އދ .ފެންފުށީ ސްކޫލްގެ ދަރިވަރުން އޯލެވެލް އިމްތިޙާނަށް ތައްޔާރުވުމަށް އެހީތެރިވުމަށް ފުރަތަމަ ފަހަރަށް ދަރިވަރުންނަށް ވީޑިއޯ ކޮންފަރެންސް ސެޝަނެއް ކުރިއަށް ގެންގޮސްފިއެވެ. މިއީ އެ ސްކޫލް ޑިޖިޓަލްކުރުމުގެ މަސައްކަތުގެ ތެރޭގައި ހިމަނައިގެން ކުރި އިންތިޒާމެއްގެ ދަށުން ފެށި ކަމެކެވެ.
ގްރޭޑް ދިހައެއްގެ ދަރިވަރުންނަށް ކުރިއަށް ގެންދިޔަ މި ވީޑިއޯ ކޮންފަރެންސް ސެޝަން ކުރިއަށް ގެންދިޔައީ މާލޭގައި ޓިއުޝަން ސެންޓަރެއް ކަމަށްވާ އެޑް ލައިފް ޓިއުޝަން ސެންޓަރާ ގުޅިގެން އެ ސެންޓަރުގެ މުދައްރިސުން މެދުވެރިކޮށެވެ.
ފެންފުށީ ސްކޫލް ޑިޖިޓަލް ކުރުމުގެ މަސައްކަތަކީ ޒަމާނީ ޓެކްނޮލޮޖީގެ ވަސީލަތްތަކަށް ދަރިވަރުން އަހުލުވެރި ކުރުވުމާއި ކިޔެވުމުގައި ދަރިވަރުން އެ ވަސީލަތްތަކުގެ ބޭނުންހިފައި ކިޔަވައިދޭ މާއްދާތައް އިތުރަށް މުތާލިއާ ކުރުމުގައި އެހީތެރިވެދިނުމަށް ކުރިއަށް ގެންދާ ޕްރޮޖެކްޓެކެވެ. މި މަސައްކަތުގެ ތެރެއިން ސްކޫލުގައި ބޭނުންކުރާ ދިހަ ކްލާސް ރޫމްގައި ޕްރޮޖެކްޓަރާއި ޓަޗް ސްކީން ބޭނުންކުރެވޭފަދަ ޒަމާނީ މިމިއޯ ސިސްޓަމްތައް ގާއިމްކޮށް ކިޔަވައިދެމުން ގެންދާކަމަށް އެ ސްކޫލުން މައުލޫމާތުދެއެވެ. img:http://s3.psmnews.mv/images/660x400/14973438606709.jpg|ފެންފުށީ ސްކޫލްގައި ވީޑިއޯ ކޮންފަރެންސް ބޭނުންކޮށްގެން ދަރިވަރުން އޯލެވެލަށް އަހުލުވެރި ކުރުވުން - ފޮޓޯ: ޕީއެސްއެމް
މި ސިސްޓަމަކީ ކިޔަވައިދިނުމުގައި ކުދިންނަށް ފަސޭހައިން ދޭހަވާނެފަދަ ގޮތްތަކަށް ޑައިގްރާމްތަކާއި ގްރާފްތަކާއި ގްރެފިކްސް ބޭނުންކޮށްގެން ފަސޭހަކަމާއިއެކު ކިޔަވައިދެވޭނެ ސިސްޓަމެއް ކަމަށް ފެންފުށީ ސްކޫލުން ބުނެއެވެ. ފެންފުށީ ސްކޫލަކީ މިހާރުވެސް މުޅިން ވައިފައިކޮށްފައިވާ ސްކޫލެކެވެ.
އެ ސްކޫލް ތަރައްޤީ ކުރުމަށްކުރާ މަސައްކަތުގައި އެކި އެކި ކުންފުނިތަކާއި ރިސޯޓުތަކުގެ އެހީ ލިބިފައިވާ ކަމަށް ފެންފުށީ ސްކޫލުން ބުނެއެވެ. ފެންފުށީ ސްކޫލް ޑިޖިޓަލް ކުރުމަށް ހިންގާ ޕްރޮޖެކްޓަކީ އެޑިއުކޭޝަން މިންސްޓްރީގެ އިރުޝާދު ވަރަށް ބޮޑަށް ލިބިގެން ކުރިއަށްދާ ޕްރޮޖެކްޓެއް ކަމަށް އެ ސްކޫލުގެ ޕްރިންސިޕަލް ވިދާޅުވެއެވެ. tw:https://twitter.com/EducationMV/status/874151174361849856
ފެންފުށީ ސްކޫލް ކުރިއެރުވުމަށް އެ ސްކޫލްގެ ބެލެނިވެރިންނާއި ޓީޗަރުންނާއި އިދާރީ ބޭފުޅުންވެސް އަންނަނީ ގިނަ މަސައްކަތަތަކެއް ކުރައްވަމުންނެވެ. އެގޮތުން ސްކޫލް ތަރައްގީ ކުރުމަށް ފަންޑް ރެއިޒިން އިވެންޓްތައް ހިންގައި، ސްކޫލްގެ އެޓެންޑެންސް ބެލެހެއްޓުމަށް ފިންގަރޕްރިންޓް ސިސްޓެމްތައް ޤާއިމުކުރުމާއި، ސްކޫލްގެ ހަރަކާތްތަކުގައި ބޭނުންކުރުމަށް ކެމެރާ އެއް ހަދިޔާކުރުމާއި ނޯޓިސްބޯޑު ޑިޖިޓަލް ކުރުމަށް ޓީވީ ހަދިޔާ ކުރުމާއި ލެޕްޓޮޕް ހަދިޔާ ކުރުމުގެ އިތުރުން ކްލާސް ރޫމްތަކަށް ބޭނުންވާ ކަބަޑުސެޓް ހޯދުމުގެ މަސައްކަތް ހިމެނެއެވެ.
މި ސްކޫލުން އަންނަ އަހަރަށް ކަނޑައަޅާފައިވާ އަމާޒުތަކުގެ ތެރޭގައި، ކަރުދާސް ބޭނުންކުރުން މަދުކުރުމާއި ކުދިން ޓެކްނޮލޮޖީއަށް އަހުލުވެރި ކުރުވުމަށް، އެއް ކަލާސްރޫމަކީ މުޅިން އައިޕެޑް ބޭނުންކޮށްގެން ކިޔައިވައިދޭ ކްލާސް ރޫމަކަށް ހެދުމަށް މަސައްކަތަ ކުރަމުން އަންނަކަމަށް ފެންފުށީ ސްކޫލުގެ ޕްރިންސިޕަލް ވިދާޅުވެއެވެ.
ފެންފުށީ ސްކޫލް 2015 އަހަރުން ފެށިގެން ޑިޖިޓަލައިޒް ކުރުމުގެ މަސައްކަތް ކުރަމުން އަންނައިރު ދަރިވަރުން 5 މާއްދާއިން ފާސްވާ ނިސްބަތް 30 ޕަސެންޓުން 85 ޕަސެންޓަށް އިތުރުވެފައިވާ ކަމަށް ފެންފުށީ ސްކޫލުން މައުލޫމާތުދެއެވެ.