ރިޕޯޓް

"ދިވެހި ރައްޔިތަކު ވަގަށް ނަގައިގެން ގެންދިޔައީ ކީއްވެ؟"


ދިވެހި ޤައުމުގެ މައްޗަށް އިނގިރޭސީންގެ ނުފޫޒު އެކި ޒަމާންތަކުގައި އެކިމިންވަރަށް ފޯރާފައިވާކަމީ ތާރީޚުން ފެންނާން އޮތް ޙަޤީގަތެކެވެ. އިނގިރޭސީންނަށް ރާއްޖެ މުހިންމުވަނީ ކީއްވެތޯ؟ ، ރާއްޖޭގެ ވެރިކަމުގެ މައްޗަށް އެމީހުންގެ ނޫފޫޒާއި ބާރު އޮންނަން އިނގިރޭސީން ބޭނުންވަނީ ކީއްވެތޯ؟، މިއީ ސުވާލެވެ.

ކޮންމެ ސަބަބަކާހެދި ނަމަވެސް އިނގިރޭސީން އޭރުވެސް މިހާރުވެސް މި ކުޑަކުޑަ ޤައުމުގެ ދާޚިލީ ކަންކަމަށް ނުފޫޒުފޯރުވައި، މިޤައުމުގެ އަމިއްލަ ކަންކަމާ ބެހެން މަސައްކަތްކުރެއެވެ. މިއީ ޙަޤީގަތެކެވެ. ތާރީޚުގެ ތެރެއިން މާލޭގެ މަޝްހޫރު ބޮޑުހުޅުގެ ޙާދިސާގެ "އިންޑެޕްތަށް" ވަޑައިގަންނަވަމާތޯއެވެ؟

ސިޔާސީގޮތުން އޭރު މާލޭގައި އެންމެ ވާދަވެރި ދެ ފިކުރަކީ އަތިރީގެއާއި ކަކާގެއެވެ. ދެގޭގެ ބޭފުޅުންގެ މެދުގައި ވެރިކަމުގެ ބާރުތައް ހޯދުމުގެ ކޯޅުންތަކެއް ދިޔައީ ހިނގަމުންނެވެ. ބޮޑު ހުޅުގެ އަޑީގައި ތިއްބެވީ އަތިރީގޭ ބޭފުޅުންކަމާއި، އެކަމާ އިނގިރޭސީންނާ ގުޅުމެއް ވާކަމަށް ދިވެހި ތާރީޚު ދިރާސާކުރައްވާ ބޭފުޅުން ވިދާޅުވެއެވެ. އަތިރީގޭ ބޭފުޅުން ބޭނުންވީ ރާއްޖޭގެ ދާޚިލީ ކަންކަމުގެ ތެރެއަށް އިނގިރޭސިން ވެއްދުމަށެވެ. އެއީ އެބޭފުޅުންނަށް ވެރިކަމުގެ ބާރުލިބުމަށް އެގޮތުން މަގުފަހިވާނެކަމަށް ބެލެވޭތީއެވެ.

ދިވެހިންގެ ކަރުގައި އަޅުވެތިކަމުގެ ރަހަލީ ކޮންމެ ފަހަރަކުވެސް އެކަން ވެފައިވަނީ ދިވެހިންގެ ޚާއިނުންގެ މަދުބަޔަކު އިސްވެތިބެ ބޭރުގެ އިސްތިޢުމާރީ ބާރަކަށް ދަޢުވަތުދީ، އެމީހުން ގެނެސްގެންކަން ތާރީޚު ހެކިދެއެވެ. މިއިން ކޮންމެފަހަރަކު މުޅި މިޤައުމާއި ރައްޔިތުންނަށް އަދި ޚުދު އެއްކަލަ ޚާއިނުންނަށްވެސް ލިބިފައިވަނީ ދެރައާއި ނިކަމެތިކަމެވެ. ހިތްދަތިކަމާއި ހިތާމައެވެ.

