ދުނިޔެ

ނޭޓޯގެ ޚަރަދުތަކުގައި ވިލާތުގެ ޤައުމުތައް ބައިވެރިވާ މިންވަރު


ވިލާތުގެ ދިފާއުގައި އެމެރިކާ ޖާމިނުވާނެކަމުގެ ޔަގީންކަން ރައީސް ޑޮނަލްޑް ޓްރަމްޕް ދެއްވި ނަމަވެސް، ނޭޓޯގެ ޚަރަދުތަކުގައި ވިލާތުގެ ޤައުމުތައް ބައިވެރިވާ މިންވަރު އިތުރުކުރުމަށް، ވަރަށް ހަރުކަށި ޢިބާރާތުން ޓްރަމްޕް އެދިވަޑައިގެންފައިވާކަމަށް ނޭޓޯއިން ބުނެފިއެވެ.

ނޭޓޯގެ ސެކްރެޓަރީ ޖެނެރަލް ޔެންސް ސްޓޯލްޓަންގާބް ވިދާޅުވީ، ނޭޓޯގެ ދިފާއީކަންކަމަށް އެމެރިކާ ކުރަންޖެހޭ ޚަރަދުތައް ބޮޑުކަމުގެ ޝަކުވާ ޓްރަމްޕް ކުރައްވާފައިވާ ކަމަށެވެ. ނޯތް އެޓްލާންޓިކް ޓްރިޓީ އޮގަނައިޒޭޝަން (ނޭޓޯ) އަކީ އެމެރިކާއާއި ހުޅަނގު ޔޫރަޕްގެ ޤައުމުތައް ގުޅިގެން ކުރީގެ ސޮވިއެޓް ޔުނިޔަންއާ ދެކޮޅަށް 1949 ވަނަ އަހަރު އުފެއްދި އަސްކަރީ ޖަމާއަތެކެވެ. އެޖަމާއަތުގެ އަސާސީ ޕްރިންސިޕަލަކީ ދިފާއީ ކަންކަމުގައި އެމެރިކާއާއި ހުޅަނގު ޔޫރަޕްގެ ޤައުމުތައް ގުޅިގެން މަސައްކަތް ކުރުމެވެ. ނޭޓޯއާ ކުރިމަތިލުމަށްޓަކައި އިރުމަތީ ޔޫރަޕްގެ ޤައުމުތަކާއި ކުރީގެ ސޮވިއެޓް ޔުނިޔަން ގުޅިގެން އުފެއްދި އަސްކަރީ ޖަމާއަތަކީ ވޯސޯ ޕެކްޓެވެ. އެ ޖަމާއަތުގެ އަސާސީ ޕްރިންސިޕަލަކީ ދިފާއީ ކަންކަމުގައި ކުރީގެ ސޮވޮއެޓް ޔުނިޔަން އާއި އިރުމަތީ ޔޫރަޕްގެ ޤައުމުތައް ގުޅިގެން މަސައްކަތް ކުރުމެވެ. ނަމަވެސް ދުނިޔޭގެ މަސްރަހަށް އައި ބަދަލުތަކާއެކު 1991 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 26 ވަނަ ދުވަހު ސޮވިއެޓް ޔުނިޔަން ރޫޅިގެންދިޔުމުން ވޯސޯ ޕެކްޓްވެސް ވަނީ ރޫޅިގެންގޮސްފައެވެ. މިއާއެކު ކުރީގެ ސޮވިއެޓް ޔުނިޔަންގެ ޤައުމުތަކާއި އިރުމަތީ ޔޫރަޕްގެ ޤައުމުތައްވެސް ނޯޓޯގެ މެންބަރު ޤައުމުތަކުގެ ގޮތުގައި ވެގެންގޮސް ރަޝިޔާގެ ހުޅަނގުގެ ސަރަޙައްދީ ރޮނގާހަމައަށް ނޭޓޯ ފުޅާވެގެންދިޔައެވެ.

ބުރާސްފަތި ދުވަހު ބްރަސަލްސްގައި ބޭއްވި ނޭޓޯގެ އިސްވެރިންގެ ސަމިޓް ބައްދަލުވުމުގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބައިވެރިވެ ވަޑައިގެންނެވިއިރު ޓްރަމްޕަކީ ނޭޓޯގެ ދިފާއީ ދައުރާމެދު ކުރިން ޝައްކުގެ ނަޒަރަކުން ވާހަކަ ދައްކަވާފައިވާ ބޭފުޅެކެވެ. ނަމަވެސް ނޭޓޯގެ އިސްވެރިންގެ ޖަލްސާގައި ޓްރަމްޕް ދެއްވި ޚިތާބުގައި ނޭޓޯގެ ދިފާއީ ދައުރަށް ތާރީފު ކުރައްވައި އަދި އެ ދައުރު ދިފާއުކުރައްވައި ޓްރަމްޕް ވާހަކަ ދެއްކެވިއެވެ. އަދި ނޭޓޯގެ އަސާސީ ޕްރިންސިޕަލް ކަމަށްވާ ކޮލެކްޓިވް ޑިފެންސް ނުވަތަ ދިފާއީކަންކަމުގައި އެމެރިކާއާއި ވިލާތުގެ ޤައުމުތައް ގުޅިގެން މަސައްކަތް ކުރުމުގެ ޕްރިންސިޕަލަށް އިހްތިރާމް ކުރައްވާކަމުގެ ޔަގީންކަންވެސް ދެއްވިއެވެ. ނަމަވެސް އެމެރިކާގެ ބަޖެޓުން ނޭޓޯއަށް ކުރަންޖެހޭ ޚަރަދުތައް ބޮޑުކަމުގެ ޝަކުވާ ޓްރަމްޕް ކުރެއްވިއެވެ. މީގެބަދަލުގައި ނޭޓޯގެ މެންބަރު ކޮންމެ ޤައުމަކުންވެސް އެޤައުމެއްގެ ޤައުމީ އާމްދަނީގެ މަދުވެގެން 2 އިންސައްތަ ދިފާއީ ކަންކަމަށް ޚަރަދުކުރުމަށް ޓްރަޕް އެދިވަޑައިގެންނެވިއެވެ. ޓްރަމްޕްގެ ތަޤްރީރާ ގުޅިހެން ނޭޓޯގެ ސެކްރެޓަރީ ޖެނެރަލް ޔެންސް ސްޓޯލްޓަންގާބް ވިދާޅުވީ ނޭޓޯގެ އަސާސީ ޕްރިންސިޕަލް ކަމުގައިވާ ގުޅިފައިވާ ދިފާއަށް އިހްތިރާމް ކުރައްވާނެކަމުގެ ޔަގީންކަން ޓްރަމްޕް ދެއްވުމުން ނޭޓޯގެ ލީޑަރުންނަށް ހިތްހަމަޖެހުން ލިބިވަޑައިގެންނެވި ކަމަށެވެ. ނަމަވެސް ވިލާތުގެ ޤައުމުތަކުން ނޭޓޯއަށް ކުރަންޖެހޭ ދިފާއީ ހޭދަބޮޑުކުރަންޖެހޭ މައްސަލާގައި ކަންބޮޑުވުންތަކެއް އެބަހުރި ކަމަށާ އެކަން ހައްލުކުރުމަށް އިތުރު މަޝްވަރާތައް ކުރަންޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.