމަށާއި، 5 ޔުނިޓް ދޫކުރުމަށް ނިންމާފައިވަނީ ކުޑަ ގޯއްޗެއް އޮވެ، އަސާސީ ޚިދުމަތް ލިބުމުގައި ދަތި ފަރާތްތަކަށްކަމަށެވެ. އަދި 25 ފްލެޓް އެއްފަސް ކުރުމުގެ ސިޔާސަތުގެ ދަށުން ދޫކުރުމަށް ނިންމާފައިވާކަމަށެވެ.

ދިއްދޫ އުތުރު ފަރާތުން ހިއްކި ސަރަހައްދުގައި އިމާރާތްކޮށްފައިވާ މިހައުސިންގ ޔުނިޓުތަކަކީ ދިއްދުއަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ ދަތިކަމަށް ޙައްލެއް ހޯއްދަވައިދެއްވުމަށް ސަރުކާރުން އިމާރާތްކުރައްވާ ހައުސިންގ ޔުނިޓްތަކެކެވެ. 

ޢާއްމުކޮށްފައިވާ ލިސްޓުގައި ޕޮއިންޓްދީފައިވާ ގޮތާއިމެދު އެއްވެސް ޝަކުވާއެއްވާނަމަ ޖުލައި މަހުގެ ދެވަނަ ދުވަހުން ފެށިގެން  އޮގަސްޓްމަހުގެ 17 ވަނަ ދުވަހާއި ހަމައަށް ވަނީ ޝަކުވާ ހުށައެޅުމުގެ ފުރުސަތު ހުޅުވާލާފައެވެ. ހައުސިންގ ޔުނިޓްތައް ލިބޭ ފަރާތްތަކާއި ގުރުއަތަށް ހޮވޭ ފަރާތްތައް ކަނޑައެޅޭނީ ދާއިމީ ލިސްޓު އިޢުލާން ކުރުމަށްފަހު ކަމަށް ދިއްދޫ ކައުންސިލުން ބުނެއެވެ.