ވިޔަފާރި

ރޯދަމަހަށް ގެންނަ ކާބޯތަކެތީގެ މުދާ ފަސޭހައިން ކްލިއަރ ކުރެވޭނެ


ރަމަޟާންމަހަށް ޚާއްޞަކޮށްގެން ރާއްޖެ ގެންނަ ކާބޯތަކެތީގެ މުދާ ފަސޭހަކަމާއެކު ކުލިއަރކުރާނެ އިންތިޒާމު ހަމަޖެހިފައިވާ ކަމަށް އެމްޕީއެލްއިން ހާމަކޮށްފިއެވެ.  

ރަމަޟާންމަހަކީ އާދަޔާ ޚިލާފަށް ކާބޯތަކެތީގެ ބާވަތްތައް ބޭރުން އެތެރެކުރާ ދުވަސްވަރަކަށް ވުމާއެކު، ވިޔަފާރިވެރިންނަށް ފަސޭހަކަމާއެކު މުދާ ކުލިއަރ ކޮށްދިނުމަށް އެމްޕީއެލްއިން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް އެކުންފުނިން ބުނެއެވެ. އެގޮތުން ރާއްޖެ ގެންނަ ކާބޯތަކެތީގެ މުދާ މިހާރު ފަސޭހަކަމާއެކު ކުލިއަރ ކުރެވޭނެ ކަމަށް އެމްޕީއެލްއިން ބުނެއެވެ. މިކަމާ ގުޅޭގޮތުން ނޫސްވެރިންނާއި ވާހަކަދައްކަވަމުން އެމްޕީއެލްގެ ސީއީއޯ އިބްރާހީމް ޢަބްދުއްރައްޒާޤު ޙަލީމް ވިދާޅުވީ ރަމަޟާން މަހަށް ޚާއްޞަކޮށްގެން ވިޔަފާރިވެރިން ރާއްޖެއަށް ގެންނަ މޭވާއާއި ތަރުކާރީގެ ބާވަތްތައް ކުލިއަރ ކުރުމަށް އެމްޕީއެލްގައި މިހާރު އިތުރު ސަރަޙައްދެއް ކަނޑައަޅައިފައިވާ ކަމަށެވެ.

ރަމަޟާންމަހަށް ރާއްޖެ ގެންނަ ކާބޯތަކެތީގެ މުދާ ފަސޭހަކަމާއެކު ކުލިއަރކުރާނެ އިންތިޒާމުގެ ތެރެއިން ހުޅުމާލެއަށް ކޮންޓެއިނަރތައް ގެންދިއުމުގެ ފަސޭހަ ގޮތްތަކެއްވެސް މިހާރު ހަމަޖެހިފައިވާ ކަމަށް އެމްޕީއެލްއިން ބުނެއެވެ. އަދި އަތޮޅުތެރެއިން މާލެއަށް ގެންނަ ތަރުކާރީއާއި މޭވާ ޓީ.ޖެޓީ ސަރަޙައްދަށް ބޭލުމުގެ ފަސޭހަ އިންތިޒާމުތަވެސް މިހާރު ހަމަޖެހިފައިވާނެ ކަމަށް އެމްޕީއެލްއިން ހާމަކުރެއެވެ.

މި ރަމަޟާންމަހު ބާޒާރުގައި ތަކެތީގެ އަގު އުފުލުނަ ނުދިނުމަށްޓަކައި އެމްޕީއެލްގެ ފަރާތުން ދެވެން އޮތް އެހީތެރިކަމެއް ދޭނެކަމަށް އިބްރާހީމް ޢަބްދުއްރައްޒާޤު ޙަލީމް ވިދާޅުވިއެވެ. މިއަހަރުގެ ރަމަޟާންމަހު ކާބޯތަކެތީގެ އަގު އެއްހަމައެއްގައި ހިފެހެއްޓުމަށް އިކޮނޮމިކް މިނިސްޓްރީންވެސް ގެންދަވަނީ މަސައްކަތްތަކެއް ކުރައްވަމުންނެވެ. އެ މިނިސްޓްރީން އަންގަވާ ގޮތުގައި މަޤްބޫލް ސަބަބެއް ނެތި މި ރަމަޟާންމަހު ތަކެތީގެ އަގު ބޮޑުކުރާ ފަރާތްތަކާމެދު އެ މިނިސްޓްރީން ފިޔަވަޅު އަޅުއްވާނެއެވެ.