ރާއްޖެއިން ބޭރުން ބޭސް ގެންނައިރު، ބޭހާއި އެކީ ބޭސް ސިޓީ ގެނައުމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސް އިން އިލްތިމާސް ކުރައްވައިފިއެވެ.
ކަސްޓަމްސްއިން މިގޮތަށް އިލްތިމާސް ކުރައްވާފައި ވަނީ ބޭހުގެ ބައެއް ބާވަތްތައް މަސްތުވާތަކެތީގެ ގޮތުގައި ރާއްޖެއަށް އެތެރެކުރުމަށް ބައެއް ފަރާތްތަކުން މަސައްކަތް ކުރަމުންދާތީއެވެ. ނޫސްވެރިންނަށް މަޢުލޫމާތުދެއްވަމުން ކަސްޓަމްސްގެ ޗީފް ސުޕްރިންޓެންޑެންޓް އިސްމާއިލް ހަމްދޫން ވިދާޅުވީ، ރާއްޖެ ހިމެނޭ ސަރަޙައްދުގައި އެންމެ ބޮޑަށް ދައުރުވަމުންދާ މަސްތުވާތަކެތީގެ ބާވަތްތަކުގެތެރޭގައި ބޭހުގެ އެކި ބާވަތްތައް ހިމެނޭކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ. އަދި މިފަދަ ބޭސްތައް އެތެރެކުރުން އިތުރުވަމުންދާ ކަމަށާ މިކަން ހުއްޓުވުމަށް ކަސްޓަމްސް އިން ޚާއްޞަ މަސައްކަތްތަކެއް ކުރައްވަމުންގެންދަވާ ކަމަށެވެ. އެގޮތުން ރާއްޖެއިން ބޭރުން ބޭސް ފަރުވާކުރާ ފަރާތްތަކާއި އަދި ރާއްޖެއަށް ބޭސް ގެންނަ ފަރާތްތަކުން ގެންނަ ބޭސް ކަސްޓަމްސް އިން ޗެކް ކުރާނެ ކަމަށާ، ބޭސް ސިޓީއާ ނުލާ ބޭސް އެތެރެކުރަން މަސައްކަތްކުރާ ފަރާތްތައް ހުއްޓުވާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. img:http://s2.psmnews.mv/images/660x400/14962237588357.jpg|ރާއްޖެއަށް އެތެރެކުރަން މަސައްކަތްކުރި މަސްތުވާތަކެތި - ފޮޓޯ: ޕީއެސްއެމް / މުޙައްމަދު ވަޙީދު
ހަމްދޫން ވިދާޅުވީ ބޭސްގެންނަ ބައެއް މީހުންނަށް ގެނެވޭ ބޭހުގެ މަޢުލޫމާތު ލިބިފައި ނުހުންނަކަން ފާހަގަކުރެވޭ ކަމަށެވެ. އަދި ނަފްސާނީ ބަލިތަކަށް ދޫކުރާ ބޭހުގެ ބާވަތްތައް މަސްތުވާތަކެތީގެ ގޮތުގައި އެތެރެކުރުން އިތުރުވެފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވިއެވެ. މިއަހަރުގެ މިހާތަނަށް ހަ މިލިއަން ރުފިޔާއާއި ގާތްކުރާ ޢަދަދަކަށް މަސްތުވާތަކެތި އެތެރެކޮށްފައިވާ ކަމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ ތަފާސްހިސާބުތަކުން ދައްކައެވެ. އަދި މިއަހަރުގެ މިހާތަނަށް މަސްތުވާތަކެއްޗާ ގުޅުންހުރި 12 މައްސަލައެއް ބަލާފައިވާކަމަށްވެސް ކަސްޓަމްސް އިން ވިދާޅުވެއެވެ. img:http://s4.psmnews.mv/images/660x400/14962237748279.jpg|ރާއްޖެއަށް އެތެރެކުރަން މަސައްކަތްކުރި މަސްތުވާތަކެތި - ފޮޓޯ: ޕީއެސްއެމް / މުޙައްމަދު ވަޙީދު
ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުން ހުއްޓުވުމަށް ކަސްޓަމްސް އިން ގެންދަވަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. އެގޮތުން ވައިގެ މަގުންނާއި ކަނޑުގެ މަގުން ރާއްޖެއަށް އެތެރެކުރާ މަސްތުވާތަކެތި ހުއްޓުވުމަށް ފުލުހުންނާއި ކަމާގުޅުންހުރި މުވައްސަސާތަކާ ގުޅިގެން ޚާއްޞަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ކަމަށް ކަސްޓަމްސް އިން ވިދާޅުވެއެވެ.