އީރާނުގެ ރިޔާސީ އިންތިޚާބުގެ ވޯޓުގެ ދެބައިކުޅައެއްބައި ގުނާ ނިމިފައިވާއިރު މި އިންތިޚާބުގައި ބޮޑު ތަފާތަކުން ކުރީގައި އުޅެނީ އެޤައުމުގެ މިހާރުގެ ރައީސް ހަސަން ރޫޙާނީއެވެ.
އީރާނުގެ ދައުލަތުގެ މީޑިއާ މެދުވެރިކޮށް އެޤައުމުގެ އިންތިޚާބާ ބެހޭ ކޮމިޓީގެ ވެރިޔާ ޢަލީ އަސްގަރް އަޙްމަދު އިޢުލާނުކުރި އިންތިޚާބުގެ ވަގުތީ ނަތީޖާގައި ރޫޙާނީއަށް ވަނީ މިހާތަނަށް ގުނާފައިވާ 25.9 މިލިއަން ވޯޓުގެ ތެރެއިން 14.6 މިލިއަން ވޯޓު ލިބިފައެވެ. ރޫޙާނީއާއި އެންމެ ގާތުން ވާދަކުރާ އިބްރާހީމް ރައިސީއަށް ލިބިފައިވަނީ 10.1 މިލިއަން ވޯޓެވެ.
އީރާނުގެ ރިޔާސީ އިންތިޚާބުގެ ވޯޓުލުން އިއްޔެ އެޤައުމުގައި ބާއްވާފައިވާއިރު ވޯޓުލުމަށް ރަޖިސްޓްރީ ކޮށްފައިވާ 56 މިލިއަން މީހުންގެ ތެރެއިން 40 މިލިއަން މީހުން ވޯޓުލުމަށް އިއްޔެ ނިކުމެފައިވާ ކަމަށް ވަނީ ބެލެވިފައެވެ.