ވިޔަފާރި

އެއަރއޭޝިއާއިން ތައިލެންޑާ މާލެއާދެމެދު ދަތުރުކުރަން ހުއްދަދީފި


ތައިލެންޑްގެ ބެންކޮކާއި މާލެއާ ދެމެދު ޝެޑިއުލް ދަތުރުތައް ކުރުމަށްޓަކައި އެއަރއޭޝިއާއަށް މިއަދު ހުއްދަދީފިއެވެ.

އެއަރއޭޝިޔާގެ ދަތުރުތައް ހަމަޖެހިފައިވާ ގޮތުން އަންނަ ޖުލައިމަހުގެ އެއްވަނަ ދުވަހުން ތައިލެންޑްގެ ޑުންމުއާންގް އެއަރޕޯޓާއި ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓާ ދެމެދު ދުވާލަކު އެއް ފުލައިޓް އޮޕަރޭޓް ކުރާނެއެވެ. މި ދަތުރުތަކުގައި އެ އެއަރލައިނުން ބޭނުންކުރާނީ 180 ގޮނޑީގެ ޖާގައިގެ އެއަރބަސް އެއަރކްރާފްޓެކެވެ.

އެއަރއޭޝިއާގެ ދަތުރުތައް ފެށުމާއެކު ތައިލެންޑާއި ރާއްޖެއާ ދެމެދު އޮޕަރޭޓްކުރާ އެއަރލައިންތަކުގެ ޢަދަދު ތިނަކަށް އަރާނެއެވެ. މިވަގުތު ދެ ޤައުމުގެ ދެމެދުގައި ދަތުރުކުރަމުން އަންނަނީ ރާއްޖޭގެ ޤައުމީ އެއަރލައިން މޯލްޑިވިއަން އާއި ތައިލެންޑްގެ ބެންގކޮކް އެއަރވޭޒުންނެވެ.

ރާއްޖެއަށް މިވަގުތު ޖުމްލަ 28 އެއަރލައިނެއް ދަތުރުކުރަމުންދެއެވެ. މި އެއަރލައިންތަކުން ދުނިޔޭގެ ތަފާތު 34 މަންޒިލަކަށް ވަނީ ވައިގެމަގުން ގުޅާލެވިފައެވެ.