ޚަބަރު

ހަމަލާތައް މެދުކަނޑައިލަން ޓްރަމްޕް އަނެއްކާވެސް ނިންމަވައިފި


އީރާނުގެ ތެލުގެ ސިނާއަތް އެމެރިކާގެ ބާރުގެ ދަށަށް ގެންގޮސް، ޙަމަލާތައް ވަރުގަދަކުރާނެ ކަމުގެ އިންޒާރު ދެއްވިތާ މަދު ގަޑިއިރުތަކެއްގެ ތެރޭގައި، އެ ޤައުމަށް ދޭން ރާވާފައިވީ އައު ޢަސްކަރީ ޙަމަލާތައް ހުއްޓައިލަން އަމުރުކުރައްވައި، ސުލްޙައިގެ މަޝްވަރާތަކުން ބޮޑު ކުރިއެރުމެއް ލިބިފައިވާ ކަމުގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހާމަކުރައްވައިފިއެވެ. އޯވަލް އޮފީހުގައި ބޭއްވި ބައްދަލުވުމެއްގައި ޓްރަމްޕް ވިދާޅުވީ، އެޕްރީލު މަހު އަމަލުކުރަން ފެށި ޙަމަލާތައް މެދުކަނޑައިލުމުގެ އެއްބަސްވުން ދެމެހެއްޓުމުގެ މަޝްވަރާތައް ކުރިއަށް އޮތް މަދު ދުވަސްކޮޅެއްގެ ތެރޭގައި ފުރިހަމަ އެއްބަސްވުމެއްގައި ސޮއިކުރެވޭނެ ކަމަށް އުންމީދުކުރައްވާ ކަމުގައެވެ. އީރާނާ ދެކޮޅަށް އެމެރިކާއިން އިސްވެ ޣައިރުޤާނޫނީ ހަނގުރާމައެއް ފެށީ ފެބުރުވަރީ 28 ގައި ޞަހްޔޫނީން ރުއްސުމުގެ ގޮތުންނެވެ.

އެއްބަސްވުމަކާ ގާތްވެފައިވާ ކަމުގައި ޓްރަމްޕް ވިދާޅުވުމާއެކު، އީރާނުގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު އިސްމާޢީލް ބަޣާއީ ވިދާޅުވީ، މަޝްވަރާތަކުގެ ބޮޑުބައި ނިމިފައިވީ ނަމަވެސް، އެމެރިކާގެ ސިޔާސަތުތަކުގައި ހުރި ފުށުއެރުންތަކުގެ ސަބަބުން މި މަރުޙަލާއަށް ހީނަރުކަން އަންނަމުންދާ ކަމަށާއި، ހަނގުރާމަ ހުއްޓައިލުމަށް އަދި އެއްވެސް ކަމެއް މުޅިން ނިމިފައިނުވާ ކަމުގައެވެ. އަދި ޔަހޫދީ ބޮޑުވަޒީރު ބެންޔަމިން ނަތަންޔާހޫގެ އޮފީހުން ވެސް ވަނީ އެމެރިކާއާއި އީރާނާ ދެމެދު އެކުލަވައިލަމުންދާ އެއްބަސްވުމުގައި ޔަހޫދީން ބައިވެރިނުވާ ކަމުގައި ބުނެފައެވެ.

މި މަޝްވަރާތަކުގައި އެންމެ ބޮޑު ހުރަހަކަށް ވެފައިވަނީ އީރާނުގެ ނިއުކްލިޔަރ މަޝްރޫޢާއި، ތެލާއި ގޭސް އުފުލުމުގައި އެންމެ މުހިންމު އެއް މަގު ކަމުގައިވާ ހުރްމުޒް ކަނޑުއޮޅިއަށް އީރާނުން އަތްގަދަކޮށްފައި އޮތް އޮތުމެވެ. މީގެ އިތުރުން ފްރީޒްކޮށްފައި ނުވަތަ ހިފަހައްޓާފައިވާ އީރާނުގެ މުދަލާއި ފައިސާ ދޫކުރުމުގެ މަރުޙަލާއާއި، ލުބްނާންގެ ޙިޒްބުالله ޖަމާޢަތާ ދެކޮޅަށް ކަމުގައި ބުނެ ޔަހޫދީން ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކުގެ މައްސަލައިގައި ވެސް ދެ ފަރާތުގެ މެދުގައި ބޮޑެތި ޚިޔާލުތަފާތުވުންތަކެއް ވަނީ އުފެދިފައެވެ.

އަނެއްކޮޅުން، އީރާނުގެ ބަނދަރުތަކަށް އެމެރިކާއިން ތަންފީޒުކުރަމުންދާ ޙިޞާރު ވަރުގަދަކުރުމަށް ޓަކައި، އެމެރިކާގެ އަސްކަރިއްޔާއިން ވަނީ އީރާނުގެ ތެޔޮ ބަރުކޮށްގެން ދަތުރުކުރަމުން ދިޔަ ދެ އުޅަނދަކަށް ޙަމަލާދީ ހުއްޓުވާފައެވެ. މީގެ ތެރެއިން އެއް އުޅަނދަށް ދިން ޙަމަލާގައި އިންޑިޔާގެ ތިން ފަޅުވެރިއަކު މަރުވުމާ ގުޅިގެން، އެކުވެރި ދައުލަތްތަކުގެ (އދ) އިދާރާތަކުން ވަނީ އެ ޖަރީމާ ކުށްވެރިކޮށްފައެވެ. މި ނުތަނަވަސްކަމާ ގުޅިގެން، އދގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިޔޯ ގުތެރޭޝް ވަނީ ދެ ފަރާތުން ވެސް އެޕްރީލު މަހުގެ އެއްބަސްވުމަށް ރުޖޫޢަވުމަށް ގޮވައިލައްވާފައެވެ.