އޯޓިޒަމް ސްކޫލްގެ ދަރިވަރުން އަނަންތަރާ ދިގު މޯލްޑިވްސް ރިސޯޓަށް ގެންގޮސް އެ ރިސޯޓްގެ މުވައްޒަފުންނާއެކު ވަގުތު ހޭދަކުރުމުގެ ފުރުސަތު ދީފިއެވެ. މިއީ އަނަންތަރާ ހޮޓެލް އެންޑް ރިޒޯޓްސްގެ މައިނަރ ފައުންޑާރސް ޑޭ ފާހަގަކުރުމުގެ ކުރިއަށް ގެންދިޔަ ޙަރަކާތެކެވެ.
އަނަންތަރާ ހޮޓެލް އެންޑް ރިޒޯޓްސްގެ މައިނަރ ފައުންޑާރސް ޑޭ ފާހަގަކުރުމުގެ ގޮތުން ކޮންމެ އަހަރަކުވެސް އެކިއެކި އިޖުތިމާޢީ ހަރަކާތްތައް ހިންގަމުންގެންދެއެވެ. އަނަންތަރާ ހޮޓެލް އެންޑް ރިޒޯޓްސްއިން މި ދުވަސް ފާހަގަކުރަނީ އެކުންފުނީގެ ވެރިޔާގެ އުފަންދުވަހާއި ގުޅުވައިގެންނެވެ. މިއަހަރު މި ދުވަސް ފާހަގަކުރުމުގެ ގޮތުން އޯޓިޒަމް ސްކޫލްގެ ދަރިވަރުން އަނަންތަރާ ދިގު މޯލްޑިވްސް ރިސޯޓަށް ގެންގޮސް އެރިސޯޓްގެ މުވައްޒަފުންނާއެކު ވަގުތު ހޭދަކުރުމުގެ ފުރުޞަތު ވަނީ ދީފައެވެ. މި ދަތުރުގައި އޯޓިޒަމް އެސޯސިއޭޝަންގެ 10 ކުދިންނާއި އެ އެސޯސިއޭޝަންގެ 10 ޓީޗަރުން ބައިވެރިވިއެވެ. މިދަތުރުގައި އެ ރިސޯޓްގެ ކިޑްސް ކްލަބްގައި އެކިކަހަލަ ކުޅިވަރުތައް ކުޅުމުގެ ފުރުޞަތު މިކުދިންނަށް ލިބިގެންދިޔައެވެ. މި ޕްރޮގްރާމާބެހޭ ގޮތުން މަޢުލޫމާތު ދެއްވަމުން އަނަންތަރާ ދިގު މޯލްޑިވްސް ރިސޯޓްގެ ޑައިރެކްޓަރ އޮފް ރިޒަވޭޝަން އަޙުމަދު ތާޢިފް ވިދާޅުވީ، މައިނަރ ފައުންޑާރސް ޑޭއާއި ގުޅުވައިގެން މުޖުތަމަޢުއަށް ފައިދާހުރި އެކިއެކި ޙަރަކާތްތައް ރާވަމުންދާ ކަމަށެވެ.
އޯޓިޒަމް އެސޯސިއޭޝަނުން ހިންގާ ތަފާތު އެކިއެކި ހަރަކާތްތަކަށް އަނަންތަރާ ރިސޯޓުން ދޭ އެހީތެރިކަން ފާހަގަކޮށް އޯޓިޒަމް އެސޯސިއޭޝަންގެ މެނޭޖިންގ ޑިރެކްޓަރ އިފްހާމް ޙުސައިން ވަނީ މިފަދަ ފުރުޞަތެއް އޯޓިޒަމް ކުދިންނަށް ދިނީތީ އެރިސޯޓަށް ޝުކުރު އަދާކުރައްވާފައެވެ.
މައިނަރ ފައުންޑާރސް ޑޭ ފާހަގަކުރުމުގެ ގޮތުން މިދިޔަ އަހަރު އެ ރިޒޯޓަށް ގެންގޮސްފައިވަނީ ހުޅުމާލޭގައި ހުންނަ ފިޔަވަތި ހިޔާގެ ކުދިންނެވެ.