މެންޗެސްޓަރގެ ޙަމަލާއާ ގުޅުންހުރިކަމަށް ބެލެވޭ އިތުރު ބަޔަކު ހައްޔަރުކޮށްފިއެވެ.
ގްރޭޓަރ މެންޗެސްޓަރގެ ފުލުހުންގެ ވެރިޔާ އިޔާން ހޮޕްކިންޒް ވިދާޅުވީ މެނެޗެސްޓަރ އަށް ދިން ޙަމަލާއާ ގުޅުންހުރިކަމަށް ބެލެވިގެން މިހާތަނަށް 4 މީހުން ހައްޔަރުކޮށްފައިވާ ކަމަށެވެ. މިދިޔަ ހޯމަދުވަހުގެ ރޭ މެންޗެސްޓަރ އެރީނާ ހޯލްގައި އޮތް ހަފްލާއަކަށް މީހަކު އަމިއްލައަށް މަރުވެގެން ދިން ޙަމަލާގައި 22 މީހުން މަރުވެ 59 މީހުން ޒަޚަމްވެފައިވާއިރު އެ ޙަމަލާ ދިނީ އިނގިރޭސިވިލާތަށް އުފަން ލީބިޔާގެ ރައްޔިތެއްކަމަށްވާ ސަލްމާން އުބައިދީކަން ކަށަވަރުވެފައިވާ ކަމަށް އެ ޙާދިސާ ތަހްގީގު ކުރާ އިނގިރޭސި މުހައްގިގުން ވިދާޅުވެއެވެ. މި ތަހްގީގުތަކަށް ލީބިޔާ ސަރުކާރުންވެސް ގެންދަނީ އެއްބާރުލުން ދެމުންނެވެ. މިގޮތުން އިނގިރޭސި ފުލުހުންގެ އެދުމުގެ މަތިން ލީބިޔާގެ ވަތަނީ އެއްބައިވަންތަކަމުގެ ސަރުކާރުގެ ފުލުހުން ވަނީ މެންޗެސްޓަރގެ ޙަމަލާގައި މަރުވި ސަލްމާން އުބައިދީގެ ބައްޕައާއި އޭނާގެ އެއްބަނޑު އެއްބަފާ ބޭބެ ލީބިޔާގެ ވެރިރަށް ޓްރިޕޮލީގައި ހައްޔަރުކޮށްފައެވެ.
މި ދެމީހުންނަކީވެސް އައިއެސް ޖަމާއަތާ ގުޅުންހުރި ދެމީހުން ކަމަށް ވަނީ ތުހުމަތުކުރެވިފައެވެ. މެންޗެސްޓަރގެ ޙަމަލާގެ ޒިންމާ އުފުލާފައިވަނީ އައިއެސް ޖަމާއަތުންނެވެ. އެ ޖަމާއަތުން ވަނީ މިފަދަ އިތުރު ޙަމަލާތައް އިނގިރޭސިވިލާތަށް ދޭނެކަމުގެ އިންޒާރުވެސް ދީފައެވެ. ލީބިޔާގެ ކުރީގެ ޒައީމް ކާނަލް މުއައްމަރުލް ގައްޒާފީގެ ވެރިކަން 2011 ވަނަ އަހަރު ވައްޓާލުމަށްފަހު ލީބިޔާގައިވަނީ ވާދަވެރި ސަރުކާރުތަކެއް އުފެދި ޤައުމު ބައިބައިވެފައެވެ. މިކަމުގެ ނަތީޖާއެއްގެ ގޮތުން ލީބިޔާގައި ވަކިހިއްޕާލުމުގެ ފުރުސަތު އައިއެސް ޖަމާއަތަށް ވަނީ ވަރަށް ބޮޑަށް ތަނަވަސްވެގެން ގޮސްފައެވެ. މެންޗެސްޓަރގެ ޙަމަލާގެ ތަހްގީގުތަކުގެ އަލީގައި އިނގިރޭސި ދާޚިލީ ވަޒީރު އަންބާ ރުޑް ވިދާޅުވެފައިވަނީ މެންޗެސްޓަރގެ ޙަމަލާދިން އުމުރުން 22 އަހަރުގެ ސަލްމާން އުބައިދީ ވަރަށްފަހުން ވަނީ ލީބިޔާއަށް ދަތުރެއް ކުރުމަށްފަހު އެނބުރި އިނގިރޭސިވިލާތަށް އައިސްފައިވާ ކަމަށެވެ. އޭނާ އާއި އައިއެސް ޖަމާއަތާ ގުޅުންވާކަމުގެ މައުލޫމާތު ލިބިފައިވާކަން ފަރަންސޭސިވިލާތުންވެސް ހާމަކޮށްފައިވެއެވެ. ފަރަންސޭސި ދާޚިލީ ވަޒީރު ގެރާޑް ކޮލޮމްބް ވިދާޅުވީ ސަލްމާން ސޫރިޔާއަށްވެސް ގޮސްފައިވާކަމުގެ މައުލޫމާތުވެސް ލިބިފައިވާ ކަމަށެވެ. މެންޗެސްޓަރ އެރީނާ ހޯލަށް ދިން ޙަމަލާއާއެކު މުޅި އިނގިރޭސިވިލާތަށް ސިހުން ލިބިފައިވާއިރު މިފަދަ ޙަމަލާތަކުގެ ޝިކާރައަކަށް ވެދާނެކަމުގެ ބިރު ވިލާތުގެ އެހެން ސިޓީތަކުންވެސް ގެންދަނީ ތަހައްމަލު ކުރަމުންނެވެ. މެންޗެސްޓަރގެ ޙަމަލާއާއެކު ލަންޑަން، ޕެރިސް، ބާލިން ބްރަސަލްސް، ސެންޕީޓާސްބާގް ފަދަ ވިލާތުގެ ބޮޑެތި ސިޓީތަކުގައިވަނީ ފަހުގެ ތާރީޚެއްގައި ނާޅާ ފެންވަރަށް ސަލާމަތީ ފިޔަވަޅުތައް ވަނީ އަޅާފައެވެ. މީގެތެރެއިން ލަންޑަން އާއި ޕެރިސް އާއި ބްރަސަލްސްއަކީ މީގެކުރިންވެސް ޓެރަރިސްޓް ޙަމަލާތަކުގެ ޝިކާރައަކަށްވެފައިވާ ސިޓީތަކެވެ.