ޚަބަރު

ސަޢުދީން ތަޢުލީމީ ފުރުސަތުތައް ހޯދަން މަސައްކަތް ކުރަން - ސަފީރު


ސަޢޫދިއަރަބިއްޔާއިން, ދީނީ ތަޢުލީމްގެ އިތުރުން އެހެން ދާއިރާތަކުން މަތީ ތަޢުލީމް އުނގެނުމުގެ ފުރުޞަތު ދިވެހި ދަރިވަރުންނަށް ހޯދައިދިނުމުގެ މަސައްކަތް ކުރައްވަމުން އަންނަކަމަށް ސަޢުދިއަރަބިޔާގައި ހުންނަވާ ދިވެހި ސަފީރު ޢަބްދުﷲ ހަމީދު ވިދާޅުވެއްޖެއެވެ. 

ޒަމާނުއްސުރެ ސަޢުދިއަރަބިޔާ އަކީ ދީނީ ތަޢުލީމް އުނގެނުމަށް ދިވެހިން ގޮސް އުޅޭ ޤައުމެކެވެ. ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަރވިއުއެއްގައި ޢަބްދުﷲ ހަމީދު ވިދާޅުވީ، ދީނީ ތަޢުލީމާއި ޢަރަބި ބަހުން ކިޔަވައިދޭ ޔުނިވަރސިޓީތަކުގެ އިތުރުން މަތީ ފެންވަރުގެ އިންޖިނިއަރިންގ ކިޔަވައިދޭ ޔުނިވަރސިޓީތަކާއި، މެޑިސިންގ އާއި އެނޫންވެސް ދާއިރާތަކުން ކިޔަވައިދޭ ޔުނިވާސިޓީތަކާއި އިނގިރޭސި ބަހުން ކިޔަވައިދޭ ގިނަ ޔުނިވާސިޓީތަކެއް ސަޢޫދިއަރަބިއްޔާގައި ހުރުމުން އެ ޔުނިވާސިޓީތަކުން ދިވެހި ދަރިވަރުންނަށް މަތީ ތަޢުލީމްގެ ފުރުޞަތު ހޯދައިދިނުމުގެ މަސައްކަތް ފަށްޓަވާފައިވާކަމަށެވެ.

ދީނީ ތަޢުލީމް އުނގެނުމަށް ދިވެހިން ގިނައި ގޮސް އުޅެނީ މައްކާ އާއި މަދީނާއަށެވެ. ސަފީރު ވިދާޅުވީ، ސަޢޫދިއަރަބިއްޔާގެ ރިޔާޟާއި އެހެނިހެން ސިޓީތަކަށްވެސް ދިވެހިންނަށް ކިޔަވަން ދެވޭނެ ފަސޭހަ އިންތިޒާމްތަކެއް ހަމަޖައްސަވަމުން އަންނަކަމަށެވެ. އަދި ތަޢުލީމީ ދާއިރާގެ މިކަންކަން އަވަސްކުރުމަށްޓަކައި ދެޤައުމުގެ ކަމާގުޅުންހުރި ދާއިރާތައް ހިމެނޭ ކޮމިޓީއެއް މިހާރު އެކުލަވާލާފައިވާކަމަށާ، އެހެންކަމުން ގިނަ ދާއިރާތަކުން ކިޔެވުމުގެ ފުރުޞަތު ދިވެހި ދަރިވަރުންނަށް ހޯދައިދިނުމަށް ކުރާ މަސައްކަތް އަވަސްވެގެންދާނެކަމަށް އުއްމީދުކުރެވޭކަމަށް ހަމީދު ވިދާޅުވިއެވެ. 

ސަޢޫދީސަރުކާރުން ވަނީ ރާއްޖެއަށް ތިންސަތޭކަ ސްކޮލާޝިޕްގެ ފުރުޞަތު ދީފައެވެ. ސަޢުދީޢަރަބިއްޔާގައި ހުންނަވާ ސަފީރު ވިދާޅުވީ، ދިވެހި ދަރިވަރުންނަށް ސަޢޫދީ ޢަރަބިއްޔާގައި އޮތް ތަޢުލީމީ ފުރުޞަތުތައް ފަސޭހައިން ލިބޭނެ އިންތިޒާމްތައް ހަމަޖެއްސުމުގެ މަސައްކަތް ވަރަށް ހަލުވިކަމާއެކު ކުރިއަށްދާކަމަށެވެ. 

ރާއްޖޭގެ ދުއިސައްތައެއްހާ ދަރިވަރުން މިހާރުވެސް ސަޢޫދިއަރަބިއްޔާގައި އަންނަނީ ތަޢުލީމް ހާސިލްކުރަމުންނެވެ.