1887 ވަނަ އަހަރު މި ލޮބުވެތި ޤައުމު އިނގިރޭސީންގެ "ޙިމާޔަތުގެ އަޅުވެތިކަމަށް" ދާނެޖެހުނީވެސް މިދެންނެވި އުސޫލުގެ ތެރެއިންކަމުގައި ދަންނަވަންޖެހެއެވެ. އަތީރީގޭގެ ބޭފުޅުންނާއި، ވޯރާއިން އިސްވެތިބެ އިނގިރޭސީންގެ މަނަވަރެއް މާލެ ގެނެސް ދިވެހިންގެ "ބޮލުގައި ބަޑި ޖައްސައިގެން" ރާއްޖޭގެ ރަސްގެފާނު މުޢީނުއްދީނަށް ބިރުދައްކައިގެން މިކަން ކުރުމުގެ ނަތީޖާ ދިވެހިޤައުމުގެ އަރުގައިލީ ހިތި ޒަހަރެއްފަދައިންނެވެ. އިނގިރޭސީންގެ ޙިމާޔަތުގެ އެގްރީމެންޓުގައި އޮންނަގޮތުން އެއީ ދިވެހި ޤައުމުގެ އެތެރެއާއި ބޭރުގެ ޙިމާޔަތަށްޓަކައި ދިވެހިންގެ ރަސްގެފާނާއި ދިވެހިން އެދިގެން ކުރިކަމެކެވެ.

އެހެންނަމަވެސް އެއީ އޮޅުވާލުމެއްކަމާއި، އެ އެގްރީމެންޓް ލިއުނީވެސް އަތިރީގޭ ބޭފުޅުންނާއި އިނގިރޭސީން ބޭނުންވިގޮތަށް އެމީހުން އަމިއްލައަށްކަން ތާރީޚު ހެކިދެއެވެ. އަދި ހަތިޔާރާއެކު އިނގިރޭސި މަނަވަރެއް މާލެއައިސް ދިވެހިރައްޔިތުންނާއި، ރަސްގެފާނަށް ބިރުދައްކައި އެގްރީމެންޓުގައި ސޮއިކުރުވިކަން އެނގެން އެބައޮތެވެ.

މަޖުބޫރުން ކުރިވި މި އެގްރީމެންޓަށްފަހު އެކަމުގެ އަޑީގައި ތިބި އަތިރީގޭ ބޭފުޅުންނަށް ސިޔާސީގޮތުން ރާއްޖޭގެ ވެރިކަމުގެ މައްޗަށް ބާރާއި ނުފޫޒު ފޯރުވުމުގެ ފުރުސަތު ފަހިވެގެންދިޔައެވެ. އެހެންނަމަވެސް ދިވެހި ޤައުމަށް އޭގެސަބަބުން ކުރީ އޮން އަސަރެއްތޯ ބަލާލަމާ ހިނގާށެވެ.

މި އެގްރީމެންޓްގެ ދަށުން އިނގިރޭސިންގެ ރުހުން ނެތި ބޭރުގެ އެއްވެސް ބަޔަކާ ދިވެހިންނަށް މުއާމަލާތެއް ނުކުރެވެއެވެ. ސިލޯނުގައި ހުންނަވާ އިނގިރޭސި ގަވަރުނަރަށް ދިވެހި ސަރުކާރުން ޖަވާބުދާރީވާންޖެހެއެވެ. އިނގޭރޭސީން ބޭނުންހާ ގޮތަކަށް ރާއްޖޭގެ ވެރިކަމުގެ ކަންކަމާއި، ދާޚިލީ، ޚާރިޖީ ހުރިހާ ކަމެއް ހިނގަމުން އައިއިރުވެސް ސިޔާސީގޮތުން ބޮޑެތި ކަންތައްތައް ހިނގިއެވެ. 1953 ވަނައަހަރު ރައީސް މުޙައްމަދު އަމީން އިސްވެ ހުންނަވައި ރާއްޖޭގައި އޮތް ރަސްކަން އުވާލައްވައި ޖުމްހޫރިއްޔަތެއް އިއުލާން ކުރެއްވުމާއި،  1954 ވަނައަހަރު ރައީސް މުޙައްމަދު އަމީނުގެ ވެރިކަން ނިމުމަކަށް އައުމާއި، އަނެއްކާ އަލުން ދެވަނަފަހަރަށް ރާއްޖޭގައި ރަސްކަން އިއާދަވުމާއި މިކަންކަން ހިނގީވެސް އިނގިރޭސީންގެ އެކިވަރުގެ ނުފޫޒު އޮވެގެންކަމަށްވެއެވެ.

