މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން، އެމް.އެމް.ޕީ.އާރު.ސީގެ ޚިޔާނާތުގެ ތަހުޤީޤު ނިމި، އެ މައްސަލައިގައި އެންޓި ކޮރަޕްޝަން ކޮމިޝަންގެ ހުރިހާ ދައުރެއް މިހާރު ނިމިފައިވާކަމަށް އޭސީސީން ވިދާޅުވެއްޖެއެވެ.
އެމް.އެމް.ޕީ.އާރު.ސީގެ ޚިޔާނާތުގެ މައްސަލައިގެ ތަޙްޤީޤުގެ މަޢުލޫމާތު ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހާއި ޙިއްޞާކުރުމުގެ މަސައްކަތް އެންޓި ކޮރަޕްޝަން ކޮމިޝަނުން ފަށާފައިވަނީ މިދިޔަ މަހުގެ 30 ވަނަ ދުވަހުއެވެ. އެސީސީގެ ރައީސް ޙަސަން ލުޠުފީ ވިދާޅުވީ، އެމް.އެމް.ޕީ.އާރު.ސީގެ ޚިޔާނުގެ މައްސަލައިގެ ތަޙްޤީޤަކީ އެކޮމިޝަނުން މިހާތަނަށް ކުރެއްވި އެންމެ ބޮޑު ތަޙްޤީޤުކަމަށާއި ތަޙްޤީޤުގެ ބޮޑުކަމުން ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހާއި މަޢުލޫމާތު ޙިއްޞާކުރުމުގައި ވަރަށް ގިނަ ވަގުތު ހޭދަވިކަމަށެވެ. އަދި އެ މަސައްކަތް ނިމިފައިވާކަމަށް ވިދާޅުވިއެވެ.
ލުޠުފީ ވިދާޅުވީ، އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ރިޕޯޓުގެ ތަޙްޤީޤު ނިމި ޕީޖީއާއި ޙިއްޞާކޮށްފައިވުމުން އޭސީސީގެ ދައުރު މިހާރު ނިމިފައިވާކަމަށެވެ. ދެން އޮންނާނީ ޕީޖީ އޮފީހުގެ މަސައްކަތްކަމަށް ލުޠުފީ ވިދާޅުވިއެވެ. ނަމަވެސް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ވިދާޅުވީ، އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ތަޙްޤީޤު ރިޕޯޓްގެ މަޢުލޫމާތު އޭސީސީން ޕީޖީ އޮފީހަށް ހޯދުމުގެ މަސައްކަތް އަދިވެސް ކުރިއަށްދާކަމަށް ޕީޖީ އޮފީހުން ވިދާޅުވެއެވެ. އިތުރު ތަފްޞީލެއް ޕީޖީ އޮފީހުން ހާމައެއް ނުކުރައްވައެވެ.
އޭސީސީން މީގެ ކުރިން ވިދާޅުވެފައިވަނީ އޮޑިޓް އޮފީހުން ޢާއްމުކޮށްފައިވާ ފައިސާގެ ޢަދަދާއި އެ ކޮމިޝަނުން ހޯދި މަޢުލޫމާތުން ލިބުނު އަދަދުގައި މާ ބޮޑު ތަފާތެއް ނެތްކަމަށެވެ. އޮޑިޓް ރިޕޯޓުގައިވާ ގޮތުން އެމްއެމްޕީއާރުސީ މެދުވެރިކޮށް ދައުލަތަށް ވަންނަން ޖެހޭ 1.2 ބިލިއަން ރުފިޔާއަށް ބަޔަކު ވަނީ ޚިޔާނާތްތެރިވެފައެވެ.