ސޫރިޔާގެ ކުރުދީންނަށް ނިސްބަތްވާ ހަނގުރާމަވެރި ޖަމާޢަތްތަކަށް ހަތިޔާރު ފޯރުކޮށްދިނުމުގެ މަސައްކަތް ފަށައިފިކަން އެމެރިކާ ހާމަކޮށްފިއެވެ.
އެމެރިކާގެ ދިފާއީ ވުޒާރާ ޕެންޓަގަންގެ ތަރްޖަމާން މޭޖަރ އެޑްރިޔާން ރަންކީން ވިދާޅުވީ ސޫރިޔާގެ ކުރުދީ ހަނގުރާމަވެރި ޖަމާޢަތްތަކަށް އެމެރިކާއިން ފޯރުކޮށްދިނީ އާދައިގެ ހަތިޔާރު ކަމަށާއި މީގެތެރޭގައި ހިމެނެނީ ބަޑިއާއި އަސްކަރީ ވެހިކަލްތައް ކަމަށެވެ.
ސޫރިޔާގެ ކުރުދީންނަށް ނިސްބަތްވާ ހަނގުރާމަވެރި ޖަމާޢަތްތަކަކީ ސޫރިޔާގެ އިރުއުތުރުގެ ސަރަޙައްދުތަކުގައި ހަރަކާތްތެރިވާ ޖަމާއަތްތަކެކެވެ. ކާޑިޝް ޕީޕަލް ޕްރޮޓެކްޝަން ޔުނިޓްސް ނުވަތަ ކުރުދީ ދަރިކޮޅުގެ މީހުންގެ ހިމާޔަތުގައި މަސައްކަތްކުރާ ހަނގުރާމަވެރި ޖަމާއަތްތަކުގެ ގޮތުގައި މަޝްހޫރުވެފައިވާ މި ހަނގުރާމަވެރި ޖަމާޢަތްތަކުގެ ތެރެއިން އެމެރިކާ އެންމެ ބޮޑު ގުޅުމެއް ބާއްވަނީ "ސީރިޔަން ޑިމޮކްރެޓިކް ފޯސަސް" ގެނަމުން ނަންދީފައިވާ ހަނގުރާމަވެރި ޖަމާޢަތާއެވެ. މިޖަމާއަތަށް އެހީތެރިވުމަކީ ސޫރިޔާގައި އައިއެސް ޖަމާޢަތް ބަލިކޮށްލުމަށް ކޮންމެހެން ކުރަންޖެހޭ ކަމެއްކަމަށް އެމެރިކާ ދެކެއެވެ. ސޫރިޔާގައިވާ އައިއެސްގެ އެންމެ ބޮޑު މަރުކަޒު ކަމަށްވާ އައްރިއްޤާ ސިޓީ އެ ޖަމާޢަތުގެ އަތްދަށުން މިނިވަންކުރުމަށް އެމެރިކާ ކުރާ މަސައްކަތަށް އެންމެ ބޮޑު އެއްބާރުލުމެއް ދެނީ ސޫރިޔާގެ ކުރުދީ ބާރުތަކުންނެވެ. ޚާއްސަކޮށް އެބާރުތަކުގައި ހިމެނޭ "ސީރިޔަން ޑިމޮކްރެޓިކް ފޯސަސް" އިންނެވެ.
އެ ޖަމާއަތަށް ހަތިޔާރު ފޯރުކޮށްދިނުމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ނިންމެވިކަން ޕެންޓަގަން އިން ކުރިންވެސްވަނީ އިޢުލާންކޮށްފައެވެ. ޕެންޓަގަންގެ މަސްއޫލުވެރިއަކު އަންގާރަ ދުވަހު ވިދާޅުވީ ޓްރަމްޕްގެ ނިންމެވުމާ ގުޅިގެން ފާއިތުވި 24 ގަޑީއިރު ތެރޭގައި "ސީރިޔަން ޑިމޮކްރެޓިކް ފޯސަސް" އަށް އެމެރިކާއިން ހަތިޔާރު ފޯރުކޮށްދީފައިވާނެ ކަމަށާ، އެއީ އައްރިއްޤާ މިނިވަންކުރުމުގެ ހަނގުރާމަ ފަށަން ތައްޔާރުވުމުގެ ގޮތުން ކަމަށެވެ. ސޫރިޔާގެ ކުރުދީ ބާރުތަކަށް ހަތިޔާރު ފޯރުކޮށްދިންކަން ޕެންޓަގަންއިން ކަށަވަރުކޮށްދިން މައްސަލައިގައި ތުރުކީވިލާތުން އަދި އެއްޗެއް ބުނެފައެއް ނުވެއެވެ. ނަމަވެސް "ސީރިޔަން ޑިމޮކްރެޓިކް ފޯސަސް" އަށް ހަތިޔާރު ފޯރުކޮށްދޭނެކަން މީގެ ދެހަފްތާއެއްހާ ދުވަސްކުރިން ޓްރަމްޕް އިޢްލާން ކުރެއްވުމުން ތުރުކީވިލާތުގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާން ވަނީ ވަރަށް ބޮޑަށް ކޯފާވެވަޑައިގެން އެމެރިކާއަށް ބަހުގެ ޙަމަލާތަކެއް ދެއްވާފައެވެ. ޓްރަމްޕްގެ އެ ނިންމެވުމަކީ ޓެރަރިސްޓުންނަށް އެހީތެރިވުން ކަމަށާ ސޫރިޔާގެ ކުރުދީންނަށް އެމެރިކާއިން ހަތިޔާރު ފޯރުކޮށްދީފިނަމަ ސޫރިޔާގައި އެމެރިކާ ހިންގާ އަސްކަރީ ހަރަކާތްތަކަށް އެއްބާރުލުން ނުދޭނެކަމުގެ އިންޒާރު އުރުދުޣާން ދެއްވާފައިވެއެވެ.
އެމެރިކާ ބުނާގޮތުން ސޫރިޔާގެ ކުރުދީ ހަނގުރާމަވެރި ޖަމާޢަތްތަކަށް ހަތިޔާރު ފޯރުކޮށްދެނީ އައްރިއްޤާ ސިޓީ މިނިވަންކުރުމުގެ ބޭނުމުގައެވެ. އެ ސިޓީ މިނިވަން ކުރެވިއްޖެނަމަ އައިއެސް ބާރުތައް ސޫރިޔާގައި ވަރަށް ބޮޑަށް ބަލިކަށިވެގެންދާނެ ކަމަށް އެމެރިކާ ދެކެއެވެ. އަނެއްކޮޅުން އެމެރިކާއިން ހަތިޔާރު ފޯރުކޮށްދިން ސޫރިޔާގެ ކުރުދީ ހަނގުރާމަވެރި ޖަމާޢަތްތަކާމެދު ތުރުކީވިލާތުން ދެކެނީ އެއީ ސޫރިޔާގެ އުތުރުގައި ކުރުދީންނަށް ޚާއްސަ ދައުލަތެއް ޤާއިމްކުރުމަށް މަސައްކަތްކުރާ ޓެރަރިސް ޖަމާއަތެއްގެ ގޮތުގައެވެ. އަދި ކުރުދީ ހަނގުރާމަވެރި ޖަމާޢަތްތަކަކީ ތުރުކީވިލާތުގައި ވަކިވެގަތުމަށް މަސައްކަތްކުރާ ހަނގުރާމަވެރި ޖަމާއަތެއް ކަމަށްވާ ޕީކޭކޭއާވެސް ގުޅިގެން ހަރަކާތްތެރިވާ ބައެއްކަމަށް ތުރުކީވިލާތުން ދެކެއެވެ.