img:http://s4.psmnews.mv/images/660x400/14695132307668.jpg|ރާއްޖެއަށް ސިޔާސީ މިނިވަންކަން ހޯއްދަވައިދެއްވުމުގެ އެއްބަސްވުމުގައި ސޮއިކުރެއްވުން -

ރާއްޖެ ދެވަނަފަހަރަށް ޖުމްހޫރިއްޔަތަކަށް ބަދަލުވީ އިނގިރޭސީންގެ ޙިމާޔަތުގެ އެގްރީމެންޓު އުވާލިފަހުންނެވެ. އެކަން ކުރެއްވީ ރައީސް އިބްރާހީމް ނާޞިރެވެ. އެއީ 11 ނޮވެމްބަރު 1968 ގައެވެ. ޙިމާޔަތުގެ އެގްރީމެންޓަށް ފަހުވެސް ރާއްޖޭގެ އެންމެ ދެކުނުން އައްޑުއަތޮޅު ގަމުގައި 11 އަހަރު ވާންދެން އިނގިރޭސިން ތިއްބެވެ. އައްޑޫ ގަމުން އިނގިރޭސީން ފައިބައި ދިވެހި ސަރުކާރާ އެތަން ހަވާލުކުރީ މިނިވަންކަމަށް 11 އަހަރު ފަހުން 1976 ވަނައަހަރުގެ މާޗްމަހުގެ 29 ވަނަދުވަހުއެވެ.

އިނގިރޭސީން ގަމުގައި ތިބި ދުވަސްވަރު ދުވަހަކުވެސް ދިވެހިންގެ ހިތްތަކުން ފިލައިނުދާނެ ކަޅު ޞަފްޙާއެއް ދިވެހިތާރީޚުގައި ވަނީ ލިޔެފައެވެ. އަޑީގައި ތިބެގެން މިކަން ކުރިއަސް، ފާޅުގައިވެސް މީގެތެރޭގެ ބައެއް ކަންކަން އެމީހުން ކޮށްފައިވެއެވެ.

ގަމުގައި ތިބި ދުވަސްވަރު އިނގިރޭސީންނާއި ދިވެހި ސަރުކާރާ ދެމެދު މައްސަލަތައް އުފެދި ގަމުގައި ދެން އިނގިރޭސީން ބޭނުންހާގޮތަކަށް ތިބެވިދާނެތޯ ސުވާލުއުފެދޭ ހިސާބަށްދިއުމުން ހިންގި ކަންތައްތަކުގެ ތެރެއިން ދެކުނުގެ ބަޣާވާތް ފާހަގަކޮށްލެވެއެވެ. އެ ބަޣާވާތް ފެށީ 1959 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ފުރަތަމަ ދުވަހުއެވެ. 

img:http://s1.psmnews.mv/images/660x400/14968430291347.jpg|ގަމުގައި އިނގިރޭސީން އުޅުނުއިރު ރާއްޖެއައި އިނގިރޭސި މަނަވަރެއް-

އައްޑުއަތޮޅާއި، ފުވައްމުލަކާއި ހުވަދުއަތޮޅު ހިމެނޭހެން ވަކި ސަރުކާރެއް އުފައްދައި އައްޑޫ ޢަބްދުﷲ ޢަފީފުގެ ވެރިކަމުގެ ދަށުން "ޔުނައިޓެޑް ސުވާދީބް ރިޕަބްލިކް" ނުވަތަ އެކުވެރި ސުވާދީބް ޖުމްހޫރިއްޔާ ގެ ނަމުގައި 1959 ވަނަ އަހަރުގެ ޖެނުއަރީމަހުގެ 3 ވަނަދުވަހު ދައުލަތެއް އިޢުލާންކުރިއެވެ.

އިނގިރޭސީންގެ ނުބައި، ބައިބައިކުރުމުގެ ސިޔާސަތުގެ ދަށުން ހިންގި މިޖަރީމާއާ ދެކޮޅަށް ރައީސް އިބްރާހީމް ނާޞިރު ކުރެއްވި މަސައްކަތުން ސުވާދީބުގެ ޣައިރުޤާނޫނީ ދައުލަތް އުވާލީ 1963 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 23 ވަނަދުވަހުއެވެ.

 ފަހުވެސް އިނގިރޭސީން ޢަމަލުކޮށްފައިވަނީ ހުތުރުގޮތަކަށެވެ. އިނގިރޭސީން ވަނީ ދިވެހި ދައުލަތަށް ވަގަށް ބަޣާވާތުގެ ލީޑަރު ޢަބްދުﷲ ޢަފީފް ގެންގޮސް ޙިމާޔަތްދީފައެވެ. އޭނާއަށް އިނގިރޭސި ސިޔާސީ ޙިމާޔަތްދީ ޝީސެލްސްގައި ވަނީ ވަޒަންވެރި ކުރުވާފައެވެ. "ދިވެހި ދައުލަތަށް ނޭނގި ދިވެހި ރައްޔިތަކު ވަގަށް ނަގައިގެން ގެންދިޔައީ ކީއްވެގެންތޯ؟" މިއީ ރައީސް ނާޞިރު ތަކުރާރުކޮށް އިނގިރޭސި ދައުލަތާ ކުރެއްވި ސުވާލެކެވެ. މިސުވާލުގެ ޖަބާވު އަދި އަދަށްވެސް އިނގިރޭސީން ދީފައެއް ނުވެއެވެ.

img:http://s1.psmnews.mv/images/660x400/14968431260772.jpg|ސ.ގަމުގައި އިނގިރޭސިން ތިބިއިރު ބޭއްވި ޕެރޭޑެއްގެ ތެރެއިން-

މިއީ އިހުގެ ތާރީޚެވެ. އިހަށްދުވަހުގެ ޚަބަރުތަކަށް ބައްލަވާލައްވާށެވެ. ދިވެހިޤައުމަށް އިނގިރޭސީން އަޅާ ކަޅީގެ ބުރު، ދަނީ އެނބުރެމުން ތަކުރާރުވަމުންނެވެ. އާ އެއްވެސްކަމެއް ނުވެއެވެ. ބަދަލުވީ ޒަމާނާއި މީހުންނެވެ. ހިނގަނީ އެއްކަމެކެވެ.

މިދެންނެވީ ޓެރަރިޒަމްގެ ކުށް ސާބިތުވެ 13 އަހަރުގެ ޖަލުޙުކުމެއް އިއްވާފައިވަނިކޮށް، ބޭސްފަރުވާއަކަށް ކަމަށް ވިދާޅުވެ "ފިއްލަވައިގެން" އުޅުއްވާ ކުރީގެ ރައީސް މުޙަންމަދު ނަޝީދުގެ ޖަލުޙުކުމާއި ފިއްލެވުމާ ގުޅޭ ޚަބަރުތަކުގެ ވާހަކައެވެ. ނަޝީދަކީ އިނގިރޭސީން ރުހޭގޮތަށް ރާއްޖޭގައި ވެރިކަން ހިންގެވޭތޯ އުޅުއްވި ބޭފުޅެއްކަމަށް ސިޔާސީ ބޭފުޅުން ވިދާޅުވެއެވެ. ނަޝީދުގެ ވެރިކަމުގައި ދައުލަތުން މުސާރަ ދެއްވައިގެން ސިޔާސީ މަޤާމުތަކުގައި އިނގިރޭސި ރައްޔިތުން ރައީސް އޮފީހާއި އެނޫން ތަންތަނުގައިވެސް ގެންގުޅުއްވިއެވެ.

2008 ވަނަ އަހަރުގެ ނޮވެމްބަރުމަހުގެ 11 ވަނަދުވަހު ވެރިކަމަށް ވަޑައިގަތް ނަޝީދު ދައުރު ހަމަނުވަނީސް އިސްތިޢުފާދެއްވީ 2012 ވަނަ އަހަރުގެ ފެބްރުއަރީމަހުގެ 7 ވަނަދުވަހުއެވެ.

ކޮންމެއަކަސް ދިވެހި ރާއްޖެއާއި ސިޔާސީ ގުޅުން އަދިވެސް އޮތް، ރާއްޖޭގެ ޑިމޮކްރެޓިކް ނިޒާމު ހަރުދަނާކުރެއްވުމަށް މަސައްކަތްކުރައްވައި، އެކަމަށް އެހީތެރިވެދޭކަމަށް ބުނާ އިނގިރޭސިވިލާތުގެ ޢަމަލުތައް ހުރިގޮތަކީ އަޖައިބެކެވެ.

img:http://s3.psmnews.mv/images/660x400/14968441834350.jpg|13 އަހަރުގެ ޖަލު ހުކުމެއް ތަންފީޒް ކުރައްވަމުންގެންދަވާ، ކުރީގެ ރައީސް މުޙައްމަދު ނަޝީދު, ކުރީގެ، އިނގިރޭސި ބޮޑުވަޒީރު ޑޭވިޑް ކެމެރަން އާ ބައްދަލުކުރައްވަނީ-

ރާއްޖޭގެ ޤާނޫނީ އިމުގެ ތެރެއިން ނަޝީދުގެ ޖަލުޙުކުމުގެ ކަންކަން ހިނގައިދިޔައިރު، އެއިން އެއްވެސްކަމެއް ޤާނޫނީ އިމުން ކައްސާލިކަމުގެ އިޝާރާތެއްވެސް އިނގިރޭސީން ނުދެއެވެ. އެހެންނަމަވެސް ނަޝީދަށް ޙުކުމްކޮށް ޝަރީއަތް ހިންގާކަށް އެމީހުން ނުރުހެއެވެ. ނަޝީދުގެ މައްޗަށް ކުށް ސާބިތުވެ، ޙުކުމްކޮށް ޖަލަށް ލުމުންވެސް އޭނާ ގެންގޮސް ޙިމާޔަތްދީ އިނގިރޭސި ވިލާތުގައި ފޮރުވައިގެން އުޅެނީ އިނގިރޭސީންނެވެ. މިޙާލަތުގައިވެސް އިރުއިރުކޮޅާ އިނގިރޭސީން ދަނީ ދިވެހި ދައުލަތް ހިންގަންވީ ގޮތުގެ މައްޗަށް ބަސްކިޔާ މޭރުމަކުން ބަޔާންތައް ނެރެމުންނެވެ. ރާއްޖޭގެ ދާޚިލީ ކަންކަން ހިނގާގޮތާމެދު ސުވާލުކުރަމުންނެވެ. މިއިން ކޮންމެ ސުވާލަކަށް ދިވެހި ދައުލަތުން ފިސާރިކެރިގެން ކޮންމެފަހަރަކުވެސް ފުރިހަމައަށް ޖަވާބުދެއެވެ.

އެހެންނަމަވެސް ދިވެހިން އިނގިރޭސީންނާ ކުރީ އެންމެ ސުވާލެކެވެ. އެއީ ރައީސް އިބްރާހީމް ނާޞިރުކުރެއްވި ސުވާލެވެ. މިޤައުމާ ގުޅުންހުރި ކަމެއްގެ ސުވާލެވެ. "ދިވެހި ދައުލަތަށް ނޭނގި ދިވެހި ރައްޔިތަކު ވަގަށް ނަގައިގެން ގެންދިޔައީ ކީއްވެހެއްޔެވެ؟" މިސުވާލުގެ ޖަވާބު އަދި އަދަށްވެސް އިނގިރޭސީންނަކަށް ނުދެވެއެވެ.